ޔޫރޯ 2020

ވޭލްސްއިން ތުރުކީ ބަލިކޮށްފި، ޕެނެލްޓީ ނާކާމިޔާބު ކޮށްލި ނަމަވެސް "ހީރޯ"އަކީ ބޭލް

ޔޫރޯ 2020 ގެ ގްރޫޕް އޭގައި ވޭލްސްއިން ކުޅުނު ދެވަނަ މެޗުގައި ތުރުކީ ބަލިކޮށް، ތުރުކީން ގަދަ 16 އަށް ކުރަމުން އައި އުންމީދު ފަނޑު ކޮށްލައިފިއެވެ.

ޔޫއެފާ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި މިރޭ ތުރުކީން ވޭލްސްއާ ދެކޮޅަށް ނުކުތީ އަޒަރުބައިޖާންގެ ބަކޫގައެވެ. މެޗު ވޭލްސްއިން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގައި ވޭލްސް ކެޕްޓަން ގެރެތު ބޭލް ވަނީ ދެ ގޯލަށް އެސިސްޓް ކޮށްދީ ޕެނަލްޓީއެއް ނާކާމިޔާބު ކޮށްލައިފައެވެ.

ފުރަތަމަ މެޗުގައި އިޓަލީ އަތްދަށު ވެފައި އޮތުމުން ތުރުކީއަށް މިރޭގެ މެޗު މަޖުބޫރެވެ. މިރޭގެ މެޗުން ބަލިވެއްޖެނަމަ ޔަގީން މަގާމެއްގައި ގަދަ 16 އަށް ދާން ތުރުކީއަށް އޮތް ފުރުސަތު ގެއްލޭނެއެވެ. އިދިކޮޅަށް ނުކުތް ވޭލްސް ފުރަތަމަ ކުޅުނު މެޗުގައި ސްވިޒަލޭންޑް އަތުން ލިބުނީ ޕޮއިންޓެކެވެ. ފުރުސަތުގެ ބޭނުން ހިފަން ވޭލްސްވެސް ތައްޔާރުވީ މޮޅަކަށް ޓާގެޓް ކޮށެވެ.

މިރޭގެ މެޗަކީ 1997 ވަނަ އަހަރަށްފަހު ވޭލްސްއާއި ތުރުކީ ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ކުރިން ފޯކަސް އަމާޒުވެފައި ވަނީ ދެޓީމުގެވެސް ކެޕްޓަނުންނަށެވެ. ވޭލްސް ކެޕްޓަން ބޭލްއާއި ބުރަކް ޔިލްމާޒްއަށް މީޑިއާގެ ސަމާލުކަން ހުއްޓުވާލާފައިވާ އިރު، އެ ދެ ކުޅުންތެރިންނަށް ވެސް ސަޕޯޓަރުންނަށް ޖަވާބުދާރީވުމުގެ ޒިންމާ އޮތެވެ. ގޯލް ޖެހުމަށް މައިގަނޑު ޒިންމާ އޮތީވެސް ހަމަ އެ ދެކުޅުންތެރިން އަތުގައެވެ. މެޗު ބައްލަވައިލެއްވުމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވަނީ ދަނޑަށް ވަޑައިގެންފައެވެ.

މެޗުގެ ކުރީކޮޅުގައި ފެނުނީ ވޭލްސްގެ ހަމަލާތަކެކެވެ. ބެން ޑޭވިސްގެ ހަމަލާއެއްގެ އިތުރުން އޭރޮން ރެމްސީގެ ހަމަލާއެއް ފާހަގަވެގެން ދިޔައެވެ. ހާއްސަކޮށް ރެމްސީއަށް ލިބުނު ހަމަލާގައި ފޮނުވާލި ބޯޅަ ތުރުކީގެ ކީޕަރު އުގުރުސަން ޗަކީރް ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިއެފާ މޫ، ބޮލުން ފޮނުވާލި ހަމަލާ ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވެއެވެ. ހާއްސަކޮށް ވޭލްސްއަށް ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ.

ރަނގަޅަށް ކުޅެމުންދިޔަ ވޭލްސްއަށް މެޗުގެ 23 ވަނަ މިނެޓުގައިވެސް ބޭލްއާއި ރެމްސީގެ ގުޅުމުގެ ތެރެއިން ފަހި ފުރުސަތެއް ފަހިވިއެވެ. ތުރުކީ އޭރިއާ ތެރެއަށް ވަދެ، ރެމްސީ ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ. އެ ދެކުޅުންތެރިންގެ ގުޅުން މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް ފާހަގަވެފައިވެއެވެ. ހާއްސަކޮށް ހާފު ނިމެން ދަނިކޮށް ޖެހި ގޯލަކީ އެ ދެކުޅުންތެރިންގެ ހިތްގައިމު ކުޅުމެކެވެ.

ބޭލް ދިން ރީތި ބޯޅަ، ވަރަށް ރީތިކޮށް މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު އޭރިއާ ތެރޭގައި ހުރެ ރެމްސީ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. ރަނގަޅު ކުޅުމަށް ހައްގު ލީޑާއެކު ވޭލްސް ހާފު ނިންމައިލިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ތުރުކީގެ ކެޕްޓަން ޔިލްމާޒްއަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތު ހިތްގައިމުކޮށް ފޮނުވާލަން އޭނާ މަސައްކަތް ކުރި ނަމަވެސް ދިޔައީ މާ މަތިން ބޭރަށެވެ. އެ ފުރުސަތު ބޭކާރުކޮށްލުމުގެ ހިތި އަނެއްކޮޅުން ފެނުނެވެ. އިރުކޮޅެއް ފަހުން ބޭލްއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސްއަށް ޕެނެލްޓީއެއް ލިބި ލީޑު ފުޅާކުރުމަށް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް ބޭލް ޖެހި ޕެނެލްޓީ ދިޔައީ ތުރުކީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުންވެސް ހަމަލާތައް މެޗުގައި ފެނިފައިވެއެވެ. ބޭލް ބޮލުން ފޮނުވާލި ހަމަލާއެއްވެސް ތުރުކީ ގޯލްކީޕަރު ޗަކީރް ވަނީ ދިފާއުކޮށްފައެވެ. އަނެއްކޮޅުން ޔިލްމާޒް ބޮލުން ޖެހި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗު ނިމިނިމި އޮއްވައި ތުރުކީން އެއްވަރު ނުކުރީވެސް ކިރިޔާއެވެ. ކޯނަރަކުން ޑިފެންޑަރު މެރިހް ޑެމިރަލް ބޮލުން ޖެހި ބޯޅަ މަތަކުރީ ވޭލްސް ގޯލްކީޕަރު ވާޑެވެ.

މެޗުގެ ފަހު ދެ މިނެޓުގެ ތެރޭގައި މެޗު ހޫނުވެގެން ދިޔަ މަންޒަރުތައްވެސް ފެނިގެން ދިޔައެވެ. ވޭލްސް އޭރިއާ ތެރެއިން އިލްމާޒްއާއި ބެން ޑޭވިސްއާ ދެމެދު ހިނގި ޒުވާބު ތެރެއިން ދެ ޓީމުގެ ކުޅުންތެރިން ވަނީ އެދޭތެރެއަށް ވަދެ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ގަޔަށް އަތްލައިފައެވެ.

މެޗުގެ ފަހު މިނެޓުގައި ވޭލްސްއިން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބޭލް ދިން ބޯޅައަކުން ވޭލްސްއަށް އެ ގޯލް ކާމިޔާބުކޮށްދިނީ ކޮނާ ރޮބާޓްސްއެވެ. ބޭލްގެ އިތުރު އެސިސްޓަކާއެކު އޭނާ އަތުން ނާކާމިޔާބުވި ޕެނެލްޓީއަށް ބަދަލު ދިނެވެ.

ދެ މެޗުން ހަތަރު ޕޮއިންޓާއެކު މިވަގުތު ވޭލްސް އޮތީ ގްރޫޕް އޭގެ އެއްވަނައިގައެވެ. ތުރުކީއަށް ދެ މެޗުން ޕޮއިންޓެއް ނުލިބި އެއްވަނަ އަދި ދެވަނަ ހޯދުމަށް ވަނީ އުންމީދު ގެއްލިފައެވެ. އެޓީމަށް ދެން ގަދަ 16 އަށް ދެވެން އޮންނާނެ ހަމައެކަނި ގޮތަކީ އެހެން ގްރޫޕްތަކުގެ ތިންވަނައަށް ދާ ޓީމުތަކުގެ ނަތީޖާއަށް ބަލައިގެންނެވެ.

ގްރޫޕްގެ ދެވަނައިގައި އެއް މެޗުން ތިން ޕޮއިންޓް ހޯދާފައިވާ އިޓަލީ އޮތް އިރު، ސްވިޒަލޭންޑް އޮތީ ތިންވަނައިގައެވެ. އެޓީމު އަތުގައި މިވަގުތު އޮތީ ވޭލްސް އަތުން ހޯދި ޕޮއިންޓެވެ. ގްރޫޕް އޭގައި އިޓަލީއާ ދެކޮޅަށް ސްވިޒަލޭންޑް ނުކުންނާނީ މިރޭ 12:00 ގައެވެ.