ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރާ އުސޫލެއް ނެތް ކަމަށާއި އެކަން ކުރަނީ އެއިރަކު ހުންނަ ޕީޖީއަކު ބޭނުން ގޮތަކަށް ކަމަށް ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، އެކި ކަންކަމާމެދު އަމަލުކުރާނެ އުސޫލެއް ލިޔެފައި ނެތުމަކީ ކަންކަން އެންމެ ރަނގަޅަށް ގެންދިއުމަށް ދަތިވާ ކަމެއް ކަމަށާއި އެކަމަށް މިހާރު ހައްލު ގެނެސްފައިވާ ކަމަށެވެ.

"މި އޮފީހުގައި އަމަލު ކުރާ އުސޫލުތައް ލިޔެފައި ނެތުން. އެވަގުތަކު ހުންނަވާ ޕްރޮސިކިއުޓަރު ޖެނަރަލަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ކުރެވޭ ގޮތަކަށް ބައްޓަން ވެފައިއޮތީ،" ޝަމީމު ވިދާޅުވިއެވެ.

އެ އުސޫލު ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، ޕީޖީ އޮފީހުގައި މަސައްކަތް ކުރާނެ މެނުއަލްއެއް މިހާރު ލިޔެ، ތައްޔާރު ކޮށްފައިވާނެ ކަމަށެވެ. ޕްރޮސިކިއުޓަރުން މަސައްކަތް ކުރަންޖެހޭ ގޮތާއި މައްސަލަ ދިރާސާކޮށް ފިޔަވަޅު އަޅައި ދައުވާ ކުރާނެ ގޮތްތަކުގެ އުސޫލުވެސް ހަދާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ދެން އޮތީ އެންމެ ބޮޑު ގޮންޖެހުން. އެ މެނުއަލްއާ އެއްގޮތަށް ކަންތައްވޭތޯ ކަށަވަރު ކުރުން. އެ މަސައްކަތަށް މިހާރު އަޅުގަނޑުމެން މި ފަށައިގަންނަނީ،" ޝަމީމު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހުރިހާ ބާވަތެއްގެ މައްސަލަތަކަށް އެއްގޮތަކަށް ކަންތައް ކުރެވޭތޯ ބެލުމަށް އެކި ބާވަތްތަކުގެ މައްސަލަތަކާމެދު އަމަލުކުރާނެ އެސްއޯޕީތައް ހަދާފައިވާ ކަމަށެވެ. އަދި އެ ނިޒާމު ރަނގަޅަށް ހިނގައި ގަތުމުން ޕީޖީގެ މަގާމުގައި އޭނާ ނެތް ނަމަވެސް އެކަމަކީ އޮފީހަށް ކޮށްދެވޭ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވިއެވެ.