މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ބޮމެއް ގޮއްވާލައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ތަހުމީން އަހުމަދާއި އަހުމަދު އަދުހަމް ރަޝީދު އެ ހަމަލާ ދިނުމުގެ ފަސް ދުވަސް ކުރިން ފުލުހުން ކަނޑުމަތިން ހިފެހެއްޓި ލޯންޗެއްގައި ތިބި ކަމަށް ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، މެރިން ޕޮލިހުން އެ ލޯންޗް ކަނޑުމަތިން ހުއްޓުވާފައިވަނީ، އާންމު ޕެޓްރޯލްގެ ދަށުން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަން ފާހަގަ ކުރެވިގެން ކަމަށެވެ.
"ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަހުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައި ވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުން ބެލި ބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ތަހުގީގުން ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ ލޯންޗް ކަނޑުމަތީން ހުއްޓުވައި އޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ނަސޭހަތްތެރިވުމަށް ފަހު ދޫކޮށްލި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހުން ހައްޔަރު ކޮށްފަ އެވެ. އެއީ އަދުހަމްއާއި ތަހްމީންގެ އިތުރުން މުޖާޒް އަހްމަދު އާއި އަހުމަދު ފާތިހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު