ކޮވިޑު ޖެހިގެން ހާލު ސީރިއަސް ވެ މަރުވި ކުޑަ ކުޑަ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅުން ހުރި ލިޔެ ކިޔުންތަކާއި ހެލްތު މިނިސްޓްރީން ތައްޔާރު ކުރި ރިޕޯޓު އެ ކޮމިޝަނުން އެދިގެންވެސް މިހާތަނަށް ދީފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މިޝްކާ މަރުވީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭގެ ވަވުތެއްގަ އެވެ. އެމަރުގައި އިހުމާލުތަކެއް ވާ ކަމަށް ހެލްތު މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވް ވެ ގޭގައި ކަރަންޓިނުގައި ހުއްޓާ އެ ކުއްޖާގެ ހާލު ސީރިއަސްވެގެން އެޗްޕީއޭގެ ހޮޓްލައިން ނަންބަރަށް އާއިލާއިން ގުޅައި ކުއްޖާގެ ހާލަތު ތަކުރާރުކޮށް ކިޔައިދިނުމުންވެސް އެމްބިއުލާންސް ފޮނުވީ އެކަން ރިޕޯޓު ކުރިތާ ދެގަޑި އިރަށްވުރެވެސް ގިނަ އިރު ވީފަހުންނެވެ.

ކުއްޖާ ނޭވާލާން އުދަނގޫ ވެ، ނޭފަތުންނާއި އަނގައިން ލޭ އައިސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާޓްއެޓޭކެއް ޖެހި ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ކޮމިޝަނަރު މޫމިނާ ވަހީދު ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް މި މަރާ ގުޅިގެން ހެލްތު މިނިސްޓްރީން ތައްޔާރު ކުރި ރިޕޯޓު އަދިވެސް ނުލިބޭ ކަމަށާއި އެ ކޮމިޝަނުން އެދުމުންވެސް އެ ރިޕޯޓު އެކޮމިޝަނާ ހިއްސާ ވެސް ކޮށްފައި ނުވާ ކަމަށް މޫމިނާ ވިދާޅުވި އެވެ. އަދި މި މަރާ ގުޅިގެން އައިޖީއެމްއެޗުން ތައްޔާރު ކުރި ރިވިއު ރިޕޯޓު އެކޮމިޝަނަށް ލިބުނު ނަމަވެސް އިތުރަށް ބޭނުންވާ މައުލޫމާތު ހޯދަން އެދުމުން އެ މައުލޫމާތު އެ ހޮސްޕިޓަލުން ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން އެ މައުލޫމަތު އަވަސްކޮށްދިނުމަށް އެދި އެ ހޮސްޕިޓަލަށް ކޮމިޝަނުގެ ފަރާތުން ސިޓީއެއްވެސް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

މޫމިނާ އިތުރަށް ވިދާޅުވީ މި މައްސަލަ ފުލުހުން ބަލަމުންދޭތޯ އެ ކޮމިޝަނުން ބެލި ކަމަށާއި ނަމަވެސް އޭރު އެ މައްސަލަ ބަލަމުން ނުދާތީ އެ ކޮމިޝަނުގެ ފަރާތުން މިމަހުގެ 14 ވަނަ ދުވަހު އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެޗްއާރްސީއެމުން މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާއިރު އާންމު ފަރާތަކުންވެސް ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ސިޓީއެއް ހުށަހަޅައިފަ އެވެ.

މިޝްކާގެ މަރާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުގައި އިހުމާލުގެ އެތައް ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިމަޖެންސީ ހާލަތެއް ކަމުގައި ބެލިފައި ނެތުމާއި، އެފަދަ ހާލަތެއްގައި އަމަލު ކުރާ އުސޫލުން އަމަލުކޮށްފައި ނުވުމާއި، އެމްބިއުލާންސް ދިއުމަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަވުމާއި، މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި، އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާ ކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.