ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އިޓަލީ ކުޅުނު ދެވަނަ މެޗުންވެސް ކްލީން ޝީޓަކާއެކު މޮޅުވެ، އިޓަލީން ގަދަ 16 ޔަގީން ކޮށްފިއެވެ.

އިޓަލީގެ ރޯމްގައި މިރޭ ކުޅުނު މެޗު އިޓަލީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މޮޅާއެކު އިޓަލީން ވަނީ އެންމެފަހުން ކުޅުނު 10 މެޗުގައިވެސް ކްލީން ޝީޓާއެކު މޮޅުވެފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، އިޓަލީއަކީ މިފަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ފޯމް ރަނގަޅު އެއް ޓީމެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ތުރުކީ ބަލިކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. އެއީ އިޓަލީން ބަލި ނުވެ ހަމަކުރި 28 ވަނަ މެޗެވެ. މިރޭގެ މެޗަށް އިޓަލީ ނުކުތީ މޮޅުވުމުގެ ވަރުގަދަ ސިލްސިލާއެއްގައިވެސް އޮވެގެންނެވެ. ޔޫރޯގައި ކުޅުނު ފުރަތަމަ މެޗާއި އޭގެ ކުރިން ކުޅުނު ނުވަ މެޗުންވެސް އިޓަލީ މޮޅުވެފައި ވަނީ ކޮޅަށް ގޯލެއް ވަނަ ނުދީ ކްލީން ޝީޓާ އެކުގައެވެ. މިއަހަރުގެ ޔުރޯގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވެފައިވާ ސްވިޒަލޭންޑަށް އިޓަލީ ވާނީ ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ޗެލެންޖަށެވެ.

ވަރުގަދަ އިޓަލީއަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ސަޕޯޓަރުންނެވެ. މިރޭގެ މެޗަށްވެސް އިޓަލީ ނުކުތީ އަމިއްލަ ގައުމު، ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. ސަޕޯޓަރުންގެ ޖޯޝާއި ފޯރި މުޅި ސްޓޭޑިއަމްގައި ފުރަތަމަ މިނެޓުން ފެށިގެންވެސް ގުގުމިއެވެ. މިހާތަނަށް ބޮޑު މުބާރާތެއްގައި އިޓަލީން ރޯމްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ޔޫރޯއާއި ވޯލްޑް ކަޕްގައި މިހާތަނަށް އަމިއްލަ ގައުމުގައި އިޓަލީ ކުޅުނު 11 މެޗުން އެޓީމު ވަނީ ނުވަ މެޗު ކާމިޔާބުކޮށްފައެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ހޯމްގައި އިޓަލީއަކީ ޖޯޝާއި ފޯރީގެ ޓީމެކެވެ. ގައުމީ ރޫހުގެ ޓީމެކެވެ. އަސަރާއެކު އަޑު ބާރުކޮށް ކިޔާލި ގައުމީ ސަލާމުންވެސް ބެލުންތެރިން ހީބިހި ނަގުވައިލިއެވެ. އެ ޖޯޝާއި ފޯރީގައި އިޓަލީ މެޗު ފެށީ ނިކަން ވަރުގަދަ ކޮށެވެ. މޮޅަކާއެކު ގަދަ 16 ޔަގީން ކުރުމުގެ ރޫހުގައެވެ. ފުރަތަމަ 15 ވަރަކަށް މިނެޓުގައި އިޓަލީގެ ކުރިއަށް ކުޅޭ އެންމެ ނުރައްކާތެރި ދެ ކުޅުންތެރިންގެ ދެ ހަމަލާ ފެނިގެން ދިޔައެވެ. ސީރޯ އިމޯބިލޭއާއި ލޮރެންޒޯ އިންސީނިއާގެ ހަމަލާތައް ކާމިޔާބު ނުވެ ދިޔަ ނަމަވެސް އިންސީނިއާ ނަގައިދިން ކޯނަރަކުން އިޓަލީ ކެޕްޓަން ޖޯޖިއޯ ކިއޭލީނީ، ސްވިޒަލެންޑްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. އެ ބޯޅަ ގޯލަށް ވަން ނަމަވެސް ވިއޭއާރް ބަލައި، ރެފްރީ ނިންމީ ބޯޅައަށް މައްޗަށް އެރި ވަގުތު ކިއެލީނީ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.

އެ ހަމަލާއަށް އިރުކޮޅެއް ފަހުން އިޓަލީގެ ކެޕްޓަން ކިއެލީނީއަށް އަނިޔާވެ ބާލަން ޖެހުނެވެ. އެއީ މާޔޫސްކަމެއް ނަމަވެސް އިޓަލީގެ ރޫހަށް ކުޑަވެސް ބަދަލެއްް ނާދެއެވެ. އޭގެ ދެ މިނެޓްފަހުން މެޗުގެ 28 ވަނަ މިނެޓުގައި އިޓަލީ ލީޑު ނެގިއެވެ. ޑޮމެނިކޯ ބެރާޑީ ދިން ބޯޅައަކުން ސްވިޒަލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ގޯލް ކާމިޔާބުކޮށްދިނީ މަނުއެލް ލޮކަޓެލީއެވެ. ރީތި ޕާސްތަކަކާއެކު ޖެހި އެގޯލާއެކު އިޓަލީން ހާފު ނިންމާލީ އިމޯބިލޭއާއި ސްޕިނަޒޯލާގެ އިތުރު ދެ ހަމަލާއަކާ އެކުގައެވެ.

ސްވިޒަލޭންޑަށް ޖާގަ ނުދީ އިޓަލީން ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލު ކުރަމުން ދިޔައެވެ. ޓީމު ވޯކް، އިޓަލީގެ ޕާސްތަކުން ވަރަށް ހިތްގައިމުކޮށް ދައްކުވައިލަދެއެވެ. މެޗުގެ 52 ވަނަ މިނެޓުގައި ލޮކަޓެލީ ޖެހި ދެވަނަ ގޯލާއެކު އިޓަލީ ލީޑު ފުޅާކުރިއެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

އެ ގޯލާއެކު އިޓަލީ ހަމަޖެހިލިއެވެ. ހަމަޖެހިލިތަނުން ސްވިޒަލޭންޑްގެ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އެޓީމަށް ކުރިމަތިވިއެވެ. ސްވިޒަލޭންޑްގެ ސްޓީވަން ޒޫބާ އަރިމަތިން ވަދެ ޖެހި ބޯޅަ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކޮށް ބޭރުކޮށްލިއެވެ. ރީބައުންސްގައި ޒޫބާ ހުރަސްކުރަން މަސައްކަތް ކުރި ބޯޅަވެސް އަތުލީ ޑޮނަރޫމާއެވެ.

މެޗުގެ ފަހު 20 ވަރަކަށް މިނެޓުގައިވެސް އިޓަލީއަށް ވަނީ އިތުރު ގޯލުތައް ޖަހަން ފުރުސަތު ލިބިފައެވެ. އިމޯބިލޭއަށް އަރިމަތިން ދެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާގެ ދެ ހަމަލާވެސް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެ ބޭރަށެވެ. އިމޯބިލޭ އަތުން ގެއްލުނު ފުރުސަތުތަކަށް އޭނާ ރައްދުވެސް ދިނެވެ. މެޗުގެ 89 ވަނަ މިނެޓުގައި އޭނާގެ ހިތްގައިމު ގޯލެއް ވައްދާލިއެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަށް ސްވިޒަލޭންޑްގެ ގޯލްކީޕަރަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

މިރޭގެ ނަތީޖާއާއެކު އިޓަލީއަށް ވަނީ ގަދަ 16 ޔަގީންވެފައެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗުގައިވެސް ކޮޅަށް ގޯލެއް ނުވައްދައި އިޓަލީން ހަ ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމުން ވަނީ ފަސް ގޯލު ޖަހައިފައެވެ. ގްރޫޕްގެ ދެވަނައިގައި ވޭލްސް އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. ވޭލްސްއަށް ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ އިޓަލީ މެޗު އެކަންޏެވެ. ސްވިޒަލޭންޑް ޕޮއިންޓަކާއެކު ތިންވަނައިގައި އޮތް އިރު، ފުލުގައި އޮތް ތުރުކީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އެހެންނަމަވެސް ސްވިޒަލޭންޑާއެކު އޮތް މެޗުން ނެރޭ ނަތީޖާއަކުން އަދިވެސް ތުރުކީއަށް ތިންވަނަ ލިބިދާނެއެވެ. ސްވިޒަލޭންޑަށް ދެވަނަ ހޯދުމުގެ ޖާގަވެސް އެބައޮތެވެ.

  • ޔޫރޯ ގްރޫޕް ސްޓޭޖުގައި މާދަމާ އޮންނަ މެޗުތައް

18:00 ޔޫކްރެއިން - ނޯތު މެސަޑޯނިއާ

21:00 ޑެންމާކް - ބެލްޖިއަމް

00:00 ނެދަލޭންޑްސް - އޮސްޓްރިއާ