ޔޫރޯ 2020 ގެ މަރުގެ ގްރޫޕް، ގްރޫޕް އެފްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ވަރުގަދަ ޖަރުމަނު ބަލިކޮށްފިއެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިފައި ވަނީ ވާދަވެރި، ފޯރިގަދަ ކުޅުމެކެވެ. ހަމައެކަނި ގޯލަކީ ޖަރުމަނު ޑިފެންޑަރު މެޓްސް ހުމުލްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިރޭގެ މެޗަކީ ޔޫރޯގައި ކާމިޔާބު ދެޓީމެއްގެ ވަރުގަދަ ކުރިމަތިލުމެކެވެ. ޖަރުމަނުން މީގެ ކުރިން ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، ފްރާންސުން ވަނީ މިހާތަނަށް ދެ ފަހަރަަށް ޔޫރޯ ކާމިޔާބު ކޮށްފައެވެ. ދުނިޔޭގެ ޗެމްޕިއަނުން ގޮތުގައި ފްރާންސުން މިފަހަރުގެ ޔޫރޯއަށް ދިޔައީ އެގައުމުގެ ރަން ޖީލެއްގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް އެޓީމުން ވަނީ 2000 ވަނަ އަހަރުގެ ޔޫރޯވެސް ނަގައިފައެވެ.

އަނެއްކޮޅުން ޖަރުމަނު ނުކުތީ އެޓީމުގެ ކާމިޔާބީ ދުވަސްތަކަށް އަލުން ވާސިލުވާށެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ޖަރުމަނަށް އަދި ބޮޑު މުބާރާތެއްގެ ތަށި ލިބިފައެއް ނުވެއެވެ. 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގައި ފްރާންސް އަތުން ބަލިވެ ސެމީން ޖަރުމަނު ކަޓާފައިވާ އިރު، އެޓީމަށް ބަދުނަސީބުވީ 2018 ވަނަ އަހަރު ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ. އެއީ ފުޓުބޯޅަ ތާރީހުގައި އެޓީމަށް ކަޅު ދުވަހެކެވެ.

ޖަރުމަނުން ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުތީ އުންމީދުގައެވެ. މެޗުގެ ކުރީކޮޅުގައި ފިޒިކަލީ ވަރުގަދަ ޗެލެންޖްތަކެއް ފެނުނެވެ. ބޮޑެތި މެޗުތަކެއްގެ ސިފަ އެ ހިސާބުންވެސް މެޗުން ފެނުނެވެ. ހަމަލާތައްވެސް ދެކޮޅުން ފެންނަން ފެށިއެވެ. މެޗަށް ހޭނި ދެޓީމުން ކުޅެން ފެށި ހިސާބުން ފްރާންސް، ހާފުގެ ކޮންޓްރޯލް ހޯދިއެވެ. ހާއްސަކޮށް އެޓީމުގެ ޕާސްތައް ބޮޑަށް އެކުވެ، ޓީމުގެ އެކުވުން ފެނުނީ ވަރަށް ފުރިހަމަ ކޮށެވެ. ޒުވާން ތަރި ކިލިއަން އެމްބާޕޭގެ ބާރު ދުވެއްޔާއެކު ޖަރުމަނު ޑިފެންސް ހާސްކޮށްލިއެވެ.

އެމްބާޕޭ ކުރީކޮޅުގައި އުފެއްދި ހަމަލާއެއް ގޯލްކީޕަރު މެނުއަލް ނޯޔާ ބޭރުކޮށްލި އިރު، އޭގެ އިރުކޮޅެއް ފަހުން ފްރާންސް ލީޑު ނެގިއެވެ. ތިއޯ ހެނާންޑޭޒް އަރިމަތިން ހުރަސްކޮށްލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޖަރުމަން ޑިފެންޑަރު މެޓްސް ހުމުލްސް އަތުން ބައިކޮޅަށެވެ.

އެ ގޯލަށް ޖަރުމަނުން ފުރިހަމަ ރައްދެއް ދިންހެންވެސް ހީވިއެވެ. ގޯލަށް އިރުކޮޅެއް ފަހުން ޖަރުމަނުގެ ތޯމަސް މުލާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އޭގެ އިތުރުންވެސް ޖަރުމަނަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އިލްކޭ ގުންޑޮގަންއަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ކަރިމް ބެންޒެމާއަށް ހާފް ނިމެނިކޮށް ލިބުނު ފުރުސަތު ބޭނުން ނުކުރެވި 1-0 އިން ހާފް ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ފްރާންސުންނެވެ. އެޑްރިއަން ރެބިއޮޓްގެ ހަމަލާ ދަނޑިއަށް އަމާޒުވި ނަމަވެސް ދެން ފެނުނީ ޖަރުމަނުގެ ހަމަލާތަކެކެވެ. ސާޖް ނަބެރީގެ ދެ ހަމަލާއެއް ފެނިގެން ދިޔައިރު، އެ ދެހަމަލާގައިވެސް ގޯލަކާ ގާތަށް ޖެހިލިއެވެ.

ކުރިއަށް ޖެހި ކުޅެމުންދިޔަ ޖަރުމަނަށް މަދުވީ ގޯލެކެވެ. ފްރާންސުން މަސައްކަތް ކުރަމުން ދިޔައީ ނަތީޖާ ހިފަހައްޓައިލުމަށެވެ. ހާއްސަކޮށް އެމްބާޕޭގެ ދުވެއްޔަށް ބަރޯސާވެ ކައުންޓާއަށް ވިސްނިއެވެ. ކައުންޓާއެއްގައި ކުރިއަށް އަރައި އެމްބާޕޭގެ ހިތްގައިމު ޝޮޓެއްގައި ބޯޅަ ގޯލު ތެރެއަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ފެނުނީ ފްރާންސަށްވުރެ ބޮޑަށް އެޓޭކަށް ޖެހިގެން ކުޅުނު ތަނެވެ. މެދުތެރެއިން ޖަރުމަނުގެ ކުޅުން ވަރުގަދައަށް ފެނުނު ނަމަވެސް އެޓީމަށް ހަމަލާ އުފެއްދުނީ މަދުންނެވެ. އަދި މެދުތެރެއިން ގެއްލޭ ކޮންމެ ބޯޅައެއްގައި ފްރާންސްގެ ކުރިން ނުރައްކާ ކުރިއެވެ. އެމްބާޕޭގެ ބާރު ދުވެލި ވީ ޖަރުމަނުގެ ޑިފެންސަށް ބޮލު ރިހުމަކަށެވެ.

އެމްބާޕޭއާއި ބެންޒެމާ ތަނަވަސްކުރި ފުރުސަތަކުން ބެންޒެމާގެ ބޯޅައެއްވެސް ފަހު ހާފުގައި ގޯލަށް ވައްދާލި ނަމަވެސް އެ ހަމަލާ ފަހިކުރުމަށް ދުއްވައިގަތް އިރުވެސް އެމްބާޕޭ އޮތީ އޮފްސައިޑް މަގާމެއްގައެވެ.

  • މާދާގެ މެޗުތައް

18:00 ފިންލޭންޑް - ރަޝިއާ

21:00 ތުރުކީ - ވޭލްސް

00:00 އިޓަލީ - ސްވިޒަލޭންޑް