ޔޫރޯ 2020 ގްރޫޕް އެފްގައި ޕޯޗުގަލްއާއި ޖަރުމަނު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޕޯޗުގަލް އާއި ޖަރުމަނުގެ ކުރިމަތިލުމަކީ އާދައިގެ މެޗަކަށް ނުވާނެ. ޕޯޗުގަލް މެޗަށް ނުކުންނަނީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންގެ ގޮތުގައި. އަނެއްކޮޅުން ޖަރުމަނަކީ ޔޫރޯ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ޓީމް. ޖަރުމަނާއި ސްޕެއިން އިން ވަނީ މިހާތަނަށް ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައި.

  • ދެޓީމުގެ ތާރީހަށް ނަޒަރެއް
  • ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެން
  • ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލްވެސް ކުޅުނު. އަދި 1980 ވަނަ އަހަރު ޔޫރޯގެ ތަށި ހޯދި
  • ޖަރުމަނުން އަނެއްކާވެސް 1996 ވަނަ އަހަރު ޔޫރޯ ހޯދައި ތާރީހުގެ ތެރެއަށް ޖެހިލި
  • ޕޯޗުގަލްއަށް ކާމިޔާބީ ފެށުނީ ދާދި ފަހުން
  • މިވަގުތު ޔޫރަޕުގައި އޮތް އެންމެ ގަދަރުވެރި ޓީމުތަކުގެ ތެރެއަށް ޕޯޗުގަލް ޖެހިލީ އެންމެ ފަހުން ކުޅުނު ޔޫރޯއަށްފަހު ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްގެން
  • 1960 އިން 1980 އާ ހަމައަށް އެގައުމުން ޔޫރޯއަށް ކޮލިފައި ވެފައެއް ނުވޭ. އެހެންނަވެސް 1984 ވަނަ އަހަރު ކުޅުނު ޔޫރޯގައި ޕޯޗުގަލް ސެމީ ފައިނަލްގައި ވާދަކުރި
  • 2000 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލްއިން 3-0 އިން ޖަރުމަނު ބަލިކުރި ކުރުން އެއީ އެންމެ ފަހުން ޕޯޗުގަލްއަށް ޖަރުމަނު ބަލިކުރެވުނު މެޗު
  • އޭގެ ފަހުން ޔޫރޯ 2008 އަދި 2012 ގައި ދެޓީމު ވާދަކުރި މެޗުންވެސް މޮޅުވީ ޖަރުމަނު.
  • 2014 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 4-0 އިން ޕޯޗުގަލް ބަލިކޮށްފައި
  • ޕޯޗުގަލް

ޕޯޗުގަލްއަކީ މިހާރު ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ހިމެނޭ ތަރިންގެ ޓީމެއް. ހާއްސަކޮށް ޔޫރަޕްގެ އެންމެ ނުފޫޒުގަދަ ލީގުތަކަށް ގެންދާ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިން ނިސްބަތްވަނީ ޕޯޗުގަލްއަށް. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސިޓީގެ ޑިފެންޑަރު ރުބެން ޑިއާޒްއާއި އެ ކްލަބަށް ކުޅޭ ބާނާޑޯ ސިލްވާގެ ނަން ތަރިންގެ ލިސްޓްގައި ހިމެނޭ އިރު، އެންމެ ކުރިއަށް ކުޅޭ ރޮނާލްޑޯއަކީ އަދިވެސް ދުނިޔޭގެ ފުޓުބޯޅައިގައި ދެވަނައެއް ނުވާ ފޯވަޑެއް. އޭގެ އިތުރުން ޑޯޓުމަންޑްގެ ޑިފެންޑަރު ރަފޭލް ގޮރޭރޯވެސް ޕޯޗުގަލްގެ ޓީމަށް މުހިއްމު ވާނެ. މެދުތެރޭގައި އެންމެ އިސް ރޯލެއް އަދާކުރާނީ މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއާއި ލިލްއާއެކު ފްރާންސްގެ ލީގު ނެގި ރެނާޓޯ ސަންޗޭޒް.

  • ޖަރުމަނު

ތާރީހުގައި ފެނުނު ޖަރުމަނުގެ ކޮންމެ ސްކޮޑަކީވެސް ހުނަވެރި އެތައް ކުޅުންތެރީންނެއް އެކުލެވޭ ޓީމުތަކެއް. މިފަހަރުގެ ޔޫރޯއަށް ނުކުންނާނެ ޖަރުމަނުގެ ޓީމަކީވެސް އެފަދަ ތަރިންގެ ޓީމެއް. މެނުއަލް ނޯޔާ ގޯލުން ފެންނަ އިރު، ޖޯޝުއާ ކިމިކާއި ލިއޮން ގޮރެޓްސްކާ އަދި ޓޯނީ ކްރޫސްގެ ތަޖުރިބާ މެދުތެރެއިން ފެންނާނެ. މެންޗެސްޓާ ސިޓީއަށް ކާމިޔާބު ސީޒަނެއް ކުޅެދިން އިލްކޭ ގުންޑޮގަންވެސް ޖަރުމަނު ޓީމުގައި މުހިއްމު ރޯލެއް އަދާކުރާނެ. ފޯވަޑް ލައިންގައި ޒުވާން ހުނަރުވެރި ޓީމޯ ވާނާގެ އިތުރުން ޗެލްސީއަށް އޭނާއާއެކު ކުޅެމުން އަންނަ ކައި ހަވާޓްސް އާއެކު ދެން ފެންނާނީ ސާޖް ނަބެރީއާއި ލެރޮއި ސާނޭ ފަދަ ދުވެލި ބާރު ކުޅުންތެރިން.