މާ ފަސޭހައިން ކަންކަން ސާބިތުވާ ގޮތަށްވެސް ގާނޫނުތައް ހުރެގެން ނުވާނެ ކަމަށާއި ބެލެންސެއް އޮންނަން ޖެހޭނެ ކަމަށް ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމު ވިދާޅުވީ، ކޮންމެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އަދަބު ދެވޭ ގޮތަށް ގާނޫނު ހަދައިގެން ނުވާނެ ކަމަށާއި އޭގައި ބެލެންސެއް ގެންގުޅެންޖެހޭ ކަމަށެވެ. އަދި ކުށް ސާބިތުކުރުން މާފަސޭހަ ކޮށްލައިފި ނަމަ ޕީޖީގެ ވަކީލުންނާއި ފުލުހުން ކަންނެތް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަދައިގެން ނުވާނެ ނިޒާމެއް އެހާ ފަސޭހައިން ކަންކަން ސާބިތުވާ ގޮތަކަށް ވެސް،" ޝަމީމު ވިދާޅުވިއެވެ.

ޓެރެރިޒަމްގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޝަރުއީ ކޯޓުތަކުގައި ޓެސްޓު ކުރުމަކީ ރަނގަޅު ކަމެއްކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، އެއަށް ފަހު ގާނޫނު އިސްލާހު ކުރުމުން އަސްލު ނަތީޖާ ފެނިގެން ދާނެ ކަމަށެވެ. ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު އެ މާއްދާ ޓެސްޓު ނުކުރެވެނީސް ބަދަލު ގެންނަން ޖެހުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ދެކޮޅަށް ވިސްނައިގެން ނިންމަން ޖެހޭ ކަމެއް އެއީ،" ޝަމީމު ވިދާޅުވިއެވެ.

ގިނަ ފަހަރަށް ގާނޫނުތައް ހަދައި ގާނޫނުތަކަށް އިސްލާހު ގެންނަނީ ކަމެއް ދިމާވުމުން އުފެދޭ ކަންބޮޑުވުމުގެ ތެރެއިންކަން ފާހަގަކޮށް ޝަމީމު ވިދާޅުވީ، އެކަމުގެ ސަބަބުން އެންމެ އެދެވޭ ނަތީޖާ ނުނިކުންނަ ކަމަށެވެ.