ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޒުމަތީ ބަހައްޓާފައި ހުރި ކޯކު ފުޅިއެއް ދުރަށް ޖެއްސި މައްސަލަ ހޫނުވެ، އެކަން ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. ހަންގޭރީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ކޯކު ފުޅި އެއް ފަރާތްކޮށް، ފެން ބޯށޭ ބުނެ ރޮނާލްޑޯ ދިން މެސެޖުގެ ވީޑިއޯ ވަނީ ވައިރަލްވެފައެވެ.

ޔޫއެފާގެ އެންމެ ބޮޑު އެއް ސްޕޮންސާ، ކޮކާކޯލާގެ ދެ ފުޅިއެއް ރޮނާލްޑޯ އެއް ފަރާތްކޮށްލައި ދިން މެސެޖަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވިއެވެ. ހާއްސަކޮށް ރޮނާލްޑޯގެ އެ މެސެޖަކީ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ އިންވެސްޓެއް ކުރަމުން އަންނަ ކޮކާކޯލާގެ އަގުވައްޓާލުމަށް ހިންގި އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އެއާ އިދިކޮޅަށް ފިންލެންޑް އަތުން 1-0ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޮފް އިއްޔެ ދައްކުވައި ދިނީ އެހެން މެސެޖެކެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ކޯކު ފުޅިއަކުން، ފުޅިއެއް ނަގައި ކަނޑައިލުމަށްފަހު، ޗެރްޗެޝޮފް ބައްދަލުވުން ފެށީ ކޯކު ފުޅިން ބައެއް ބޯލުމަށްފަހުއެވެ.

ކޯކު ފުޅިތައް ދުރަށް ޖައްސާލައި، ރޮނާލްޑޯ ދިން މެސެޖާ ގުޅިގެން މާކެޓް ހިއްސާއިން ކޮކާކޯލާއަށް ވަނީ ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައެވެ.

ކުރިންވެސް ރޮނާލްޑޯ ފާހަގަކޮށް ލެވެނީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. އުމުރުން 36 އަހަރުގައިވެސް އޭނާ އެންމެ ރަނގަޅު ފޯމުގައި ހުރުމަށް އެތައް މަސައްކަތްތަކެއް ކުރެއެވެ.

ރޮނާލްޑޯއަށް ފަހު ޕައުލް ޕޮގްބާގެ ފަރާތުންވެސް އެފަދަ މަންޒަރު ފެނިގެން ދިޔައެވެ. ފްރާންސުން ޖަރުމަން އަތުން މޮޅުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮގްބާ ދުރަށް ޖައްސާލީ ހައިނެކެން ބިޔަރު ފުޅިއެކެވެ. ހައިނެކެން ބިޔަރަކީވެސް ޔޫއެފާގެ އެންމެ ބޮޑު އެއް ސްޕޮންސަރެވެ. ނަމަވެސް ބިޔަރު ފުޅި އެއްފަރާތް ކުރުމުން މުސްލިމެއް ކަމަށްވާ، ޕޮގްބާއަށް ގިނަ މުސްލިމުންގެ ތައުރީފު ވަނީ ލިބިފައެވެ.

ވިޔަފާރީގެ ގޮތުން ގޯސް މެސެޖެއް ނަމަވެސް، ރޮނާލްޑޯ ފެށި ކެމްޕޭނުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި އިޓަލީގެ މެނުއަލް ލޮކަޓެލީވެސް ވަނީ ބައިވެރިވެފައެވެ. ތުރުކީ އަތުން 3-0ގެ ނަތީޖާއަކުން މޮޅުވި އެ މެޗުގައި އިޓަލީއަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ލޮކަޓެލީ ވަނީ މޭޒުމަތީގައި ހުރި ދެ ކޯކު ފުޅި އެއްފަރާތްކޮށް، މޭޒުމަތީގައި ފެން ފުޅިއެއް ބަހައްޓައިފައެވެ. ނަމަވެސް މޭޒުމަތީގައި ބަހައްޓާފައި ހުރި ބިޔަރު ފުޅި އެއްފަރާތް ކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯގެ އަމަލާ ގުޅިގެން ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ކުޅުންތެރިޔަކަށްވެސް އެ ކުޅުންތެރިޔަކު ބޭނުންވާ ބުއިމެއް އިހުތިޔާރު ކުރުމުގެ ހައްގު އޮންނާނެ ކަމަށާއި އެކި މީހުންނަށް ކަމުދާނީ އެކި ރަހަތައް ކަމަށެވެ.