އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ ތާއީދާއެކު އެ ކޮމިޝަންގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއާއެކު އެ ކޮމިޝަންގެ ރައީސްގެ މަގާމާއި މެމްބަރުގެ މަގާމު މިވަނީ ހުސްވެފައެވެ.

އެކަމާ ގުޅިގެން ފުއާދު މިރޭ "ވަން" އަށް ވިދާޅުވީ އީސީގެ ރައީސަކަށް މެމްބަރަކު ހޮވުމުގެ މަސައްކަތް ފަސް ކުރުމަށް ނިންމާފައިވާ ކަމަށާއި އެކަން ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ކޮމިޝަނަށް އިތުރު މެމްބަރަކު އައްޔަން ކުރެއްވުމުން ކަމަށެވެ.

ޝަރީފް އިސްތިއުފާ ދެއްވުނުން މިހާރު ކޮމިޝަންގައި ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ފުއާދުގެ އިތުރުން ޑރ. މުހައްމަދު ޒާހިރާއި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބާއި އަލީ ނަޝާތެވެ.

ފުއާދު ވިދާޅުވީ އޭނާ އީސީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ޝައުވެރިކަން އެބަހުރި ކަމަށާއި ނަމަވެސް އެކަމަށް ކުރިމަތިލާނީ އެ ކޮމިޝަންގެ މެމްބަރުންނާ މަޝްވަރާކޮށް، މެމްބަރުންގެ ތާއީދު ލިބިގެން ކަމަށެވެ.

"މެމްބަރުންނާ މަޝްވަރާކޮށްފަ އެބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭ ކަމަށް ވަންޏާ، އަޅުގަނޑު ކުރިމަތިލުމުގެ ޝައުގުވެރިކަން އެބައޮތް. މެމްބަރުން އަޅުގަނޑަށް އިތުބާރުކޮށް އެ މަގާމަށް ގެންނަން ބޭފުޅުންވާނަމަ އަޅުގަނޑު ކުރިމަތިލާނަން. ފަހަތަކަށް ނުޖެހޭނަން،" ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނު ބުނާގޮތުން 60 ދުވަހުގެ ތެރޭގައި އީސީ އަށް ރައީސަކު އައްޔަން ކުރަންޖެހެއެވެ. އަދި މެންބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުނެވެ.

ފުއާދު ވަނީ 2008 އިން 2009 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ފުރުއްވައިފައެވެ. އަދި 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު ތައުފީގު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފު އައްޔަން ކުރެއްވީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާރިޗް 2018 ގައެވެ. އެއީ ފަސް އަހަރުގެ ދައުރަކަށެވެ. ދައުރުގައި ބާކީ ދެ އަހަރު އޮއްވައި ޝަރީފު މަގާމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ޓުވީޓަކުންނެވެ.