ޔޫރޯ 2020 ގެ ގްރޫޕް އެފްގައި މިރޭ ކުޅުނު ވަރުގަދަ މެޗުގައި ޖަރުމަނުން އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށްފިއެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި މިރޭ ކުޅުނު ފޯރިގަދަ މެޗު ނިމިގެން ދިޔައީ 4-2 ގެ ނަތީޖާއަކުން ޖަރުމަނު މޮޅުވެގެންނެވެ.

މިރޭގެ މެޗުގެ ކުރިންވެސް ޕޯޗުގަލް އާއި ޖަރުމަނުގެ މެޗަށް ސަޕޯޓަރުން ތައްޔާރުވީ އާދައިގެ މެޗަކަށް ނުވާނެތީއެވެ. ޕޯޗުގަލް މެޗަށް ނުކުތީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންގެ ގޮތުގައެވެ. އަނެއްކޮޅުން ޖަރުމަނަކީ ޔޫރޯ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ޓީމެވެ. އެހެންކަމުން ޖަރުމަނުގެ ފެންވަރު ދަށް ކުރެވޭނެ ޖާގައެއް ނެތެވެ. ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެންނެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރު ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލުވެސް ކުޅުނެވެ. އަދި 1980 ވަނަ އަހަރު ޔޫރޯގެ ތަށި ހޯދިއެވެ. އަނެއްކާވެސް 1996 ވަނަ އަހަރު ޔޫރޯ ހޯދައި ތާރީހުގެ ތެރެއަށް ޖެހިލިއެވެ.

ޕޯޗުގަލަށް ކާމިޔާބީ ފެށުނީ ދާދި ފަހުންނެވެ. މިވަގުތު ޔޫރަޕުގައި އޮތް އެންމެ ގަދަރުވެރި ޓީމުތަކުގެ ތެރެއަށް ޕޯޗުގަލް ޖެހިލީ ޔޫރޯއަށްފަހު ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްގެންނެވެ. ވާދަވެރި މުބާރާތްތަކުގެ ރެކޯޑަށް ބަލާ އިރު، ޖަރުމަނުން މެޗަށް ނުކުތީ އުންމީދާ އެކުގައެވެ. 2000 ވަނަ އަހަރު ޔޫރޯގެ ފަހުން ޕޯޗުގަލަށް ޖަރުމަނުގެ މައްޗަށް މިހާތަނަށް ކުރި ހޯދިފައެއް ނުވެއެވެ. އޭގެ ފަހުން ޔޫރޯ 2008 އަދި 2012 ގައި ދެޓީމު ވާދަކުރި މެޗުންވެސް މޮޅުވީ ޖަރުމަނެވެ. އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 4-0 އިން ޕޯޗުގަލް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ފުލުފުލުގައި ޖަރުމަނުގެ ނުރައްކާތައް ފެނުނެވެ. ކައި ހަވާޓްސްއާއި ސާޖް ގްނަބެރީގެ ހަމަލާތައް ނުރައްކާކޮށް ފެނުނު ނަމަވެސް ލީޑު ނެގީ ކައުންޓާ އެޓޭކްގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއިންނެވެ. ފަހަތުން ޖަރުމަނުގެ ކޯނަރެއް ޑިފެންސްކޮށް، ހަލުވިކަމާއެކު ކުރިއަށް އަރައި ޖަރުމަނުގެ ގޯލަށް ބޯޅަ ނިންމާލީ އުމުރުން 36 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެ ގޯލަކީ މިއަހަރުގެ ޔޫރޯގައި ރޮނާލްޑޯ ޖެހި ތިންވަނަ ގޯލެވެ. ޔޫރޯ ތަރީހުގައި އޭނާ ޖެހި ރެކޯޑު 12 ވަނަ ގޯލެވެ. ދުނިޔޭގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑަށް މިހާރު ރޮނާލްޑޯ ބޭނުންވަނީ ދެ ގޯލެވެ.

އެ ގޯލަށްފަހުވެސް ޕޯޗުގަލަށް މެޗު ކޮންޓްރޯލްކޮށް ކުޅެވޭ ގޮތެއް ނުވެއެވެ. ޖަރުމަނު ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ފުލުފުލުގައި ދެ ގޯލު ޖަހައި ޖަރުމަނުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެ ދެގޯލަކީވެސް ބައިކޮޅަށް ވަން ދެ ގޯލެވެ. ފުރަތަމަ ގޯލަކީ ކައި ހަވާޓްސްއަށް ގޮސެންސް ޖައްސާލި ބޯޅައަކުން ރުބެން ޑިއާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލަކީ މުލާ ޖައްސާލި ބާރު ބޯޅައަކުން ޑިފެންޑަރު ގުރޭރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ނަތީޖާ އަނބުރާލައި ދެވަނަ ހާފަށް ޖަރުމަނުން ނުކުތީ އުންމީދާއެކުގައެވެ. އެލިއާންޒް އެރީނާގެ ބާރު އަޑުން އެކަން ސާފުވެސް ވިއެވެ. އެ ޖޯޝުގައި ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުން ލީޑު ފުޅާވެސް ކުރިއެވެ. ގޮސެންސް ނަގައިިދިން ހުރަސް މެދުތެރެއިން ހުހަށް އޮވެ ގޯލަށް ވައްދާލީ ކައި ހަވާޓްސްއެވެ. ޖަރުމަނުގެ ހަލުވި އެޓޭކިން ކުޅުން ހުއްޓުވުމަށް ޕޯޗުގަލް ނުކުޅެދުނެވެ.

އެއްވާނެއްގައި ކުޅެމުން ދިޔަ ޖަރުމަނުން ފޯމު ދަމަހައްޓައި އެޓޭކް އިތުރުކުރަމުން ދިޔައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޖަރުމަނު ސްޓައިލްގެ ހިތްގައިމު ކުޅުމަކުން އިތުރު ގޯލެއް ޖެހިއެވެ. ކިމިޗްގެ ހިތްގައިމު ހުރަސް ގޯލަށް ވައްދާލީ ގޮސެންސްއެވެ. އެއް އަރިމަތިން ނެގި ބޯޅަ އަނެއް އަރިމަތިން ނިންމާލައި ޖަރުމަނުން ހަތަރުވަނަ ގޯލެއް ޖެހިއެވެ.

ހަމަލާއަކަށްފަހު ހަމަލާއެއް ފެންނަމުން ދިޔަ މެޗުގައި ގޯލުތައް އަދިވެސް ފެންނާނެ ކަމަށް އޮތީ ބެލެވިފައެވެ. ހުޅުވާލެވިގެން ދެޓީމުންވެސް އޯޕަން ފުޓުބޯޅައެއް ކުޅެފައިވާ އިރު، ހާފުގެ ފަހުކޮޅުގައި އިތުރު ހަމަލާތައްވެސް ފެނުނެވެ. ޕޯޗުގަލްގެ ގޯލެއްވެސް ފެނުނެވެ. އަރިމަތިން ލިބުނު ހިލޭޖެހުމަކުން މުޓީނިއޯ ނެގި ހުރަސް، ރޮނާލްޑޯ އޭރިއާ ތެރެއިން ޖައްސާލުމުން ބޮލުން ގޯލަށް ނިންމާލީ ޑިއޭގޯ ޖޮޓާއެވެ.

އެ ގޯލަށްފަހުވެސް ދެކޮޅަށްވެސް ހަމަލާތައް މަދެއް ނުވެއެވެ. ރެނާޓޯ ސަންޗޭޒް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، އަނެއްކޮޅުން ޖަރުމަނުގެ ބަޔާން މިޑްފީލްޑަރު ލެއޮން ގޮރެޓްޒްގާގެ ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑިކައިރިން ބޭރަށެވެ.

ގްރޫޕް އެފްގެ އެއްވަނައިގައި މިވަގުތު އޮތީ ފްރާންސެވެ. އެޓީމަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އަދި ގަދަ 16 ޔަގީނެއް ނުކުރެވެއެވެ. ޖަރުމަނުން ދެވަނައަށް ޖެހިލާފައި ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ޕޯޗުގަލް އޮތީވެސް ދެ މެޗުން ތިން ޕޮއިންޓާއެކުގައެވެ. ޖަރުމަނަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޔޫރޯ 2020ގައި ދެން މިރޭ އޮންނާނީ ގްރޫޕް އީގެ މެޗެކެވެ. އެ މެޗުގައި ސްޕެއިން ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.