އިސްލާމް ދީނާ އިދިކޮޅު އަމަލުތައް އިތުރަށް ތަފުސީލުކުރުމަށް ކަމަށް ވިދާޅުވެ ގާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ހުށަހަޅަން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ނިންމަވައިފިއެވެ.
ގާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ހުށަހަޅުއްވަން ހިސާން ނިންމަވާފައި މިވަނީ، މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
އިސްލާމް ދީނާ އިދިކޮޅު އަމަލުތައް އިތުރަށް ތަފުސީލުކުރުމަށް ގާނޫނުލް އުގޫބާތަށް ހިސާން އިސްލާހު ހުށަހަޅުއްވަނީ، ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.
ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގައި ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށްތައް ކަނޑައަޅާފައިވާއިރު، އެ މާއްދާއަށް އިތުރު ކުރަން ހިސާން ހުށަހަޅުއްވާ އިސްލާހުގައި ވަނީ، މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާއްމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށެވެ.
މި އިސްލާހަކީ އެ މާއްދާގައި އޮންނަ ގޮތާ މާބޮޑު ތަފާތެއް ހިމެނޭ އިސްލާހެއް ނޫނެވެ.
ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ އެކެއްގައި މިހާރު ބުނެފައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާއްމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑު ކިޔައި، ދީނީ ތަގުރީރު ކުރުމަކީ ކުށެއް ކަމަށެވެ.
ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުގައި ހަމަ އެކަނި ތަފާތު ވަނީ "އެނޫންވެސް ގޮތަކަށް" މި ޖުމުލަ އެކަންޏެވެ.
އިސްލާމްދީނަށް ތައުހީނު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ކަނޑައަޅާފައިވާ ކަމަށެވެ.
މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާއްމުންގެ ކުރިމަތީގައި އިސްލާމްދީނަށް ފާޑުކިޔައި އިސްލާމުދީނަށް ތައުހީނު ކުރުމަށް ތަގުރީރު ކުރުމަކީ މަނާ ކަމެއްކަން، ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ކަމަށާއި އިސްލާމްދީނަށް ފާޑުކިޔައި އެކިއެކި ލިޔުންތައް ތައްޔާރު ކުރުމާއި ބެހުމާއި ވިއްކުމާއި އުފެއްދުމަކީ ކުށެއް ކަމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.
ގާނޫނުލް އުގޫބާތަށް ސަރުކާރުން ފޮނުވާ މި އިސްލާހު ހުށަހަޅަން ނިންމީ، އެކަންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށާއި މި އިސްލާހަކީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފުރައްސާރައަކަށް ވެދާ ގޮތަކަށް އެއްޗެއް ބުނުމަކީ ކުށެއް ކަމަށް ހިމެނުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ބިލުގައި ބުނެފައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމް ދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފުސީލުކޮށް، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފު ގޮތަށް އެ މާއްދާގައި ބަޔާން ކުރުން ކަމަށެވެ.