ކޯޓުތަކުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ސާބިތު ނުވާ މައްސަލަތަކުން ދަސްވާ ކަންކަން މާގިނަ ކަމަށް ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، ދައުވާ ކުރާ މައްސަލައެއް ސާބިތުވުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި ސާބިތު ނުވެއްޖެ ނަމަ އެކަމުގެ ސަބަބުތައްވެސް ބަލައި ދިރާސާކޮށް ހަދާ ކަމަށެވެ.
"ސާބިތު ނުވާ ކޮންމެ މައްސަލައެއްގައި މައްސަލައަށް ވަޑައިގަންނަވާ ވަކީލު ރިޕޯޓެއް ލިޔުއްވާނެ. ލިޔުއްވާފައި އެހެން ލެވަލްއަކުން އެކަން ބައްލަވާނެ. އަޅުގަނޑާ ހަމައަށް އަންނާނެ. އަޅުގަނޑު ޑިސައިޑް ކުރާނީ އިސްތިއުނާފު ކުރާނަންތޯ ނުކުރާނަންތޯ. ނިންމާ އިރު އަޅުގަނޑު އެބަ ބަލަން ކިހިނެއްވެތޯ ސާބިތު ނުވީ،" ޝަމީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދައުވާ ކުރާ މައްސަލައެއް ސާބިތު ނުވީ ގާނޫނަށް ގެންނަންޖެހޭ އިސްލާހެއްގެ ސަބަބުން ނުވަތަ ހެކިބަސް ނުލިބުމުން ނުވަތަ ޕީޖީގެ ވަކީލުންގެ މައްސަލައަކުންތޯ ބަލައި ދިރާސާ ކުރައްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ ކަންތައްތަކެއް ދަސްވާ ކަމަށް ވިދާޅުވިއެވެ.
"ނިޒާމަށް ގެންނަންޖެހޭ ބަދަލެއްތޯ. އަޅުގަނޑުމެންގެ ވިސްނުން ބަދަލު ކުރަންވީތޯ. އަޅުގަނޑުމެންގެ ވަކީލުންނަށް ބައެއް ވާހަކަތައް ނުދެއްކުނީތޯ. ކިހިނެއްތޯ އަސްލުވީ. އެ މަސައްކަތް އަޅުގަނޑުމެން ހަމަ ގަވާއިދުން އެބަ ކުރަން،" ޝަމީމު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވަކި ބާވަތެއްގެ މައްސަލައެއް އެއްފަހަރު ސާބިތު ނުވެއްޖެ ނަމަ އެފަދަ މައްސަލައެއް ދެވަނަ ފަހަރު ސާބިތު ނުވާކަންކަމުގެ އަޑު ގިނަ ފަހަރަށް ނީވެނީ، ނިޒާމުގެ ތެރެއިން އެކަންކަން ރަނގަޅު ކުރުމުން ކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ ސްޕީޑުގައި ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ނުދާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި އެކަމަށް ހައްލު ހޯދުމަށް އެންމެން ގުޅިގެން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ފަސޭހަ ކޯޓަށް ފޮނުވައިފީމޭ ކޯޓަކުން ނުނިންމިއޭ ބުނަން. އެކަމަކު އެއީ އަޅުގަނޑުވެސް ޒިންމާވާންޖެހޭ ކަމެއް. އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް. އެކަން ހައްލު ކުރަން އަޅުގަނޑުވެސް އިސްނަގައި މަސައްކަތް ކުރަންޖެހޭ ކަމެއް،" ޝަމީމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު