މީހެއް ދެެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ވަކި މީހަކަށް ރަނގަޅަށް ކަމެއް ކޮށްދީގެން އަދި ނުކޮށްދީގެން ވާނެ ފައިދާއެއްވެސް ނެތް ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް އެހެން ވިދާޅުވީ، މިއަދު ހެނދުނު އެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ކޮށްދިނުމަށް ދެ ފަހަރު ފޮނުވުމުންވެސް އެކަމަށް ގޮތެއް ނުނިންމައި އަނބުރާ ފޮނުވާލާފައިވާ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ބައެއް ބޭފުޅުން ވިދާޅުވަނީ އަޅުގަނޑު ބިރުގަންނަނީއޭ. އަޅުގަނޑު ކޮންކަމަކާތޯ ބިރު ގަންނަނީ. މިހާރުވެސް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނަށް އަޅުގަނޑު ވާނީ ދައުވާ ކޮށްފައި. އަޅުގަނޑަކީ ކަންދިމާ ކުރި ގޮތުން ކުރީގެ ރައީސުންގެ މައްޗަށް ދައުވާކުރަން ފުރުސަތު ލިބުނު މީހެއް. އެ ދައުވާވެސް އޭރު ކުރިން. އެ ދައުވާ އަނބުރާ ގެންނަން ޖެހުނީމަ އެކަންވެސް ކުރިން،" ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަކި މީހަކަށް ކަމެއް ފަހި ކޮށްދީގެން އަދި ނުކޮށްދީގެން އޭނާއަށް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއްވެސް ނެތް ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާ އިރު ބަލަންޖެހޭ ކަމެއް ނުބެލި ނައްޓައިގެން ގޮސްފައި ހުރިތޯ ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ލިސްޓުގައި މިނިސްޓަރު މަހުލޫފުގެ ނަން އޮތް އިރު އެ މައްސަލައިގައި ޕީޖީން ނިންމާ ނިންމުމެއްގެ ސަބަބުން މަހުލޫފުގެ ސިޔާސީ ކެރިއަރު ނިމުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ދައުވާ ސާބިތު ވިޔަސް އަދި ނުވި ނަމަވެސް ކަންވާނެ ގޮތް ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ޕީޖީގެ ކުށަކުން އެފަދަ ކަމެއް ވާން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.