ޓުއަރިޒަމް

ވިޒިޓް މޯލްޑިވްސްއިން ނެޝަނަލް ޖިޔޮގްރަފިކް އާ ގުޅިގެން ރަޝިއާގައި ފޮޓޯ މައުރަޒެއް ފަށައިފި

ރިފާ ހަލީލު

ދިވެހިރާއްޖެ ރަޝިއާ މާކެޓުގައި އިތުރަށް އިޝްތިހާރުކޮށް މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސް އިން ނެޝަނަލް ޖިޔޮގްރަފިކްޓްރެވެލާ ރަޝިޔާ، އާ ގުޅިގެން ރަޝިޔާގެ ދެ ސިޓީއެއްގައި ފޮޓޯ މައުރަޒެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މި ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 16 އިން 30 ވަނަ ދުވަހުގެ ނިޔަލަށް މޮސްކޯގައި ކަމަށެވެ. މޮސްކޯގެ އެގްޒިބިޝަނަށް ފަހު ސެންޕީޓަސްބާގުގައިވެސް މި ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މޮސްކޯގައި މި މައުރަޒު ކުރިއަށްދާނީ، އެ ސިޓީގެ ގިނަ އަދަދެއްގެ މީހުން ހިނގައިބިނގާވެ އުޅޭ މައިގަނޑު އެއް މަގު ކަމަށްވާ ތުވެރޮސްކޮއި ބޮލިވާޑުގަ އެވެ. ސެންޕީޓަސްބާގުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒު ކުރިއަށްދާނީ ކިރޯވް ސެންޓްރަލްޕާކުގައެވެ.

އެމްއެމްޕީއާރްސީން ބުނީ ރަޝިއާގެ ހޫނު މޫސުމުގެ ދުވަސްވަރު މި ފޮޓޯ މައުރަޒު ބޭއްވުމުގެ ސަބަބުން ޖުމުލަ 5-3 މިލިޔަން މީހުން މި ފޮޓޯ މައުރަޒަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި މައުރަޒުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ރާއްޖޭގެ ނަލަނަލަ ތިމާވެށީގެ މަންޒަރާއި ސަގާފީ ހަރަކާތްތަކުގެ ފޮޓޯ ދައްކާލެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. މީގެ އިތުރުން މި ފޮޓޯ ތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް, ގެސް ޓްހައުސް, ލިވަބޯޑް, ހޮޓެލްގެ އިތުރުން ރާއްޖެއިން ކުރެވޭ ހާއްސަ ތަފާތު ތަޖުރިބާތައް ފެންނާނެ ކަމަށްވެސް ބުންޏެވެ.

މި މައުރަޒުގެ އިތުރުން ނެޝަނަލް ޖިއޮގްރަފިކް ރަޝިޔާ ވެބްސައިޓް, ސޯޝަލް މީޑިޔާ އަދި ވާޗުއަލްކޮށް ފޮޓޯތައް ފެންނަން ހުންނާނެ ކަމަށްވެސް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ.

ރަޝިއާ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މިއަހަރުގެ މިހައިތަނަށް ކުރިއަށް ގެންގޮސްފައިވާއިރު ވިޒިޓް މޯލްޑިވްސް އިން ވަނީ ރަޝިއާގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ޝޯގައި ވެސް ބައިވެރިވެފަ އެވެ. މި އިވެންޓުގައި ދިވެހިރާއްޖެވަނީ 'ބެސްޓް އައިލެންޑް ޕްރެސެންޓޭޝަން' ގެ އެވޯޑާއި 'ބްރައިޓް އެގްޒިބިޓިން އެވޯޑު' ވެސް ހޯދައިފަ އެވެ. މީގެ އިތުރުން ރަޝިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ރަޝިއާގެ ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސް އިން ވަނީ ރޯޑްޝޯއެއް ވެސް ބާއްވައިފަ އެވެ.

ދިވެހިރާއްޖެއަށް މިވަގުތު އެންމެ ގިނައިން ފަތުރުވެރީން ޒިޔާރަތް ކުރަނީ ރަޝިޔާއިންނެވެ. މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 107,102 ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތް އައިސްފައިވެ އެވެ.