ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ބެލުމަށް އެމްޑީޕީ ގައުމީ މަޖިލީހުން އެކުލަވާލި "6 މެއިކޮމިޓީ"ގެ ޗެއާ، އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ހަސަން އަފީފް ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން ބަޔާނެއް ނެރުންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަފީފް ވަނީ އެޗްއާރްސީއެމަށް އިތުބާރުކުރުމާ މެދުވެސް ސުވާލު އުފައްދަވައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާގައި ޝާމިލުވާ މީހުންނަށް ހައްގު އަދަބު ދިނުމަށާއި އަދި އެ ހާދިސާ މޮނިޓާ ކުރަމުން އަންނަކަން ހާމަކޮށް ހަމަލާ ދިން ރޭ ޓުވީޓް ކުރި ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހަމަލާދިން ރޭގެ 21:00 ގައި އެޗްއާރުސީއެމްގެ މެންބަރެއް ހިމެނޭގޮތަށް ހާއްސަ ޓީމެއް އެ ހޮސްޕިޓަލަށް ޒިޔާރާތްކޮށް ހޮސްޕިޓަލުގައި ކަން ހިނގަމުންދިޔަ ގޮތް ބަލާފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ، އެ ހަމަލާއާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތް ބަލައި، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ލިޔެފައިވާ ކަމަށެވެ. އެޗްއާރްސީއެމުން ބުނީ ޑިފެންސް މިނިސްޓްރީން ފިޔަވާ އެހެނިހެން މުއައްސަސާތަކުން ކޮމިޝަނުން އެދިފައިވާ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ކޮމިޝަނާ މެދު އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ހާމަކުރުމުން ކަންބޮޑުވާ ކަމަށެވެ.

"ހާއްސަކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން މި ހާދިސާއާ ގުޅިގެން މުއައްސަސާތަކުން އަމަލު ކުރާ ގޮތް ބެލުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ 174 ވަނަ ޖަލްސާއިން އެކުލަވާލި "6 މެއި ކޮމިޓީ" އަށް ހޯދުނު މައުލޫމާތު ހާމަ ކުރެއްވުމުގައި މި ކޮމިޝަނުގެ ރަސްމީ ޓްވީޓަގައި އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބެއްލެވުމެއްނެތި އަދި ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު މި ކޮމިޝަނުން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ކުރެއްވުމެއް ނެތި ހަގީގަތާ ހިލާފު މައުލޫމާތު އާއްމުކުރައްވާފައިވާތީ އެކަމާ ކަންބޮޑުވެ ހިތާމަ ކުރަމެވެ" ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ނީލޯފަރު ހިނގުމުގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ބައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.