ޔޫރޯ 2020 ގްރޫޕް އޭގައި އިޓަލީއާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

އިޓަލީއަކީ މިފަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ފޯމް ރަނގަޅު އެއް ޓީމު. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ތުރުކީ ބަލިކުރީ ފަސޭހަ 3-0 ގެ ނަތީޖާއަކުން. އެއީ އިޓަލީން ބަލި ނުވެ ހަމަކުރި 28 ވަނަ މެޗު. ޔޫރޯގައި ކުޅުނު ފުރަތަމަ މެޗާއި އޭގެ ކުރިން ކުޅުނު ނުވަ މެޗުންވެސް އިޓަލީ މޮޅުވެފައި ވަނީ ކޮޅަށް ގޯލެއް ވަނަ ނުދީ ކްލީން ޝީޓާ އެކުގައި. މިއަހަރުގެ ޔުރޯގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވެފައިވާ ސްވިޒަލޭންޑަށް އިޓަލީ ވާނީ ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ޗެލެންޖަށް.

ވަރުގަދަ އިޓަލީއަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ސަޕޯޓަރުން. މިރޭގެ މެޗަށްވެސް އިޓަލީ ނުކުންނާނީ އަމިއްލަ ގައުމު، ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި. މިހާތަނަށް ބޮޑު މުބާރާތެއްގައި އިޓަލީން ރޯމްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވޭ.

  • ސީރޯ އިމޯބިލޭ - އިޓަލީ
  • އުމުރު: 31 އަހަރު
  • ކްލަބު: ލާޒިއޯ
  • މަގާމު: ފޯވަޑް
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 47
  • ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 14
  • ކެރިއަރުގައި 230 އަށްވުރެ ގިނަ ގޯލް ޖަހާފައިވޭ
  • 2018-19 ވަނަ ސީޒަންގައި ޔޫރަޕްގެ ރަން ބޫޓް ހޯދި
  • ގްރަނިޓް ޒަކާ - ސްވިޒަލޭންޑް
  • އުމުރު: 28 އަހަރު
  • ކްލަބު: އާސެނަލް
  • މަގާމު: މިޑްފީލްޑަރު
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 93
  • ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 12
  • ސްވިޒަލޭންޑް ކެޕްޓަން
  • ޒަކާ ވަނީ ބޮޑު ތިން މުބާރާތެއްގައި ސްވިޒަލެންޑަށް ކުޅެފައި
  • އެއީ ވޯލްޑް ކަޕް 2014، ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018

އިޓަލީއާ ސްވިޒަލޭންޑް އެންމެފަހުން ކުޅުނު ވާދަވެރިކަމުގެ މެޗަކީ ޔޫރޯ ކޮލިފިކޭޝަންގައި 2000 ވަނަ އަހަރު ކުޅުނު މެޗު. އެ މެޗު އިޓަލީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން. އެ މެޗުގައި ދެ ގޯލްވެސް ޖެހީ އެލެކްސެންޑްރޯ ޑެލް ޕިއެރޯ. އެންމެފަހުން 2010 ވަނަ އަހަރު ކުޅުނު މެޗު ނިމިގެން ދިޔައީ ދެޓީމު 1-1 އިން އެއްވަރު ވެގެން.