ޔޫރޯ 2020ގައި އިޓަލީއާއި ވޭލްސް ކުޅުނު މެޗު އިޓަލީން 1-0 ކާމިޔާބުކުރުމާއެކު އެޓީމަށް ގްރޫޕުގެ އެއްވަނަ ކަށަވަރުވެއްޖެއެވެ.

ރޯމްގައި ކުޅުނު މެޗުގެ ނަތީޖާއާއެކު ވޭލްސްއަށް ގްރޫޕްގެ ދެވަނައިގެ ގޮތުގައި ގަދަ 16 ޔަގީންވެފައިވާ އިރު، އިޓަލީއަށް ވަނީ ކޮޅަށް ގޯލެއް ނުވަދެ 100 ޕަސެންޓް ރެކޯޑަކާއެކު ގްރޫޕް އޭގެ އެއްވަނަ ލިބިފައެވެ.

މިރޭގެ މެޗަކީ އިޓަލީއާއި ވޭލްސް މިހާތަނަށް ވާދަކުރި 10 ވަނަ މެޗެވެ. މިރޭގެ މެޗުގެ ކުރިން އިޓަލީއާއި ވޭލްސް އެންމެފަހުން ކުޅެފައި ވަނީ ޔޫރޯ 2004ގެ ކޮލިފިކޭޝަންގައެވެ. 2003 ވަނަ އަހަރު ކުޅުނު އެ ކޮލިފިކޭޝަން މެޗުން އިޓަލީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިޓަލީގެ ލެޖެންޑަރީ ފޯވަޑް ފިލީޕޯ އިންޒާގީ ވަނީ ހެޓްރިކް ހަދައިފައެވެ. އަނެއް ގޯލު ޖެހީ އެލެސަންްޑްރޯ ޑެލްޕިއެރޯއެވެ. އެންމެފަހުން އޮތް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވި ނަމަވެސް މިއީ އެޓީމުން ޖެހިޖެހިގެން ކުޅޭ ހަތްވަނަ ޔޫރޯއެވެ.

އެ ހަތް ޔޫރޯގެ ތެރެއިން އިޓަލީއަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައި ނުވަނީ އެންމެ ދެ ފަހަރުއެވެ. އެއީ 1996 ވަނަ އަހަރާއި 2004 ވަނަ އަހަރުގެ ޔޫރޯގައެވެ. މިފަހަރުގެ މުބާރާތަށް އިޓަލީ އައީ އެންމެ ފޯމް ރަނގަޅު ޓީމުގެ ގޮތުގައެވެ. އެންމެފަހުން ކުޅުނު 10 މެޗުގައިވެސް ކޮޅަށް ގޯލެއް ވައްދާނުލައި އިޓަލީ މޮޅުވެފައިވެއެވެ. ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގައި ތުރުކީއާއި ސްވިޒަލޭންޑް ބަލިކޮށްފައި އޮތީ 3-0 ގެ ނަތީޖާއަކުންނެވެ.

ވޭލްސްއިން އަލަށް ކުޅުނީ މިދިޔަ 2016 ވަނަ އަހަރުގެ ޔޫރޯގައެވެ. ޔޫރޯގެ ފުރަތަމަ މުބާރާތުގައިވެސް ވޭލްސްވީ ކާމިޔާބު ޓީމަކަށެވެ. ސެމީ ފައިނަލަށް ގޮސް އެތަކެއް ބަޔަކަށް ވޭލްސްއިން ހައިރާންކަން ގެނެސްފައިވާ އިރު، މިރޭގެ މެޗަށް ނުކުތް އިރުވެސް އެޓީމު އޮތީ އުންމީދާއެކުގައެވެ. ވޭލްސްއަށް އިޓަލީ ބަލިކޮށް އެއްވަނަ ޔަގީން ކުރެވެން އޮތްއިރު، ވޭލްސްއިން އިޓަލީއާ އެއްވަރުކޮށްގެންވެސް ޔަގީން ދެ ޖާގައިގައި ގަދަ 16 އަށް ދެވެން އޮތެވެ. އެކަމަކު އެއީ ސްވިޒަލޭންޑަށް ތުރުކީ ބަލި ނުކުރެވިއްޖެ ނަމައެވެ.

މެޗަށް އިޓަލީ ނުކުތީ ގިނަ ބަދަލުތަކަކާ އެކުގައެވެ. ފޯވަޑް ލައިންގައި ވިދަމުންދިޔަ ސީރޯ އިމޯބިލޭއާއި ލޮރެންޒޯ އިންސީނިއާގެ އިތުރުން ނިކޮލާ ބަރޭލާގެ އިތުރުން ސްޕިނަޒޯލާވެސް މިރޭ ފެށީ ބެންޗުންނެވެ. ބާނަޑެސްކީއާއި ޗިއޭސާގެ އިތުރުން ބެލޮޓީ މެޗު ފެށި އިރު، އެޓީމަށް ލިބުނު ހިތްވަރަކީ މުހިއްމު މިޑްފީލްޑަރު މާކޯ ވަރާޓީ މެޗަށް ފިޓްވެ ފުރަތަމަ 11 އަށް ނުކުތުމެވެ.

ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ އިޓަލީންނެވެ. އިޓަލީގެ ބެލޮއްޓީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައިރު ކިއޭސާ ފޮނުވާލި ހަމަލާ ގޯލު ކުރިމަތިން ވޭލްސްގެ ޑިފެންޑަރު އަމްޕަޑޫ ވަނީ ދިފާއުކޮށްފައެވެ. އަމިއްލަ ހޯމްގައި ފަސޭހަކަމާއެކު ކުޅެމުންދިޔަ އިޓަލީއަށް ވޭލްސްގެ ނުރައްކާ ކުރިމަތިވީ ހާފުގައި އެންމެ ފަހަރަކުއެވެ.

ވޭލްސްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ކޯނަރެއްގެ ތެރެއިން ގަންޓާއަށް ލިބުނު ފުރުސަތެކެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެއަށްފަހު ވޭލްސްގެ ފަރާތުން މާބޮޑު ނުރައްކަލެއް ފެނިފައިނުވާ އިރު، ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އިޓަލީން ލީޑު ނެގިއެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން މާކޯ ވެރާޓީ ނަގައިދިން ހުރަސް ގޯލަށް ވައްދާލައި އިޓަލީއަށް ލީޑު ނަގައިދިނީ ޕެސީނާއެވެ.

އިޓަލީ ކުރީގައި އޮވެ ހާފު ނިންމާލި އިރު، ވޭލްސް އޮތީ މާޔޫސް ކަމެއްގައެވެ. އެއް ގަޑިއެއްގައި ކުޅެމުންދިޔަ އަނެއް މެޗުގައި ސްވިޒަލޭންޑް އޮތީ 2-0 އިން ތުރުކީ ކައިރިން ލީޑުގައެވެ. ފައިދާ ގޯލަށް ބަލާއިރު ވޭލްސް އެވަގުތު ދެވަނައިގައި އޮތީ ފައިދާ ދެ ގޯލެއްގެ ތަފާތުންނެވެ. އިޓަލީ އިތުރު ގޯލެއް ވޭލްސް ކޮޅަށް ޖަހައިފިނަމަ، ސްވިޒަލޭންޑްގެ ތިންވަނަ ގޯލަކާއެކު ވޭލްސް ތިންވަނައަށް ވެއްޓުމުގެ ބިރު އޮތެވެ.

ވޭލްސްއަށް ދެވަނަ ހާފުގެ ފެށުން އެންމެ އުފާވެރިއެއްވެސް ނުވިއެވެ. ހާފުގެ ކުރީކޮޅުގައި ޑިފެންޑަރު އަމްޕަޑޫ ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑު ދެއްކުމުން ވޭލްސްއަށް ބާކީބައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އޮކްޓޯބަރު މަހު އިޓަލީ ކޮޅަށް ގޯލެއް ވަން ގޮތަށް މިހާތަނަށް އެންމެފަހުން ކުޅުނު 10 މެޗުގައިވެސް އެޓީމު ކޮޅަށް ގޯލެއް ވަދެފައި ނުވާ އިރު، ވޭލްސްއަށް އެކަން ވެގެން ދިޔައީ ބޮޑު ޗެލެންޖަކަށެވެ.

އިޓަލީން ކުޅުން ރަނގަޅުކޮށް، ހަމަލާތައް ގިނަކުރިއެވެ. ބެލޮއްޓީ ފޮނުވާލި ހަމަލާ، ވޭލްސްގެ ކީޕަރު ވޯޑް މަތަކޮށް ބޭރުކޮށްލި އިރު، ޖޯޖީނިއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމަސަން ފޮނުވާލި ބާރު ހަމަލާ، ވޭލްސްގެ މިޑްފީލްޑަރު ރަމްސީ ވަނީ ބްލޮކްކޮށްފައެވެ.

ފޯރިގަދަކޮށް ނިމިގެން ދިޔަ ގްރޫޕް އޭގެ އެއްވަނަ އިޓަލީން ހޯދީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ކޮޅަށް ގޯލެއް ނުވައްދައި އެޓީމުން ވަނީ ތިން މެޗުގައި ހަތް ގޯލު ޖަހައިފައެވެ. މިރޭ އިޓަލީ އަތުން ބަލިވި ނަމަވެސް ވޭލްސްއަށް ވަނީ ދެވަނައާއެކު ގަދަ 16 ޔަގީންވެފައެވެ. އެޓީމަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސްވިޒަލޭންޑަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އެ ދެޓީމުގެ އޮތީ ފައިދާ ދެ ގޯލުގެ ތަފާތެކެވެ. ތުރުކީ ކެޓީ ޕޮއިންޓެއް ނުލިބިއެވެ.