ހުޅުމާލޭ ފޭސް ދޭއްގައި ގާއިމުކޮށްފައި ފްލެޓްތަކުގެ ތެރެއިން 16 ޓަވަރުގެ ތިރިން ކޮމާޝަލް ބޭނުންތަކަށް ހާއްސަކޮށްފައިވާ ބައިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި އެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެތަންތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ގްރޯސަރީ ސްޓޯރުތަކާއި ކެފޭ، ކްލިނިކް، ބޭސްފިހާރަ، ބޯކޮށާ ތަންތަން، ސެލޫން، ބުކްޝޮޕް، ޑޭކެއާ ސެންޓަރު އަދި ރީޓެއިލް ފިހާރަތައް ހިންގުމަށް ކަމަށެވެ.

އެޗްޑީސީން ކަނޑައަޅާފައިވާ މި ވިޔަފާރީތައް ހިންގުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުުރުމުގައި ބިޒްނަސް ޕްލޭނާއި ހުށަހަޅާ އަގަށް ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ފާމަސީތަކާއި ބޯކޮށާ ތަންތަނުގެ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި ހަމައެކަނި ބަލާނީ ލީސް ކުރަން ހުށަހަޅާ އަގަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓްގައި ހިމަނާފައިވާ އިރު، ޕްރޮޕޯޝަލް ރިކުއެސްޓް ވެސް https://properties.hdc.com.mv/ އިން ލިބިވަޑައިގަންނަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ހަދައިފައިވާއިރު، އެތަނުގައި ޖުމުލަ 7000 ހައުސިން ޔުނިޓް ހިމެނެއެވެ.

އެތަންތަން ލިބޭ މީހުންގެ ލިސްޓް އާންމު ކޮށްފައި ވީ ނަމަވެސް ފުލެޓްތަކަށް މީހުން ވަދެ ދިރިއުޅެން ފެށުމުގެ ކުރިން ފޯރުކޮށްދޭން ޖެހޭ ގިނަ ހިދުމަތްތަކެއް އަދި ވެސް ވަނީ ފުރިހަމަ ނުކުރެވި އެވެ. އަދި ފްލެޓްތަކުގެ ފިނިޝިން ގިނަ މަސައްކަތްތަކެއް ވެސް ކުރަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.