ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތަކަށް އެމަނިކުފާނު ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އުވާލައްވައި، ޖެންޑާ މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ހުސްވި މަހު ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބަދަލުތަކެއް ގެންނަވައިފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ރައީސް ސޯލިހު ވަނީ ބަދަލުކުރައްވައިފަ އެވެ.

އެގޮތުން މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަމަށާއި، އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ރައީސް ވަނީ ބަދަލުކުރައްވައިފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "ނޭޝަނަލް ޑްރަގް އެޖެންސީ"އަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.

އެ ބަދަލާއެކު މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އާމިނަތު ޝައުނާ އައްޔަނު ކުރައްވައި، ފިޝަރީޒް މިނިސްތަރު ކަމުގެ މަގާމަށް ޑރ. ހުސެއިން ރަޝީދު ހަސަން ރައީސް ވަނީ އައްޔަން ކުރައްވައިފައެވެ.

މިނިސްޓްރީއަށް ގެނެސްފައިވާ އެ ބަދަލުތައް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.