ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުޒައިމަތު ނައީމު ގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން އިއްޔެ ބާތިލު ކޮށްފިއެވެ.
މި މައްސަލައަކީ 10 އޮކްޓޫބަރު 2016 ގައި ކެނެރީމަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލުމާތު ލބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ހ. ބްރެޑްލީ، ހުޒައިމަތު ނައީމް މަސްތުގެ ހާލަތުގައި ހުއްޓައި އޭނާ ބަލައި ފާސް ކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ޖަނގިޔާގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ މައްސަލައެވެ.
މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ.
އެ މައްސަލައިގެ ތަހުގީގު މަރުހަލާ އަދި ދަށު ކޯޓުގެ ޝަރީއަތުގައިވެސް ހުޒައިމަތު ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ބުނެ އެކަމަށް އިއުތިރާފު ވެފައެވެ.
އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުގައި ހުޒައިމަތު އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކުރީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ހުޒައިމަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އޭނާ ހުށަހެޅި އިސްތިއުނާފުގައި ދެ ނުކުތާއެއް ވަނީ ފާހަގަ ކޮށްފައެވެ.
ފުރަތަމަ ނުކުތާއަކީ އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތު ވާ ކަމަށް ކަނޑައެޅުމުގައި ފެނުނު ތަކެތީގެ ބަރުދަން ބަލާފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާ އަކީ ގާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ހިލާފަށް ފަރުދުންގެ ހައްގު ގެއްލޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ (141 ވަނަ މާއްދާގެ (ށ)، ކަނޑައެޅިގެން ހުޒައިމަތު ނައީމް ގެ ހައްގު ގެއްލޭ ގޮތަށް ގާނޫނު މާނަ ކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އެކަންކަން ފާހަގަކޮށް ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް ހުޒައިމަތު ވަނީ ހައިކޯޓުގައި އެެދިފައެވެ.
މި މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ، ސުވާލު އުފެދިފައިވަނީ، އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނާ ބެހޭ ގޮތުން ކަމަށެވެ.
ހުޒައިމަތުގެ އަތުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގައި 17.3 ގްރާމު ހަމަ ވަނީ އިމްޕިއުރިޓީސްއާ ނުލައި ކަމަށް ދަށު ކޯޓުގައި ފުލުހުން ބުނެފައިވާއިރު އެ އަދަދު ހަމަވަނީ ކޮން ގޮތަކުން ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ހައިކޯޓުގައި ހުޒެއިމަތުގެ ފަރާތުން ބުނީ ފުލުހުން މަސްތުވާތަކެތީގެ ބަރުދަން ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ވެސް ހިމަނައިގެން ކަމަށެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، އޭގައި ހުރި މަސްތުވާތަކެތީގެ ބަރުދަނަކީ، ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލް ހިމެނޭހެން ޖުމުލަ 12.4 ގްރާމު ކަމަށް ހުޒެއިމަތުގެ ފަރާތުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އެއްވެސް ތަނެއްގައި އެތަކެތީގެ ބަރުދަން ބެލީ ދަޅު ހިމަނައިގެން ނުވަތަ ނުހިމަނައިކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެތަކެތީގެ ބަރުދަނަކީ 17.3 ގްރާމު ކަމަށް އެ ރިޕޯޓުގައި ބަޔާން ކުރިޔަސް، އޭގައި ހުރި ކަމަށް ބުނާ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލްގެ ބަރުދަން އެއްކޮށްލުމުން ހަމަވަނީ 12.4 ގްރާމުކަން ހައިކޯޓުން ކުރި ހުކުމުގައި ބުނެ އެވެ.
ހުކުމުގައި ވަނީ 17 ގްރާމު އަންނަނީ އިމްޕިއުރިޓީސް ނުހިމަނައި ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ އިރު ޖުމުލަ މަސްތުވާތަކެތީގެ އަދަދު 17.3 ގްރާމަށް އަރާ ގޮތް އެކަށީގެން ވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ވެފައި ނުވާ ކަމަށެވެ.
އެހެންކަަމުން ކުރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުޒައިމަތުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް، ހުޒައިމަތު އުމުރަށް ޖަލަށް ކުމަށް ކުރިމިނަލްކޯޓުގެ ގަޒިއްޔާއިން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލު ކުރާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު