ފުރަތަމަ ލޯތްބަކީ ހަގީގީ ލޯބި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެ ލޯބި ހާސިލުވަނީ މަދު ބަޔަކަށެވެ.
ޝިފާ (އަސްލު ނަމެއް ނޫން) ފަޒީލް (އަސްލު ނަމެއް ނޫން) ލޯބީގެ ގޮތުން ގުޅުނީ 2000ގެ ކުރީ ކޮޅުގަ އެވެ. މާލޭގައި އުޅެ ބޮޑުވި މި ދެމީހުންނަކީވެސް އެއިރު އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ދެ މީހުންނެވެ. ސްކޫލް ދައުރުއްސުރެ އެކީ ފެނި ދެނިވެ އެކަކު އަނެކަކަށް ލޯބި ހުށަހަޅައި ކައިވެނީގެ ގޮށް ޖެހީ ކޮންމެ ފަދަ ހާލަތެއް އައި ކަމުގައި ވިޔަސް އެކަކު އަނެކަކު ދޫކޮށް ނުލުމަށް ވައުދުވެގެންނެވެ. ކައިވެނި ކުރީ 2005 ވަނަ އަހަރު އެވެ.
ޝިފާ އާއި ފަޒީލްގެ ކައިވެންޏަށް އަހަރެއްވީތަނާ ޝިފާ ބަލިވެ އިނދެ ފިރިހެން ކުއްޖަކު ވިހައިފި އެވެ. އޭގެ ފަހުން އިތުރު ފިރިހެން ދަރިޔަކުވެސް ލިބުނެވެ. އެހާ ހިސާބުން ދެ މީހުންގެ ދިރިއުޅުން ވަރަށްވެސް އުފާވެރި އެވެ. ފަޒީލް އަކީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ މަތީ މަގާމެއް އަދާ ކުރަމުން އަންނަ މީހަކަށް ވެފައި ވިލިމާލޭގައި ހުންނަ އެމީހުންގެ ގެ، ކޮންމެވެސް ވަރަކަށް ހަދައިލެވުމުން ކުރީން އުޅެމުން އައި އާދައިގެ ދިރިއުޅުން ތަނަވަސް ދިރިއުޅުމަކަށް ބަދަލުވި އެވެ. ނަމަވެސް ފަޒީލް އާއި ޝިފާގެ ދިރިއުޅުމުގައި އަދިވެސް އުނިކަމެއް ހުރިކަން އެ މީހުންނަށް އިހުސާސް ކުރެވުނެވެ. އެއީ މަންމަ ބައްޕަ ކިޔާނެ ލޯބިލޯބި އަންހެން ކުއްޖަކު ނެތް ކަމުގެ އިހުސާސެވެ. ދެ ފިރިހެން ކުދީންވެސް އެކަނި ކަންކަން ކުރެވޭ ވަރަށް ބޮޑުވުމުން ދަރިއަކާމެދު ޕްލޭންކޮށް އެ ދެމަފިރިން އެކަމަށް ތައްޔާރުވި އެވެ.
ޝިފާ އާއި ފަޒީލްގެ ގާތް މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެމުން ބުނީ ޝިފާ ތިން ވަނަ ފަހަރަށް ބަލިވެ އިނީއްސުރެ ވަރަށް ބޮޑަށް ބަލިވި ކަމަށެވެ. ނަމަވެސް ފަހުން ހުރިހައި ކަމެއް ރަނގަޅު ވެ ބަނޑުގައިވާ ދަރިފުޅުވެސް ރަނގަޅުވުމުން އެ ދެމަފިރިން ތިބީ ވަރަށް ބޮޑަށް އުފަލުން ކަމަށްވެސް ބުންޏެވެ. އެކަމަކު މި ދަރިފުޅަށްފަހު ދެން އިތުރު ދަރިޔަކު ނުހޯދުމަށް ޑޮކްޓަރު ތަކުރާރުކޮށް ނަސޭހަތް ދިން ކަމަށްވެސް އޭނާ ބުންޏެވެ.
"މި ދަރިއަށް ބަލިވެ އިނީއްސުރެ ޝިފާ ވަރަށް ބަލި ވި. ދެން ޑޮކްޓަރު ބުނި ވަރަށް އެހެން ކަހަލަ ޕްރެގްނެންސީ އެކޭ. ރިސްކު ބޮޑޭ. ދެން ގާތްގަނޑަކަށް ހަ މަސް ވަންދެން ބެޑްރެސްޓް ކުރީ. ދެން މަޑުމަޑުން ރަނގަޅުވަމުން އައިސް އެއްކޮށްހެން ރަނގަޅުވީ. އެކަމަކު އިތުރު ދަރިޔަކު ހޯދައިފި ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުން ބުނި." އޭނާ ބުންޏެވެ.
އެމީހާ ބުނީ ހަ މަސް ފަހުން ޝިފާ ސްކޭން ކުރުމުން ލިބެން އުޅެނީ އަންހެން ކުއްޖެއްކަން އެނގުނު ކަމަށެވެ. އޭގެ ކުރީންވެސް ބަރާބަރަށް ޝިފާ ޑޮކްޓަރަށް ދައްކައި ސްކޭން ކުރި ނަމަވެސް ދަރިފުޅު އޮތް ގޮތުން އެއީ ކޮން ކަހަލަ ކުއްޖެއްކަން ފުރަތަމަ ނޭނގުނު ކަމަށެވެ.
އަންހެން ކުއްޖެއްކަން ޔަގީން ވުމުން އެ ދެމަފިރިން އެ ދަރިފުޅަށް ބޭނުން ވާ ހުރިހައި އެއްޗެއް ހޯދައި، އެ ދަރިފުޅަށް ކުޑަ އަލަމާރި ތައްޔާރު ކުރި ކަމަށްވެސް އޭނާ ބުންޏެވެ.
އެއީ މިދިޔަ އަހަރު ފަހުކޮޅަށް ވެފައި ކޮވިޑާ ގުޅިގެން ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅިފައި ވީ ނަމަވެސް ޝިފާ ގަވައިދުން ޑޮކްޓަރަށް ދެއްކި ކަމަށްވެސް "ވަން" އާ ވާހަކަ ދެއްކި ޝިފާގެ އާއިލާގެ މީހަކު ބުންޏެވެ. އަދި ވިހަން ތައްޔާރު ވެ ހޮސްޕިޓަލަށް ގެންދަން ޖެހޭ ހުރިހާ ސާމާނެއް އޭގެ ދެ ދުވަސް ކުރީން ތައްޔާރު ކުރިތަން އޭނާ އަށްވެސް ފެނުނު ކަމަށް ބުންޏެވެ. ނަމަވެސް ވިހަން އޮތް ދުވަހުގެ ކުރީ ދުވަހު ދަރިފުޅު ނުތޮޅޭ ކަން ފާހަގަވެގެން ހޮސްޕިޓަލަށް ދެއްކި އިރު ދަރިފުޅު ބަނޑަށް މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ބުންޏެވެ.
"ޝިފާ ބުނީ އެ ރޭވެސް ވަރަށް ގަދަޔަށް ތޮޅުނު ކަމަށް. އަދި ފަތިސް ނަމާދަށް ހޭލައިގެން ނަމާދު ކުރަން ހުއްޓާވެސް ކުއްޖާ ތޮޅުނު ކަމަށް ޝިފާ ބުނީ. އެކަމަކު ހެނދުނު ސައިބޯންވެގެން އިންދާ ޝިފާ ބުނެފި ދަރިފުޅު ތޮޅޭލެއް ކުޑައޭ. އެހެން ދުވަހު ތޮޅޭ ވަރަކަށް ނުތޮޅެއޭ. ދެން އެހެން ބުނެފަ އަވަހަށް ރެޑީވެގެން ހޮސްޕިޓަލަށް ދިޔައީ. އޭރު ދަރިފުޅު އޮތީ މަރުވެފަ." ވަރަށް އަސަރާއެކު އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ޝިފާ އަށް އިތުރު ދަރިޔަކު ލިބޭނެ ކަމުގެ އުއްމީދުވެސް ޑޮކްޓަރުން ކަނޑާލާފައިވާ ކަމަށާއި އަދި ދެން ވިހައިފި ނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެތީ ނުވިހާ ގޮތަށް އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާދިން ކަމަށްވެސް ބުންޏެވެ. އެހެން ނަމަވެސް އެ އޮޕަރޭޝަނުގެ މާ ބޮޑު ތަފުސީލެއް އޭނާ ނުދެ އެވެ.
ލިބުނު ހަމަ އެކަނި އަންހެން ދަރިފުޅު އުރާލަން ކެތް މަދު ވެފައި ތިބި މި ދެމަފިރިންނަށް ލިބުނީ އެ ދަރިފުޅު ފަސްދާނު ލުމަށް ބޭނުންވާ ކަފުނެވެ. ކިތަންމެ ޝަކުވާއެއް ކުރަން ބޭނުންވި ނަމަވެސް ކުރެވޭކަށް ނެތެވެ. ތަގުދީރު ނިޔާ ކުރާ ގޮތް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ އެވެ.
ފަޒީލް އާއި ޝިފާގެ ހަޔާތަށް ކިތަންމެ ބޮޑު ތޫފަނެއް އައި ކަމުގައި ވީނަމަވެސް ދެ މިހުން ތިބީ އެކަކު އަނެކަކާއެކު ކެތްތެރިކަމާ ސާބިތުކަމާ އެކު އެެވެ. ނަފުސާނީ ގޮތުން ޝިފާއަށް ފުން އަސަރެއް މިކަމުގެ ސަބަބުން ކުރި ނަމަވެސް އެ ދެމަފިރިން އެކުގައި މިކަމުން އަރައިގަންނަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ.
މި ވާހަކަ "ވަން"އާ ހިއްސާކުރީ މިފަހުން ދަރިފުޅު ވިހެއުމަށްފަހު ކޮވިޑުގައި ހާލު ސީރިއަސް ވި ޒުވާނާގެ ވާހަކަ ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލުމުންނެވެ. އެއީވެސް އިމްތިހާނެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް