ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް (އެޗްއާރްސީއެމް) އިން އެކި ދާއިރާތަކާ ގުޅޭ 633 މައްސަލަ އެއް މިހާރުވެސް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަތައް ބަލަން މުއައްސަސާތަކުން އެއްބާރުލުން ނުލިބޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހާމަކުރަމުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ކޮމިޝަނަރު މޫމިނާ ވަހީދު ވިދާޅުވީ އެކި އެކި ދާއިރާތަކާ ގުޅޭ 633 މައްސަލައެއް މިހާރުވެސް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެގޮތުން އެންޓި ޓޯޗާގެ 53 މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށްވެސް 200 އަށްވުރެ ގިނަ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާއިރު މި މައްސަލަތަކަކީ ވަރަށް ގިނަ މުއައްސަސާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ގިނަ މުއައްސަސާތަކުން މިކަމަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށް ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަހުގީގުކުރާ މައްސަލަތައް ނުވަތަ އަޅުގަނޑުމެންނަށް ހުށަހަޅާ މައްސަލަތައް ބަލަން މި ޖެހެނީ ގިނަ މުއައްސަސާތަކާ ގުޅިގެން. އެކަމަކު އެ މުއައްސަސާތަކުގެ އެއްބާރުލުން ގިނަ ފަހަރު ނުލިބޭ. ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު އެ މުއައްސަސާތަކުން އަޅުގަނޑުމެންނާ ހިއްސާއެއް ނުކުރޭ. އެހެންވީމަ މި މައްސަލަތައް ބަލަން ދަތިވާނެ ނޫންތޯ؟ މިހެން ކަންކަން ވާތީ ބައެއް މައްސަލަ ބަލަން ވަރަށް ގިނަ ދުވަސްވެސް ނަގާ." އޭނާ ވިދާޅުވި އެވެ.

މޫމިނާ އިތުރަށް ވިދާޅުވީ ބައެއް މައްސަލަތަކުގައި މައުލޫމާތު ނުދިނުމުން ކޯޓު މަރުހަލާއަށް ދިޔުމުގެ ބާރުވެސް އޮންނަ ކަމަށާއި ނަމަވެސް ކޮންމެ ކޮންމެ މައްސަލައެއްގައި ކޯޓު މަރުހަލާއަށް ދިޔުމަކީ އެ ކޮމިޝަނުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ލަސްވުމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަ ކަމަށާއި މިކަން ދިމާވަނީވެސް ލިބެން ޖެހޭ މައުލޫމާތުތައް ނުލިބި ލަސްވަމުންދާތީ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ އިތުބާރު އެ ކޮމިޝަނަށް ގެއްލޭ ކަމަށްވެސް ވިދާޅުވި އެވެ.