ޔޫރޯ 2020

ޝަގީރީގެ ރެއެއް ނަމަވެސް ސްވިޒަލޭންޑަށް ތިންވަނަ

ޒެރްދާން ޝަގީރީ ޖެހި ދެ ގޯލާއެކު ސްވިޒަލޭންޑުން ތުރުކީ ބަލިކުރި ނަމަވެސް އެޓީމަށް ގްރޫޕްގެ ދެވަނަ މަގާމު ގެއްލިއްޖެއެވެ.

ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ސްވިޒަލޭންޑުން ތުރުކީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ދެވަނައަށް އެރުމަށް ސްވިޒަލޭންޑް ވަރުގަދައަށް ހިތްވަރު ކުރި ނަމަވެސް އެޓީމަށް ފައިދާ ގޯލުގެ ތަފާތުން ވަނީ ދެވަނަ މަގާމު ގެއްލިފައެވެ. ތިންވަނައިގައި ސްވިޒަލޭންޑް ގްރޫޕް ނިންމާލިއިރު، ގަދަ 16 އަށް ދާން ސްވިޒަލޭންޑަށް ދެން ޖެހޭނީ އެހެން ގްރޫޕްތަކުގެ ކުޅުން ނިމެންދެން އިންތިޒާރު ކުރާށެވެ.

އެންމެފަހުން ކުޅުނު ޔޫރޯގެ ހަތް މުބާރާތުގެ ތެރެއިން ސްވިޒަލެންޑް ފަސް މުބާރާތުގައި ކުޅެފައިވެއެވެ. އެޓީމަށް އެ ފަސް މުބާރާތުގެ ތެރެއިންވެސް ގްރޫޕް ސްޓޭޖު ފަހަނައަޅަި ދެވުނީ 2016 ވަނަ އަހަރު ފްރާންސްގައި އޮތް ޔޫރޯގައި އެކަންޏެވެ. އެ މުބާރާތުގެ ގަދަ 16 އިން އެޓީމު ވަނީ ކަޓައިގެން ގޮސްފައެވެ. މިރޭގެ މެޗަށް ނުކުތްއިރު ސްވިޒަލޭންޑަށް އޮތީ މޮޅުވުމެވެ. ޔަގީން ދެ ޖާގައިގައި ގަދަ 16 އަށް ދިއުމަށް ސްވިޒަލޭންޑަށް އަމިއްލަ ބާރު ނެތްވެސް މެއެވެ. އެއް ގަޑިއެއްގައި އިޓަލީއާއި ވޭލްސްވެސް ކުޅެމުންދިޔަ އިރު، ވޭލްސް އިޓަލީ އަތުން ބަލިވި ނަމަވެސް ސްވިޒަލޭންޑަށް ދެވަނައަށް އެރެވެން އޮތީ ފައިދާ ގޯލުގެ ފަރަގަކުންނެވެ.

އަނެއްކޮޅުން ނުކުތް ތުރުކީ މިހާތަނަށް މުބާރާތުގައި އޮތީ ދަށް ފޯމެއްގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅެފައި އޮތް ދެ މެޗުންވެސް އެޓީމު ބަލިވެފައި އޮތް އިރު، ތިންވަނައަށް އަރަން އޮތް ހަނި ފުރުސަތުވެސް ލިބެން އޮތީ ސްވިޒަލޭންޑް ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފް ފެނުނީ ފޯރިގަދަ، ހަމަލާތައް ގިނަ ހާފެއްގެ ގޮތުގައެވެ. ތުރުކީން ފުލުފުލުގައި އުފެއްދި ހަމަލާތަކަކާއެކު މެޗު ފެށި ނަމަވެސް ސްވިޒަލޭންޑްގެ ފުރަތަމަ ހަމަލާގައި އެޓީމު ލީޑު ނެގިއެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވައްދާލީ ސަފެރެވިޗެވެ. އެ ގޯލާއެކުވެސް ތުރުކީން އުންމީދު ގެއްލުވައެއް ނުލައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ސްވިޒަލޭންޑްގެ އެންމެ މުހިއްމު ކުޅުންތެރިޔަކަށްވީ ގޯލްކީޕަރު ޔާން ސޮމާއެވެ.

މުލްދޫރްގެ ބާރު ދެ ހަމަލާއެއްގެ އިތުރުން ހަކާން ޗަނަނޫލީގެ ބާރު ހަމަލާއެއްްވެސް ސޮމާ މަތަކުރި އިރު، ސްވިޒަލޭންޑުން ހާފް ނިންމާލީ އިތުރު ގޯލަކާއެކުގައެވެ. ޝަގީރީގެ ހިތްގައިމު ގޯލެކެވެ. ސެފަރޮވިޗް ޖެހި ބޯޅައެއްގެ ރީބައުންސްގައި ލިބުނު ފުރުސަތު ޒޫބާ ތަނަވަސްކޮށްލީ ޝަގީރީއަށެވެ. އޭނާ ބޯޅަ ކޮންޓްރޯލް ކޮށްލާފައި ޖެހި ބޯޅަ ކާވް ކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އެ ގޯލާއެކު ސްވިޒަލޭންޑުން ހާފް ނިންމާލީ އުންމީދާއެކުގައެވެ. އެ ވަގުތު ކުޅެމުންދިޔަ މެޗުގައި އިޓަލީން އޮތީ ވޭލްސްގެ މައްޗަށް ކުރި ހޯދައިފައެވެ. ވޭލްސް ކޮޅަށް ޖެހި އެ ގޯލާއެކު ވޭލްސްގެ ފައިދާ ގޯލް އެއް ގޯލަށް ތިރިވެފައި އޮތް އިރު، ސްވިޒަލޭންޑް އޮތީ މައިނަސް އެއް ގޯލުގައެވެ. އިޓަލީން އިތުރު ގޯލެއް ވޭލްސް ކޮޅަށް ޖަހައިފިނަމަ، ސްވިޒަލޭންޑަށް އެންމެ ގޯލަކުންވެސް ގަދަ ދެއަކަށް އެރެވެން އޮތެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ސްވިޒަލޭންޑުން ގަދަ ދެއަކަށް ކުރަމުން އައި އުންމީދަށް އިތުރު ހިތްވަރަކަށްވީ އިޓަލީއާ ދެކޮޅަށް ކުޅެމުންދިޔަ ވޭލްސްގެ ޑިފެންޑަރަކަށް ދެއްކި ރަތް ކާޑާއެކު ވޭލްސްއަށް މެޗު އުނދަގޫ ވެގެން ދިޔުމުންނެވެ. އެހެންނަމަވެސް އެ އުފާވެރިކަމަށް ހިޔަނި އެޅުނީ މެޗުގެ 62 ވަނަ މިނެޓުގައި އިރްފާން ކާން ކައްވޭސީގެ ހިތްގައިމު ގޯލާއެކު ތުރުކީން ފަރަގު ކުޑަކުރުމުންނެވެ.

ތުރުކީގެ ގޯލަށް ފަސް މިނެޓުވެސް ނުވަނީސް ސްވިޒަލޭންޑުން އަނެއްކާވެސް އުންމީދު އާކޮށްލިއެވެ. އަނެއްކާވެސް ޝަގީރީގެ ހިތްގައިމު ގޯލެކެވެ. އޭގެ ފަހުން ފުރުސަތުތައް މަދުކޮށް މެޗުގައި ފެނުނު ނަމަވެސް ތުރުކީއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އޭރިއާ ތެރޭގައި ހުހަށް ހުރެ ބުރަކް ޔިލްމާޒް ބޮލުން ޖެހި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. އޭނާ މުބާރާތުގައި ފެނުނީ ގިނަ ފުރުސަތުތަކެއް ބޭކާރު ކުރި ފޯވަޑެއްްގެ ގޮތުގައެވެ.

ފޯރިގަދަކޮށް ނިމިގެން ދިޔަ ގްރޫޕް އޭގެ އެއްވަނަ އިޓަލީން ހޯދީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ކޮޅަށް ގޯލެއް ނުވައްދައި އެޓީމުން ވަނީ ތިން މެޗުގައި ހަތް ގޯލު ޖަހައިފައެވެ. މިރޭ އިޓަލީ އަތުން ބަލިވި ނަމަވެސް ވޭލްސްއަށް ވަނީ ދެވަނައާއެކު ގަދަ 16 ޔަގީންވެފައެވެ. އެޓީމަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސްވިޒަލޭންޑަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އެ ދެޓީމުގެ އޮތީ ފައިދާ ދެ ގޯލުގެ ތަފާތެކެވެ. ތުރުކީ ކެޓީ ޕޮއިންޓެއް ނުލިބިއެވެ.