ދިވެހިރާއްޖޭގެ ތާރީޚު

ޑރ. ވަހީދުގެ ކޮލަމް: އޮޅުއަލައަކީ ފައިދާހުރި ކާނާއެއް، އިތުރު ސަރަހައްދުތަކުގައި ހައްދައި ބޭނުންކުރެވިދާނެ އެއްޗެއް

ޑރ. އަބްދުﷲ ވަހީދު

އޮޅު އަލައަކީ ވަރަށް ގިނަ ޤައުމުތަކުގައި ހައްދާ ފަލަމަޑީގެ ބާވަތެކެވެ. ދިވެހި ރާއްޖޭގައި އާއްމުކޮށް އަލަ ހައްދަނީ ހައްދުންމަތިން ފެށިގެން ދެކުނުގައެވެ. އެ ހިސާބުގަނޑުގައި އިހުގައި އަލައަކީ ކެއުމުގެ މައި ގަނޑު ބަޔެވެ. ރާއްޖޭގައި ގިނައިން ހައްދަނީ އަލައިގެ ދެ ބާވަތެކެވެ. އެއީ އޮޅުއަލައާއި (ނުވަތަ ބޮމްބައިއަލައާއި) ފުރެއްދެ އަލައެވެ. މީގެ އިތުރުން އެހެން ބާވަތްތައް މަދުމަދުން ހައްދައެވެ. ރަތް އަލައަކީ މީގެ ތެރެއިން އެއް ބާވަތެވެ. އަނެއް ބާވަތަކީ ބޮޑު އަލައެވެ. (އެއީ އަދި ފުރެއްދެ އަލައް ނޫނެވެ. އެއީ އޮޅުގައި ހެދޭ ތަންކޮޅެއް ބޮޑު ބާވަތެކެވެ.) މީގެ އިތުރަށް އަލަ އޮޅުގައި އަމިއްލައަށް ފަޅައިގެން ހެދޭ ކަހަނަލަ (ފުވައްމުލަކު ބަހުން މައުނަ) ފަދަ ވިހަ ބާވަތްތައް ވެސް ހުރެއެވެ.

އަލައަކީ އަރަކޭސީ އާއިލާގެ ގަހެކެވެ. އެ އާއިލާގެ އެންމެ ގިނައިން ހައްދާ ގަހަކީ އަލައެވެ. މައިގަނޑު ކެއުމެއްގެ ގޮތުގައި އިންސާނުން އެންމެ ކުރިން ހެއްދި ގަހަކީ އަލަކަމަށް ޤަބޫލުކުރެވެއެވެ. މި ޒަމާނުގައި އެންމެ ގިނައިން އަލަ ހައްދަނީ ދެކުނު ޕެސިފިކްގެ ޖަޒީރާތަކާއި އިންޑޮނީޝިއާއާއި ދެކުނު އޭޝިއާގައެވެ. އެހެނަސް ދުނިޔޭގެ އެންމެ ފިނި ޤައުމުތައް ފިޔަވައި ހުރިހާ ތަނެއްގައި ވެސް އަލަ ހެދެއެވެ.

ދިވެހިރާއްޖެއަށް އަލަ އައީ ކޮން ތަނަކުން ކަމެއް ޔަޤީން ކޮށް އެނގޭކަށް ނެތެވެ. ޔަޤީންވާ ކަމަކީ އައިސްފައި ވާނީ ދިވެހިން ކުރީ ޒަމާނުގައި ގޮސް އުޅުނު ޤައުމަކުން ކަމެވެ. އެ ގޮތުން ބަލާއިރު ފާހަގަކޮށްލެވެނީ ސިލޯނާއި އިންޑިއާގެ ހުޅަނގު އައްސޭރި އާއި އަސޭކަރައެވެ. މީގެ ތެރެއިން އެންމެ ގިނައިން އަލަ ހައްދަނީ އަސޭ ކަރައިގައެވެ. އެއާ ގާތަށް ވެސް އަނެއް ދެ ޤައުމުގައި ނަހައްދައެވެ. "އަލަ" މި ނަމާ އެންމެ ގާތް ނަމެއް ބޭނުންކުރަނީ ސިލޯނުގައެވެ. އެއީ "ކިރި އަލަ"އެވެ. އައްޑޫގައި އޮޅުއަލައަށް ބޭނުނުންކުރާ އެއް ނަމަކީ "ބޮމްބައި" އަލައެވެ. ނަމަވެސް އިންޑިއާގެ މުމްބައި ނުވަތަ ބޮމްބޭއަކީ އެހާ ގިނައިން އަލަ ހައްދާ ތަނެއް ނޫނެވެ. އަދި އެ ރަށު ބަހުން އަލައަށް ކިޔާ ނަމާ ރާއްޖޭގަ ކިޔާ ނަމާ އެއްވެސް ގުޅުމެއް ނެތެވެ. މި ކަންކަން މިހެން ހުރުމުން މި މައްސަލާގައި ގޮތެއް ނިންމަން ވަރަށް ދައްޗެވެ.

އޭގެ ނަމުން ވެސް ދޭހަވާފަދައިން އޮޅު އަލަ ހައްދަނީ އޮޅުގައެވެ. އޮޅަކީ އެކަމަށް، އަޑިކޮށް ތައްޔާރު ކޮށްފައި އޮންނަ ޗަސް ބިމެކެވެ. އެ ތަނަށް އެރުނީމާ ކަކުލާ ހަމައަށް ނުވަތަ އެއަށްވުރެ ތަންކޮޅެއް ފުނަށް ގަނބައިގަންނާނެއެވެ. އިހުގައި އަންހެން ވެރިން އޮޅަށް އެރެނީ ކަނޑިކިން ވަރަށް މައްޗަށް ފޫގަޅައިގެންނެވެ. އެހެން ތިބޭއިރު ފައި އެއްކޮށް ހެން ހާމަވާނެއެވެ. އެހެނަސް އެޒަމާނުގެ ފިރިހެންވެރިންގެ އަޚުލާގު ރަނގަޅު ކަމުން މަންޒަރު ބަލަން އޮޅުކައިރިއަށް ގޮސް ނަހަދައެވެ. އޮޅުގެ ފަސްގަނޑު މޮޅުކުރުމަށްޓަކައި އެ ތަނުގައި ވިނަގަހާއި ބަނބުކޮޔޮ ފަތް ފަދަ އެއްޗެތި ވަޅުލައެވެ. އެހެން ހެދީމާ އޮޅުގެ އަޑި ހަރުވެސް ވެއެވެ.

ރާއްޖޭގައި އޮޅު އަލަ މުޅިން ވެސް ހައްދަނީ އޮޅުގައެވެ. އެހެނަސް ބޭރު ޤައުމުތަކުގައި ގިނައިން އެ ހައްދައި އުޅެނީ ފެން ހަރުނުލައި އޮހޮރިގެންދާ ތަންތަނުގައެވެ. ރާއްޖޭގައި ވެސް ފުރެއްދެ އަލަ ހައްދަނީ ގަމުތެރޭގައި ގޯތީގައެވެ.

އަލަ އިންދުމަށް ވަކި މޫސުމެއް ނޯވެއެވެ. ވާރޭ ވެހި ފެން ބޮޑުވެފައި ނެތް ކޮންމެ އިރަކު ވެސް އިންދި ދާނެއެވެ. އެއް ތަންކޮޅެއްގައި އިންދާނީ އަހަރަކު އެއް ފަހަރުއެވެ. ބައެއް މީހުން 6 މަހުން ވެސް އިންދައެވެ. ކޮންމެ މުއްދަތަކުން އިންދިޔަސް އެކި ފަހަރު އިންދަނީ އެކި ތަންތަން ކޮޅުގައި ކަމުން މުޅި އަހަރުތެރޭގައި އަލަ ކާން ލިބޭނެއެވެ.

އަލަ ކަނޑާއިރު ގަހާއި އެއްކޮށް އަލަބުރިން ސޫތެއްހާ ތަންކޮޅެއް ބަހައްޓައެވެ. އެއީ އަލުން އިންދުމަށްޓަކައެވެ. އެބައިގައި ކޮންމެވެސް ވަރަކަށް މޫ ހުރިއްޔާ ގަސް ރޯވެ ހެދެން ފަސޭހަވާނެއެވެ. ގަސް އިންދުމަށް ފުރަތަމަ ގަހުގެ ބުޑުގައި އަތުގެ ބޮޑުވާ އިނގިއްޔާ ޝަހާދަތް އިނގިލިން ހިފަހައްޓައެވެ. ދެން ފަސްގަނޑުގެ ތެރެއަށް އިނގިއްޔެއްގެ ދިގުމިނަށް ކޮއްޕާލާނީއެވެ. އިންދުމުގައި އާއްމުކޮށް ދެ ގަސް ދޭތެރޭގައި ފޫޓެއް ބަހައްޓާނެއެވެ. އެންމެ ކައިރިކުރިޔަސް 6 އިންޗި ބަހައްޓަން ޖެހެއެވެ. އެއަށްވުރެން ކައިރި ވީމާ ކުރި ހެދެން ޖާގައެއް ނޯވެއެވެ.

އޮޅު އަލައަކީ ފަތް ބޮޑު ގަހެކެވެ. އޮޅުއަލަ ފަތް ހުންނަނީ ކުކުޅު ބިސް ބުރަށް ގާތް ގާތްގަނޑަކަށް 10 އިނޗި، 6 އިންޗި ސައިޒުގައެވެ. ކަހަނަލަ ގަހުގެ ފަތް ކޮޅަށް ހިމަވާނެއެވެ. މިގޮތުން އެއާ އޮޅުއަލަ ފަތާ ތަފާތު ކުރެވޭނެއެވެ. ފަތުގައި ގާތްގަނޑަކަށް 15 އިންޗީގެ ތަނޑެއް ހުރެއެވެ. ފަތުގެ ކުލައަކީ ގަދަފެހި ފުސް ކުލައެކެވެ. އޮޅުއަލަ ފަތުގެ އެންމެ ޚާއްސަ ސިފައަކީ އޭގައި ފެން ހަރުނުލާކަމެވެ. އެއަށް ފެންފޮދުފޮދު އެޅުނީމާ މުތެއްހެން އޮވެފައި އޮހިގެން ދަނީއެވެ. މިހެން ވުމުގެ ސިއްރު މިހާރު ވަނީ ދިރާސާތަކުން ހޯދާފައެވެ. އެއީ މައިކްރޯސްކޯޕުން ފެންނަ ސައިޒުގައި ފަތުގެ އެތެރޭގެ ވިއުގައާއި ސެލްތައް އެތުރިފައި ހުންނަގޮތުން ވާކަމެކެވެ.

ފުރެއްދެ އަލަ ފަތަކީ އޮޅު އަލަ ފަތަށްވުރެން މާ ބޮޑު، ބިސްބުރަށް ހުންނަ އެއްޗެކެވެ. ބޮޑުމިން ގާތްގަނޑަކަށް 3 ފޫޓް 4 ފޫޓްވަރު ވާނެއެވެ. އޭގައި ދެތިން ފޫޓްގެ ތަނޑެއް ހުންނާނެއެވެ. ފުރެއްދެ އަލަފަތުގެ ކުލަ އޮޅު އަލަ ފަތުގެ ކުލައަށް ވުރެ އަލިވާނެއެވެ. ކުރިން އެފަތުން ވަރަށް އާދައާ ޚިލާފު ބޭނުމެއް ކުރިއެވެ. އެއީ ވާރޭ ވެހޭ ދުވަސްވަރު ކުޑައެއްގެ ބޭނުން ކުރުމެވެ.

ފުރެއްދެ އަލަ ގަހުގައި އަޅާ މައު ހުންނަނީ މަޑު ރީނދޫ ކުލައިގައި ބަނބުކެޔޮ ގަހުގެ ތޮޅީގެ ސިފައަށެވެ. މާ އޮންނާނީ އުރައެއްގެ ތެރޭގައެވެ. އުރައިގެ ކުލައަކީ ވަރަށް މަޑު، ހުދާ ގާތްކުރާ ރީނދޫ ކުލައެކެވެ. އެ މަލަކީ ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ.

ފުރެއްދެއަލައިގެ އަލަބުރިއަކީ އެއްބައި ބިމުގެ އަޑިއަށް އަނެއްބައި ބިމުން މައްޗަށް ހެދޭ އެއްޗެކެވެ. އަލަބުރި 5 އިންޗި ޑައަމީޓަރ ހުންނަވަރަށް ހެދެއެވެ. ދިގުމިން 3 ފޫޓް ވަރަށް ހެދެއެވެ. އޮޅުއަލައިގެ އަލަބުރީގެ ދިގުމިނުގައި 5 އިންޗި ވަރަށް ހުރެއެވެ. ހުރަހުގައި 2، 3 އިންޗި ހުރެދާނެއެވެ. އޮޅު އަލަބުރި ހެދެނީ ބިމުގެ އަޑިއަށެވެ.

އަލަ ކަނޑަނީ އަލަބުރި ބޮޑުވެ ފައްކާ ވީމައެވެ. ފައްކާ ވީކަން އެނގެނީ ގަސް ބަލިވެ ފަތްތައް ކުޑަކޮށް ރީނދޫ ވީމައެވެ. އޮޅުއަލަ ކަނޑަން ފުރަތަމަ ގަސް ލުއްސާލާނީއެވެ. ދެން މޫތައް ފިލުވާފައި ގަހާ އަލަބުރި ވަކިކޮށްލާނީއެވެ. ވަކިކުރާނީ ގަހާއެކު އަލަބުރިން ތަންކޮޅެއް އަލުން ހެއްދުމަށް ބަހައްޓާފައެވެ.

އަލައަކީ ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރުކޮށްގެން ކެވޭ އެއްޗެކެވެ. އިހުގައި އެންމެ ގިނައިން ކައި އުޅުނީ މެލުވައިގެން (ފެނުކައްކައިގެން)ނެވެ. ކައްކާއިރު ތެއްޔަށް އަޅިބޮނޑިއެއް ލައި އުޅުނެވެ. އެއިން އަލައިގައި ރަތް ކުލައެއް ޖެހެއެވެ. އަދި ވިހަފިލައި އަނގަ ކެހުން ކެނޑި ރަހަ މީރުވާ ކަމަށް ބުނެ އުޅެއެވެ. މެލުވި އަލަ ކަނީ ހުންޏާއެކީ މޮޑެގެން ލުނބޯ ހުތްފޮދެއް އަޅައިގެން ގަރުދިޔައާއިއެކުގައެވެ. ކުރީ ޒަމާނުގައި ދެކުނުގެ އަތޮޅުތަކުގައި އެންމެ ގިނައިން ކައި އުޅުނު ބަނޑު ކެއުމަކީ އަލައެވެ. ހަނޑޫ ތިޔާގިވީފަހުން ވެސް ވަރަށް ގިނަ ބަޔަކު މެންދުރު ގަޑީގައި އަލަކައި އުޅުނެވެ.

އެޒަމާނުގައި އަލައިން އެހެން ގިނަ ކާ ބާވަތްތަކެއް ވެސް ހަދައި އުޅުނެވެ. އެއިން އެކައްޗަކީ މަޑުކުރި އަލައެވެ. އެއީ އަލަ ކުދިކޮށް ކޮށައިފައި ހަކުރު އަޅައިގެން ހަދާ ދިޔާ އެއްޗެކެވެ. އަލަ ކަންޖަކީ އެއަށްވުރެ އޮލަކޮށް ހަދާ ފޮނި އެއްޗެކެވެ. އަލަ ހިއްޗަކީ ބަތާއެކު ކައި އުޅުނު ރިހައިގެ ބާވަތެކެވެ.

މި ޒަމާނުގައި އެންމެ މަޤުބޫލު އެއްޗަކީ ތެލުލި އަލައެވެ. އާއްމުކޮށް ތެލުލަނީ އޮޅުއަލައެވެ. އެހެނަސް ކޮންމެވެސް ވަރަކަށް ފުރެއްދެ އަލަ ވެސް ތެލުލައި އުޅެއެވެ. ތެލުލި އަލަކީ ހަވީރު ސަޔާއި އެކު ކާން ވަރަށް މީރު އެއްޗެކެވެ. ބައެއް މީހުން ކަނީ ރިހާކުރާ ޖަހައިގެންނެވެ.

ދަގަނޑު ފަތަފޮޅިއަކީ ކުރީގައި އޮޅުދޫ ދަތުރުތަކުގައި އޮޑިމަތީގައި ކާން ގެންގޮސް އުޅުނު، ގިނަ ދުވަސް ވަންދެން ނުބައި ނުވެ ހުންނަ އެއްޗެކެވެ. މި ފަހުން އަނެއްކާ ވެސް ދަގަނޑު ފަތަފޮޅި ގިނަވާން ފަށައިފިއެވެ. އެ ފަތަފޮޅި ހަދަން ފުރަތަމަ އަލަ މެލުވައި މަޑުކުރެއެވެ. ދެން ފުނޑައި ހިމުން ކުރެއެވެ. މި ޒަމާނުގައި އެކަން ކުރަނީ މިކްސަރުންނެވެ. އޭގެ ފަހުން ލޮނާއި އަސޭ މިރުހާއި އެހެނިހެން ހަވާދުގެ ބާވަތްތަކާއެކު މޮޑެފައި ގުޅަ ވަށާފައި ރޮއްޓެންހެން ދަމާފައި މުރަނަވަންދެން ފިހަނީއެވެ. މިހާރު ދަގަނޑު ފަތަފޮޅިވެސް ބޭނުންކުރަނީ ސައި ގަޑީގައެވެ.

އަލަ މެޓާ ހަދަން ވެސް ފުރަތަމަ އަލަ މަޑުކުރަނީއެވެ. ދެން ހަކުރާއި އެސެންސާއި ކުލަ އަޅައިގެން މޮޑެނީއެވެ. މެޓާ ހަދަނީ ފިލާގަނޑެއްގައި ކޮނެފައި ހުންނަ ތައްގަނޑު ތަކަކަށް އޮބައި ބައްޓަންކޮށްގެންނެވެ. ދެން ފިހެލަނީއެވެ. މެޓާ ހަދަނީ ޚާއްސަ ހަފުލާ ތަކަށެވެ.

އަލައަކީ ރާއްޖޭގައި ކުރިން ވެސް ހެއްދި އަދި މިހާރުވެސް ހައްދާ އެއްޗެކެވެ. އަދި މިހާރަށް ވުރެން ފުޅާ ދާއިރާއެއްގައި، ޚާއްސަކޮށް މިހާރު ނުހައްދާ ހިސާބުތަކުގައި ހެއްދިދާނެ އެއްޗެކެވެ. އެއީ ތަދު ދުވަސްތަކުގައި ދިވެހީންނަށް ބޭނުން ކުރެވޭނޭ އެއްޗެކެވެ.

***************

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.