ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ހަވާލުކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ "ވަން" އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ޔޫތު މިނިސްޓްރީ ހިންގުން ޑރ. މައުސޫމާ ހަވާލުކުރީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ސަސްޕެންޑުކޮށްފައިވާތީ އެވެ. މަހުލޫފް ސަސްޕެންޑުކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންމަވަންދެނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.