ކުޅިވަރު

ޕްރިވިއު: "ހިތާއި ހިތުން" ގުޅިފައިވާ އަޒަރުބައިޖާން އާއި ތުރުކީ، ވޭލްސްއިން އެކަން ދަންނާނެ!

މުޙައްމަދު ޝަމްޢޫން

ޔޫއެފާ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި މިރޭ ތުރުކީން ވޭލްސްއާ ދެކޮޅަށް ނުކުންނާނީ އަޒަރުބައިޖާންގެ ބަކޫގައެވެ. ފުރަތަމަ މެޗުގައި އިޓަލީ އަތްދަށު ވެފައި އޮތުމުން ތުރުކީއަށް މިރޭގެ މެޗު އިންތިހާއަށް މުހިއްމެވެ. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޔަގީން މަގާމެއްގައި ގަދަ 16 އަށް ދާން ތުރުކީއަށް އޮތް ފުރުސަތު ގެއްލޭނެއެވެ. ދެން ގަދަ 16 އަށް ދާން ތުރުކީއަށް ޖެހޭނީ އެހެން ގްރޫޕްތަކުގެ ނަތީޖާއަށް ބަލާން ތިބޭށެވެ. ވޭލްސް ފުރަތަަމަ ކުޅުނު މެޗުގައި ސްވިޒަލޭންޑް އަތުން ލިބުނީ ޕޮއިންޓެކެވެ. ފުރުސަތުގެ ބޭނުން ހިފަން ވޭލްސްވެސް ތައްޔާރުވާނެ ކަން ޔަގީނެވެ.

ފުރަތަމަ މެޗުގައި ތުރުކީން ކުޅުނީ އިޓަލީގައި އިޓަލީއާ ދެކޮޅަށެވެ. އިޓަލީގެ ވެރިރަށް ރޯމްގައި އެ މެޗު ކުޅެން ޖެހުމަކީ ތުރުކީއަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ. ސަޕޯޓަރުންގެ މުހިއްމުކަން އިޓަލީއަށް އެ މެޗުގައި އިހުސާސްވެސް ވާނެއެވެ. ސަޕޯޓަރުންނާއެކު އިޓަލީ ފެނުނީ ޖޯޝުގައި ކުޅުނު ތަނެވެ. 11 ސިޓީއެއްގައި ޔޫރޯ ހޯސްޓް ކުރަމުން އަންނައިރު، އޭގެ ތެރެއިން އެއް ސިޓީއަކީ އަޒަރުބައިޖާންގެ ބަކޫއެވެ. ތުރުކީއަކީ ހޯސްޓް ސިޓީއެއް ނޫން ނަމަވެސް، ބަކޫއަކީ ހަމަ ތުރުކީގެ ހޯމްއެވެ. އަޒަރުބައިޖާން އާއި ތުރުކީއަކީ ގާތް މިތުރުންނެވެ. އެ ލޯބި މިރޭ ދައްކާލާނެ ކަމަށް ތުރުކީން އުންމީދުވެސް ކުރެއެވެ. ވޭލްސްއިން ވަނީ އެކަމަށް ސަމާލުވާނެ ކަމަށް ބުނެފައެވެ.

އަޒަަރުބައިޖާން އާއި ތުރުކީ - ވަން ނޭޝަން، ޓޫ ސްޓޭޓްސް

އަޒަރުބައިޖާންއާއި ތުރުކީއަކީ ގާތް ދެގައުމެވެ. އަޒަރުބައިޖާންގެ ކުރީގެ ރައީސް ހައިދަރު އަލިޔޭވް އެ ދެގައުމުގެ ގުޅުން ސިފަކުރައްވަމުން ވިދާޅުވެފައި ވަނީ އެ ދެގައުމަކީ "ވަން ނޭޝަން، ޓޫ ސްޓޭޓްސް" ކަމަށެވެ. އެއް ގައުމެއްގެ ދެ ސްޓޭޓެއް ކަމަށެވެ. އެ ދެގައުމަކީވެސް ޓުރިކްގެ ދެގައުމެވެ.

ތުރުކީއަކީ އަޒަރުބައިޖާންގެ މިނިވަންކަމަށް މަސައްކަތްކޮށް، މިއަދާ ހަމައަށްވެސް އެގައުމުގެ އިގުތިސާދީ ފުދުންތެރިކަމަށް އަތުގުޅާލި ގައުމެވެ. 1918 ވަނަ އަހަރު އަޒަރުބައިޖާންގެ މިނިވަންކަން އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކީވެސް ތުރުކީއެވެ. އަދި އޭގެ ފަހުން ސޯވިއެޓް ގައުމެއްގެ ގޮތުގައި އަޒަރުބައިޖާން އޮތް އޮތުން ނިމި، 1991 ވަނަ އަހަރު މިނިވަން ކުރުމުގައިވެސް އެހީ ވީ ތުރުކީއެވެ. އެކަން އެންމެ ފުރަތަމަ ބަލައިގަތީވެސް ތުރުކީންނެވެ. އަޒަރުބައިޖާންގެ އިގުތިސޯދު އިތުރަށް ވަރުގަދަކޮށް، އެގައުމުގެ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ތުރުކީ ވަނީ ބޮޑު މަސައްކަތެއް ކޮށްދީފައެވެ.

ތުރުކީއާއި އަޒަރުބައިޖާން ވަކިވެފައި ވަނީ 17 ކިލޯމީޓަރުގެ ބައިނަލްއަގުވާމީ ބޯޑާ ލައިނަކުން ނަމަވެސް ދެގައުމުގެ ރައްޔިތުންގެ ހިތުގައި އެއީ އެއް ގައުމެކެވެ. މިދިޔަ އަހަރު އަރުމޭނިއާއާ ދެކޮޅަށް އަޒަރުބައިޖާންއިން ކުރި ނަގޯނޯ - ކަރަބަކް ހަނގުރާމަ އަޒަރުބައިޖާން އަށް ކާމިޔާބުކޮށްދިން ބައިވެރިއަކީވެސް ތުރުކީއެވެ. އދ އާއި ގުޅިގެން ތުރުކީން އަޒަރުބައިޖާން އަށް ވަނީ އެކަމުގައި ބޮޑެތި އެހީތަކެއް ވެދީފައެވެ.

ގައުމީ ލޯބި އަޒަރުބައިޖާއިން އިން މިރޭ ތުރުކީއާ ދެކޮޅަށް ދޭނެ ކަމާމެދު ޝައްކެއް ނެތެވެ. ދެޓީމުގެ ކެޕްޓަނުންވެސް އެކަން ގަބޫލުކުރެއެވެ.

ކެޕްޓަނުންގެ ބަސް

ތުރުކީގެ ކެޕްޓަން ބުރަކް ޔިލްމައީޒް

"އަޒަރުބައިޖާންގައި މެޗު ކުޅުމަކީ ތުރުކީއަށް ލިބޭ އުފަލެއް. އަޒަރުބައިޖާންގެ ރައްޔިތުން ތުރުކީއަށްދޭ ލޯތްބާއި ސަޕޯޓް މިހާރުވެސް އެބަ އިހުސާސް ކުރެވޭ. ފުރަތަމަ މެޗުގައި ކުޅުނީ އަވޭ ޓީމުގެ ގޮތުގައި. އެކަން އިހުސާސްވެސް ވި. އެކަމަކު މި މެޗުގައި ވޭލްސްއަށް އެ އިހުސާސް ކުރެވޭނެ. އެއީ ޔަގީންކަމެއް،"

ވޭލްސް ކެޕްޓަން ގެރެތު ބޭލް

"އަހަރެމެން ބޭނުންވަނީ 34،000 ވޭލްސް ސަޕޯޓަރުން ކުރިމަތީގައި ކުޅެން، އެކަމަކު އެހެން ނުވާނެކަން އެނގޭ. އަދި މިއީ ތުރުކީއާ ގާތް ގައުމެއް. އެހެންކަމުން އެކަމަށް ތައްޔާރުވާން ޖެހޭނެ. ފާޑު ކިޔުމާއި ދިމާކުރުން އަންނާނެ، މިއީ ނިއުޓްރަލް މެޗަކަށްވުރެ ބޮޑަށް އަވޭ މެޗެއް. އެކަމަކުވެސް ސަޕޯޓަރުން ކުރިމަތީގައި ކުޅެވުމަކީ ލިބޭނެ ބޮޑު އުފަލެއް. މެޗުން މޮޅުވުން ވަރަށް މުހިއްމު،"

ވޭލްސް އާއި ތުރުކީ މިހާތަނަށް ހަ މެޗެއްގައި ކުރިމަތިލާފައިވެއެވެ. އޭގެތެރެއިން ތިން މެޗެއް ތުރުކީ ކަމިޔާބުކުރިއިރު، ވޭލްސް ވަނީ ދެ މެޗުން މޮޅުވެފައެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ދެޓީމު އެންމެފަހުން ވާދަކޮށްފައި ވަނީ 1997 ވަނަ އަހަރު ޔޫރޯ ކޮލިފިކޭޝަންގައެވެ. އެމެޗު 6-4 އިން ކާމިޔާބުކުރީ ތުރުކީއެވެ. ތުރުކީއާއި ވޭލްސް ވާދަކުރާ މެޗު އޮންނާނީ މިރޭ 21:00 ގައެވެ.