އިޓަލީއަކީ މިފަހަރުގެ ޔޯރޯ މުބާރާތުގައި އެންމެ ފޯމް ރަނގަޅު އެއް ޓީމެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ތުރުކީ ބަލިކުރީ ފަސޭހަ 3-0 ގެ މޮޅަކުންނެވެ. އެއީ އިޓަލީން ބަލި ނުވެ ހަމަކުރި 28 ވަނަ މެޗެވެ. ޔޫރޯގައި ކުޅުނު ފުރަތަމަ މެޗާއި އޭގެ ކުރިން ކުޅުނު ނުވަ މެޗުންވެސް އިޓަލީ މޮޅުވެފައި ވަނީ ކޮޅަށް ގޯލެއް ވަނަ ނުދީ ކްލީން ޝީޓާ އެކުގައެވެ. މިއަހަރުގެ ޔުރޯގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވެފައިވާ ސްވިޒަލޭންޑަށް އިޓަލީ ވާނީ ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ޗެލެންޖަށެވެ.

ވަރުގަދަ އިޓަލީއަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ސަޕޯޓަރުންނެވެ. މިރޭގެ މެޗަށްވެސް އިޓަލީ ނުކުންނާނީ އަމިއްލަ ގައުމު، ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. މިހާތަނަށް ބޮޑު މުބާރާތެއްގައި އިޓަލީން ރޯމްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ޔޫރޯއާއި ވޯލްޑް ކަޕްގައި މިހާތަނަށް އަމިއްލަ ގައުމުގައި އިޓަލީ ކުޅުނު 11 މެޗުން އެޓީމު ވަނީ ނުވަ މެޗު ކާމިޔާބު ކޮށްފައެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ،

  • އިޓަލީ ކޯޗު ރޮބާޓޯ މަންޗިނީ

"ވޭލްސް ވާނީ ސަޕްރައިޒް ޓީމަކަށް. ސްވިޒަލޭންޑަކީވެސް ވަރަށް ރަނގަޅު ޓީމެއް. ޒުވާން ހުނަރުވެރި ކުޅުންތެރިން އެބަތިބި. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ސްވިޒަލޭންޑުން ނެރެފައިވާ ނަތީޖާތަކަށް ވިސްނަން ޖެހޭ. އިޓަލީގެ ވަރުގަދަކަން އެނގުނަސް އިދިކޮޅު ޓީމުތަކަށްވެސް ވިސްނަންވެސް ވާނެ. ގްރޫޕްގައި ފަހު ވަގުތާ ޖެހެންދެންވެސް އިޓަލީ ވަރުގަދައަށް މަސައްކަތް ކުރާނެ،"

  • ސްވިޒަލޭންޑްގެ ކޯޗު ޕެޓަކޮވިޗް

"އިޓަލީ ބަލިކުރެވޭނެ ސިއްރު ފޯމިއުލާއެއް ނެތް. ހަމައެކަނި އޮތް ގޮތަކީ 90 މިނެޓް ވަންދެން ހިތްވަރާއެކު މަސައްކަތް ކުރުން. އަހަންނަށް އަށް އަހަރު ފަހުން އަނބުރާ އިޓަލީއަށް އާދެވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް. ރޯމްއަކީ ހިތްގައިމު އެހާމެ ފުޓުބޯޅައިގެ ސިޓީއެއް. ހަންދާންތައް އެބަހުރި އެކަމަކު މިހާރު ފޯކަސް ހުރީ ހަމައެކަނި މެޗަށް،"

ޕެޓަކޮވިޗަކީ މީގެ ކުރިން އިޓަލީގެ ލާޒިއޯގެ ކޯޗަކަށް މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އޭނާ ކުރިން ދިރިއުޅެފައި ވަނީ އިޓަލީގައެވެ. މިރޭގެ މެޗަށް ނުކުންނަ ސްޓޭޑިއަމްއަކީ ލާޒިއޯގެ ހޯމް ސްޓޭޑިއަމް ކަމަށްވާއިރު، ޕެޓަކޮވިޗަށް އެއީ ގިނަ ހަނދާންތަކެކެވެ.

އިޓަލީއާ ސްވިޒަލޭންޑް އެންމެފަހުން ކުޅުނު ވާދަވެރިކަމުގެ މެޗަކީ ޔޫރޯ ކޮލިފިކޭޝަންގައި 2000 ވަނަ އަހަރު ކުޅުނު މެޗެކެވެ. އެ މެޗު އިޓަލީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދެ ގޯލްވެސް ޖެހީ އެލެކްސެންޑްރޯ ޑެލް ޕިއެރޯއެވެ. އެންމެފަހުން 2010 ވަނަ އަހަރު ކުޅުނު މެޗު ނިމިގެން ދިޔައީ ދެޓީމު 1-1 އިން އެއްވަރު ވެގެންނެވެ.

އިޓަލީ އާއި ސްވިޒަލޭންޑް ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ.