އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އެކުލަވާލާފައިވާ "މޭ ހައެއް" ކޮމިޓީއަށް އެމަނިކުފާނުގެ ފަރާތުން ބޭރުގެ މާހިރަކު އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީން ކުރައްމުން ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތުން އެ ކޮމިޓީއަށް މެމްބަރަކު ހޯދުމުގެ މަސައްކަތް އެމަނިކުފާނު އަމިއްލަފުޅަށް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކޮމަންވެލްތުގެ ގައުމެއްގައި މިފަދަ ތަހުގީގެއް ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ފަރާތުން މި ކޮމިޓީއަށް އައްޔަން ކުރައްވާނެ ބޭފުޅަކު މިހާރު ރައީސް ނަޝީދު ގެންދަވަނީ ހޯއްދަވަމުން. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެބޭފުޅާ ބޭނުންފުޅުވަނީ މި ކޮމިޓީއަށް (މޭ ހައެއް) އެބޭފުޅާގެ ފަރާތުން ކޮމަންވެލްތުގެ ގައުމެއްގައި އެފަދަ (ތަހުގީގީ) މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު އައްޔަން ކުރެއްވުމަށް. އެބޭފުޅަކު އައްޔަން ކުރެއްވުމުގެ މަސައްކަތް ރައީސް ނަޝީދު ދަނީ ކުރައްވަމުން،" އަފީފު ވިދާޅުވިއެވެ.

އަފީފު ރައީސް ނަޝީދަށް ދިން ހަމަލާއަކީ އާދައިގެ ހަމަލާއެއްނޫން ކަމަށެވެ. އެއީ އާދައިގެ ތަނެއްގައި ދިން ހަމަލާއެއްނޫން ކަމަށާއި އެ ހަމަލާ ދީފައި ވަނީ، މާލޭގެ ކާރޫބާރު އެންމެބޮޑު މަގުގެ މެދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ހަމަލާގެ ފަހަތުގައި އެތައް ބަޔަކު ތިބޭނެ ކަމަށާއި، އެ އެކަން ރޭވި މީހުންނާއި އެކަމަށް އެހީތެރިވި މީހުންނާއި އެކަމަށް ފައިސާ ހަރަދުކުރި މީހުން ހޯދަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަމުގެ ތަހުގީގު މިހާރު ކުރިއަށްދާ ހަނި ވިސްނުމަށްވުރެން ފުޅާވިސްނުމެއްގައި ކޮށްގެން ކަމަށް އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާބެހޭ ތަހުގީގު ގޮސްފައިވާ ހިސާބެއް ހޯދައި އެކަމާބެހޭ މައުލުމާތު އޮޅުން ފޮނުވުމަށް ކަމާބެހޭ ފަރާތްތަކާ ކޮމިޓީން ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްއެންޑީއެފް އާއި ހިއުމަންރައިޓްސް ކޮމިޝަނާ ބައްދަލުކުރަން ކޮމިޓީން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމައްސަލަ ތަހުގީގު ކުރައްމުންދާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އާއި ފުލުހުންނާއި އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރްއްޔާ އުފައްދަވާފައިވާ އިންޓަލް އޮޑިޓް ކޮމިޓީ އާއި އަދި މި މައްސަލަ ބެލުމަށް ރައީސް ކަނޑައަޅުއްވާ ފައިވާ މަންދޫބާ ބައްދަލުކުރަން ކޮމިޓީން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފީފްގެ އިތުރުން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ.