ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ ފްލެޓުތައް ކަނޑައަޅާފައިވާ ކެޓަގަރީތައް މި ސަރުކާރުން އުވާލުމުން އެ ކެޓަގަރީތަކުން ފްލެޓުތައް ލިބުނު މީހުންނަށް އެހެން މަޝްރޫއުއަކުން ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ ފްލެޓުތަކަކީ 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ އެޗް11 ކެޓަގަރީ އާއި މާލޭ މުނިސިޕަލްޓީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހާއްސަ އެޗް13 ކެޓަގަރީގެ އިތުރުން އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކުރި އެޗް15 ކެޓަގަރީއެވެ.

މި އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރަން ހަމަޖައްސާފައި ވަނީ ސަރުކާރު ކުންފުނިތަކުން ހުޅުމާލޭ ފޭސް 2ގައި އަޅާ ޓަވަރުތަކުން ބައެއް ފްލެޓުތައް ސަރުކާރަށް ގަތުމަށްފަހުއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އެއް ކޮޓަރީގެ ފްލެޓު ލިބެން ނެތުމުން ކަމަށްބުނެ އެ ކެޓަގަރީތައް އުވާލިއެވެ.

ހައުސިން މިނިސްޓްރީން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަސްލަމްއާ އެކު ބައިވެރިވެވަޑައިގެން މުއިއްޒު ވިދާޅުވީ، ސަރުކާރު ބަދަލުވިޔަސް، ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ސިޔާސަތު ބަދަލުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް ބަދަލުކުރާ ނަމަ، އެމީހުންނަށް އެހެން ގޮތެއް ހޯދައިދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަލަތު ކައިވެނީގެ ކެޓަގަރީއަށް ކުރިމަތިލި 1000 އަށްވުރެ ގިނަ މީހުންނަށް ފްލެޓު ދޭން ނިންމި ނަމަވެސް، އެ ކެޓަގަރީ މި ސަރުކާރުން އުވާލުމުން، ފްލެޓު ލިބުނު މީހުންގެ ހައްގަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރެވެގެން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.