އަފްގާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައި ހ. މޫންލައިޓްވެލީ، އަލީ ޝާފިއުގެ އާއިލާގެ ހަތަރު ކުދިން ރާއްޖެ ގެނެވެން އޮތް އިރު އެކަމަށް އެމީހުން ދެކޮޅު ހެދުމުން އެއިރު ނުގެނެވުނީ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
ޝާފިއު އާއި އޭނާގެ އަނބިމީހާ އާއި ހަތަރު ދަރިން އަފްގާނިސްތާނުގައި ނަންގަރްހާރް ޕްރޮވިންސުން ހައްޔަރު ކޮށްފައިވާކަމުގެ މައުލޫމާތު ދިވެހި ފުލުހުންނަށް އިންޓަޕޯލް މެދުވެރިކޮށް ލިބިފައިވަނީ 18 ނޮވެމްބަރު 2018 ގައެވެ. އެ މައްސަލަ އެޗްއާރުސީއެމަށް އާއިލާގެ ފަރާތުން ހުށަހެޅީ 12 ޑިސެމްބަރު 2019 ގައެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައި ދުވަހުން ފެށިގެން ވަރަށް އިސްކަމެއް ދީގެން ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް އެކަމުގެ މައުލޫމާތު ހޯދަމުން ގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގިތާ ކުރީކޮޅު އެ ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްގާނިސްތާނުގެ ސަރުކާރުންވެސް ދެކޮޅު ނޫން ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ގެނައުމުގެ މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން މި ކޮމިޝަނާ ހިއްސާ ކުރި މައުލޫމާތުން ފާހަގަކުރެވުނު،" އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް އެ ކުދިން ރާއްޖެ ގެނައުމަށް މިހާރު ބެލެނިވެރިން އެއްބަސްވެފައިވާކަން އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެކުދިން ރާއްޖެ ގެނައުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ކަމާބެހޭ މުއައްސަސާތަކުން ކޮމިޝަނާ ހިއްސާ ކުރި މައުލޫމާތުން އެނގޭ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އަފްގާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މައާމަލާތްކޮށް އެ އާއިލާއާ ބައްދަލު ކުރުމަށް އެޗްއާރުސީއެމުން އެދުނެވެ. އަދި އެ އާއިލާއާ ބައްދަލުކޮށް ހާލަތު ބެލުމަށްފަހު ފާހަގަވި ކަންކަން ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ބަޔާނުގައި އެކަމުގެ ތަފުސީލެއް ދީފައެއް ނުވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، އެ ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އެޗްއާރިސީއެމުން އެދުނު ނަމަވެސް ކުދިން ބަލަހައްޓާ މަރުކަޒުތަކުން އެ ކުދިން ނެގުމަށްވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ޝާފިއު އަފްގާނިސްތާނަށް ގޮސްފައި ވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރަންސާ ޕްރޮވިންސް" އާ ގުޅެން ކަމަށާއި އޭނާގެ އަތުން ނެގި ޑިޖިޓަލް ޑިވައިސް އަކުން އައިއެސްގެ ޕްރޮޕެގެންޑާއާ ގުޅޭ ވީޑިއޯތަކެއް ފެނުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަފްގާނިސްތާނުގައި ޝާފިއުގެ މައްޗަށް ޝަރީއަތް ހިންގައި، ޓެރަރިޒަމްގެ ކުށް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ ކަމަށްވެސް ފުލުހުން ކުރިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު