ޔޫރޯ ގްރޫޕްގެ ދެވަނަ ހޯދައި ޑެންމާކުން ގަދަ 16 ޔަގީންކޮށްފިއެވެ.

މިރޭގެ މެޗަށް ނުކުތްއިރު، ޕޮއިންޓެއް ނުލިބި އޮތް ޑެންމާކުން ރަޝިއާ 4-1 އިން ބަލިކޮށް ގަދަ 16 ޔަގީންކުރީ ބެލްޖިއަމް އަތުން 2-0 އިން ފިންލޭންޑް ބަލިވުމުގެ ފައިދާ ނަގައިގެންނެވެ. ހޯމްގައި ޑެންމާކު ކުޅުނު މެޗު ނިމިގެންދިޔަ އިރު، ސަޕޯޓަރުންގެ އުފާފާޅުކުރުން ފެނުނީ އާދަޔާ ހިލާފަށް ފޯރިގަދަކޮށެވެ. މިއީ ޑެންމާކަށް އުނދަގޫ ގްރޫޕް ސްޓޭޖެއް ނަމަވެސް އެޓީމުގެ އެނބުރި އައުން ހިތްގައިމެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޑެންމާކާއި ރަޝިއާއަށްވެސް ގަދަ 16ގެ ފުރުސަތު އޮތެވެ. ގްރޫޕްގައި ގަދަ ދެއަކުން ހަމައެކަނި ޖާގަ ޔަގީން ކޮށްފައި އޮތީ ބެލްޖިއަމްއެވެ. އަނެއް ތިން ޓީމަށްވެސް ފުރުސަތު އޮތެވެ. މިރޭގެ މެޗުން މޮޅަކާއެކު ރަޝިއާއަށް ގަދަ 16 ޔަގީންވާ އިރު، ރަޝިއާ އެއްވަރު ވެއްޖެނަމަ އެޓީމަށް ގަދަ 16 ލިބޭނީ އެއް ވަގުތެއްގައި ކުޅުނު މެޗުގައި ފިންލޭންޑަށް ބެލްޖިއަމް ބަލި ނުކުރެވިއްޖެ ނަމައެވެ.

ޑެންމާކަށް ދެވަނަ ޓީމުގެ ގޮތުގައި ނިންމައިލެވެން އޮތީ ރަޝިއާ ބަލިކޮށް، ބެލްޖިއަމް އަތުން ފިންލޭންޑް ބަލިވެއްޖެނަމައެވެ. އެ ހާލަތުގައިވެސް މެޗުތަކުގައި ޖަހާ ގޯލުގެ އަދަދުން ފައިދާ ގޯލުގެ އެހީ ޑެންމާކަށް ބޭނުންވެއެވެ. ގްރޫޕްގެ ތިން ޓީމަށްވެސް ފުރުސަތު ބޮޑުކޮށް އޮތް އިރު، ގްރޫޕްގެ ތިން ޓީމު، ބެލްޖިއަމް، ރަޝިއާ، ފިންލޭންޑްވެސް ހަ ޕޮއިންޓުގައި ގްރޫޕް ނިންމާލައިފިނަމަ، އެޓީމުތައް ގްރޫޕުގައި ތަރުތީބުވާން އޮތީ ފައިދާ ގޯލަށް ބެލިގެންނެވެ.

އެފަދަ ނަތީޖާތަކަކުން ގްރޫޕް ނިމިއްޖެ ނަމަ ތިން ޓީމުވެސް ގަދަ 16 އަށް ދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވާނެއެވެ. އެއީ އެންމެ މޮޅު ތިންވަނަ ޓީމުތަކުގައި ހަ ޕޮއިންޓް ލިބިފައިވާ އެހެން ޓީމެއް ހިމެނުމަކީ ނާދިރު ކަމަކަށް ވާނެތީއެވެ.

ޑެންމާކަށް މިއީ އަސަރުގަދަ، ހިތްދަތި ކަންތައްތަކަކާ ކުރިމަތިވި މުބާރާތެކެވެ. އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ފިންލޭންޑާ ދެކޮޅަށް ނުކުތް އިރު، ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމުގެ ހަނދާންތައް އަދިވެސް ޓީމުގެ ކުޅުންތެރިންގެ ހަނދާނުގައި ހުންނާނެކަން ޔަގީނެވެ. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މިރޭގެ މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަތަނެވެ. ހަމަލާއެއް ނުފެނި 15 ވަރަކަށް މިނެޓް ދިޔައިރު، ބޮޑަށް ޑައިރެކްޓް ވިސްނުމެއްގައި އެޓޭކް ކުރަން ވިސްނާފައި އޮތީ ޑެންމާކެވެ.

އެހެންނަމަވެސް ފުރަތަމަ ހަމަލާ ފެނުނީ ރަޝިއާގެ ފަރާތުންނެވެ. ހިތްގައިމުކޮށް ޑެންމާކު ދެކުޅުންތެރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ އެލެކްސެންޑްރާ ގޮލޮވިން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްއެވެ.

ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވާ އިރު، ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ މެދު ތެރޭގައެވެ. ފިޒިކަލް ޗެލެންޖުތަކެއް މެދުތެރެއިން ފުރަތަމަ ހާފުގައި ފެނިފައިވާ އިރު، ޑެންމާކުގެ ނުރައްކާތެރި ހަމަލާއެއްވެސް ފެނުނެވެ. ޓޮޓެންހަމްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޕިއާ އެމީލް ހޮއިބިއާ މެދުން ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތި ދަނޑިކައިރިން ބޭރަށެވެ.

ހޯމްގައި ކުޅެމުންދިޔަ ޑެންމާކުން މެޗުގައި ލީޑު ނެގީ 37 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ޑެމްސްގާޑު ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކަނަށް އަމާޒުކޮށްލައި ޑެންމާކުން ލީޑު ނަގައި ޕާކެން ސްޓޭޑިއަމް ގުގުމާލިއެވެ. ޑެންމާކުގެ އުންމީދީ އެ ގޯލާއެކު އެޓީމުން ހިތްވަރު އާކުރިއެވެ.

އެޓީމުން ހިތްވަރާއެކު ކުރިއަށްޖެހި ކުޅެން ފެށިއެވެ. ސަޕޯޓަރުންގެ އަޑު އިންތިހާއަށް ބާރުކަން ފާހަގަކޮށްލެވުނެވެ. ހާފުގެ ކުރީކޮޅުގައި ޑެންމާކުން ލީޑު ފުޅާވެސް ކުރިއެވެ. ރަޝިއާގެ ޑިފެންޑަރު ދިން ބެކް ޕާހަކަށް ކުރިއަށް އަރައި، އެ ބޯޅަ ހޯދައިގެން ޔޫސުފް ޕައުލްސަން ބޯޅަ ފޮނުވާލީ ހުސް ގޯލަކަށެވެ. އެ ގޯލާއެކު ޑެންމާކުން ފައިދާ ގޯލުގެ ފަރަގުވެސް ކުޑަކޮށް ގަދަ 16ގެ ޔަގީން ޖާގައަކަށް އުންމީދު އާކުރިއެވެ.

އެހެންނަމަވެސް އެ އުފާވެރިކަން ދެމި އޮތީ ކުޑައިރުކޮޅަކަށެވެ. މެޗުގެ 67 ވަނަ މިނެޓުގައި ރަޝިއާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެޓީމުގެ ކެޕްޓަން ޒޫބާ، ރަޝިއާއަށް އުންމީދު އާކޮށްދިނެވެ. އަނެއްކޮޅުން ބެލްޖިއަމްއާއި ފިންލޭންޑް މެޗު އެއްވަރުވަމުން ދިޔުމާއެކު ޑެންމާކަށް އޮތް ފުރުސަތަށް އެކަންވީ މާޔޫސް ކަމަކަށެވެ. އަދި އެ މެޗުން ބެލްޖިއަމް މޮޅުވަމުން ދިޔުން ވެގެން ދިޔައީ ޑެންމާކަށް އިތުރު ފައިދާއަކަށެވެ.

އެހެންނަމަވެސް ޑެންމާކުން ހިތްވަރެއް ގެއްލުވައި ނުލިއެވެ. ހައިރާން ކުރަނިވި ހިތްވަރާއެކު، އެޓީމުން ފުލުފުލުގައި އިތުރު ދެ ގޯލު ޖެހިއެވެ. ކްރިސްޓަންސަން ދުރުން ފޮނުވާލި ބާރު ހަމަލާއާއެކު ޑެންމާކު ގަދަ 16 އަށް ދިއުމާ ފިޔަވަޅެއް ގާތަށް ޖެހިލި އިރު، ގަދަ 16 ޔަގީން ކޮށްދިނީ މައެލޭގެ ގޯލާއެކުގައެވެ. ޑެންމާކުން ޕާކެން ސްޓޭޑިއަމް ކައްކުވައިލިއެވެ. އުނދަގޫ މެޗުތަކެއްގެ ތެރެއިން އައިސް، ފަހު މެޗުގައި ތަފާތު ކުޅުމެއް ދައްކާ ޑެންމާކު ގަދަ 16 އަށް ދެމިގަތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ގްރޫޕުގެ އެއްވަނަ ބެލްޖިއަމަށް ލިބިފައި ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޑެންމާކު ގަދަ 16 ޔަގީން ކުރީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ފިންލޭންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު، ރަޝިއާ ކެޓީވެސް ތިން ޕޮއިންޓުގައި އޮވެ ފައިދާ ގޯލުގެ ތަފާތުންނެވެ.