ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ އިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ އިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ، ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދެވެ.
ސައީދު ދެ ގާނޫނަކަށް އެ އިސްލާހު ގެންނަން ހުށަހަޅުއްވާފައި ވެއެވެ.
އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި ސިވިލް ސާވިސްގެ ގާނޫނަށެވެ.
އެ ދެ ގާނޫނުގައި ވެސް މިހާރު އޮންނަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލުގެ ލަފަޔާއެކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ކައުންސިލުގެ ލަފަޔާއެކު ކަމަށް ބުނާ ބައި އުނިކުރަން އެ އިސްލާހުގައި ވަނީ ހުށަހަޅުއްވައިފައެވެ.
އެ ދެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުވެސް އަނބުރާ ގެންދަވާފައި މިވަނީ، އެ ދެބިލުވެސް މަޖިލީހަށް ހުށަހަޅައި އިބުތިދާއީ ބަހުސް ކުރިއަށް ދަނިކޮށް ބަހުސްގެ ތެރެއިންނެވެ. އަދި އެ ދެ ބިލުުގެ އިބްތާއީ ބަހުސްގައި، އިދިކޮޅު ފަރާތްތަކުން އެ އިސްލާހު ގެންނަން ދެކޮޅު ހަދާފައިވާއިރު، އެ ބިލު އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ގޮވާލައިފައެވެ.
ބިލު އަނބުރާ ގެންގޮސްފައިވާއިރު، ސަރުކާރުންވެސް ވަނީ އެ ބިލާ ދެކޮޅު ހަދައިފައެވެ.
އެ އިސްލާހާ ބެހޭގޮތުން ސަރުކާރުން ބުނެފައިވަނީ، ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާއިރު ކައުންސިލުތަކުގެ ލަފާ ހޯދާނެ ކަމަށެވެ.
އެ އިސްލާހާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެފައި ވަނީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގައި ކައުންސިލުގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައި އެވަނީ މި ސަރުކާރުން ގެނައި މުހިންމު އިސްލާހާއެކު ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި މެންބަރު އަހުމަދު ސައީދު އެ ދެ ބިލުވެސް އަނބުރާ ގެންދަވާފައިވާ ކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
އަފީފު ވިދާޅުވީ، ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ބިލާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލު އިއްޔެ އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް