ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 201 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑު ބަލީގައި މިއަދު މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނިކޮށެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 201 އަށް އަރައިފައެވެ. އެއީ 186 ދިވެހީންނާއި 15 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.