ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ދެވަނަ ބުރުގެ ގްރޫޕް އޭގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ފިލިޕީންސް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.
ޑުބާއީގެ ޝާރްޖާ ސްޓޭޑިއަމްގައި ރާއްޖެ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުން އެއްވަރުވެ، ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ތިންވަނަ ބުރަށް ދިޔުމަށް ކޮލިފިކޭޝަން ޕްލޭ އޮފްގައި ކުޅެން ޖެހިފައެވެ.
މިރޭގެ މެޗުން މޮޅުވެ ގްރޫޕްތަކުގެ އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމު ތެރޭގައި ހިމެނި އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރަށް ދިޔުމުގެ ފަހި ފުރުސަތު އޮތެވެ. ރާއްޖެއިން މިފަހަރު ކޮލިފިކޭޝަނަށް ދިޔައީވެސް އެ ފުރުސަތު ހޯދައި އޭޝިއަން ކަޕަށް ދިޔުމުގެ އުންމީދު ދެމެހެއްޓުމަށެވެ.
ކޮލިފިކޭޝަންގެ މެޗުތައް ކޮވިޑް 19 ގެ ސަބަބުން ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު މިހާރު މެޗުތައް ކުޅެމުން ދަނީ ސެންޓްރަލައިޒް ކޮށްގެންނެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުޅެމުންދަނީ ޑުބާއީގައެވެ. ޑުބާއީއަށް ގޮސް ރާއްޖެއިން އެންމެ ފުރަތަމަ މެޗުގައި ސީރިއާ އަތުން ބަލިވެ، ޖެހިގެން އައި މެޗުގައި ޗައިނާ އަތުންވެސް ބަލިވިއެވެ. ވަރުގަދަ ދެ ގައުމު އަތުން ބަލިވެފައި އޮތް ނަމަވެސް މިރޭގެ މެޗަށް ނުކުތީ އުންމީދާ އެކުގައެވެ.
މެޗު ރާއްޖެއިން ފެށީ ވަރުގަދަ ކޮށެވެ. ކުރިއަށް ޖެހި އެޓޭކް ކުރަމުންދިޔަ ރާއްޖޭ ޓީމުގެ އެޓޭކް ލައިން ހިފަހައްޓަން ފިލިޕީންސަށް އުނދަގޫތަކެއްވެސް ކުރިމަތިވިއެވެ. މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައިވެސް އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ނުރައްކާތެރި ހަމަލާއެއް ފާހަގަވެގެން ދިޔައެވެ.
ސެންޓޭއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ، ގޯލު މަތިން ދިޔަ ނަމަވެސް އަރިމަތިން ދެ ކުޅުންތެރިން ބީޓްކޮށްލާފައި ވަދެ، ހަމްޕު ޖެހި ބޯޅަ މަތަކުރީ ފިލިޕީންސްގެ ގޯލްކީޕަރެވެ.
ރާއްޖެއަށް ރަނގަޅަށް ކުޅެމުންދަނިކޮށް ލީޑު ނެގީ ފިލިޕީންސުންނެވެ. ކުޅުމުގެ އޮއިވަރު ރާއްޖެ އަތުގައި އޮތް ނަމަވެސް ފިލިޕީންސްގެ އޭންޖެލް ގުއިރާޑޯ ޖެހި ފަސޭހަ ބޯޅައެއް ގޯލަށް ވަދެ ރާއްޖެ މާޔޫސްވިއެވެ. ގުއިރާޑޯ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ބައުންސްވެގެން ގޮސް ގޯލަށް ވަނީ މަޑުމަޑުން ގޮހެވެ. ބޯޅައަށް ރިއެކްޓްކުރިއިރު ގޯލްކީޕަރު މުހައްމަދު ފައިސަލް ޕޮސިޝަނުން ބޭރުވެފައި ހުރިކަން ފާހަގަވެގެން ދިޔައެވެ.
ފިލިޕީންސްގެ ގޯލަށް ރާއްޖެއިން ރައްދު ދިނީ ވަރަށް ފުރިހަމަ ކޮށެވެ. މެޗުގެ 25 ވަނަ މިނެޓުގައި ސެންޓޭ ޖެހި ގޯލާއެކު ރާއްޖެ ނަތީޖާ ހަމަހަމަ ކުރިއެވެ. ފިލިޕީންސްގެ ޑިފެންޑަރު ވަރަށް ރީތިކޮށް ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެ، ސެންޓޭ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ތިރިތިރީން ގޮހެވެ.
ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަލާތައް މަދު ކުޅުމެކެވެ. ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ދެވަނަ ހާފުގައި ކުޅުމަށް ނުކުތް ނަމަވެސް ރާއްޖޭގެ ހަމަލާތައް ފުރަތަމަ ހާފުގައި ފެނުނީ މަދުންނެވެ. ރާއްޖެއަށް ބޮޑަށް ޖެހުނީ ޑިފެންސް ކުރާށެވެ. ގޯލަށް އަމާޒުކޮށް ފިލިޕީންސަށް ހަމަލާތައް ނުފޮނުވުނު ނަމަވެސް ރާއްޖޭގެ ޑިފެންސުން ވަނީ ގިނަ ފުރުސަތުތަކަކަށް ހުރަސް އަޅައިފައެވެ. ހައިޝަމް އާއި ސަމޫހުގެ ވަރުގަދަ ބްލޮކްތައް ވަނީ ފާހަގަވެގެން ގޮސްފައެވެ.
މެޗުން އެއްވަރުވުމުން ދެން ރާއްޖެ ޖެހޭނީ ފައިނަލް ކޮލިފިކޭޝަން ބުރުގެ ޕްލޭ އޮފްގައި ކުޅޭށެވެ. މި ބުރުގައި ކުޅުނު ކޮލިފިކޭޝަން އަށް މެޗުން ރާއްޖެއަށް ހަތް ޕޮއިންޓް ލިބިގެން ނިންމާލީ ހަތަރުވަނަ މަގާމުގައެވެ. އޭގެ ތެރެއިން ހަ ޕޮއިންޓް ހޯދީ ގުއާމްއާ ދެކޮޅަށް ކުޅެގެންނެވެ.
ނޯތު ކޮރެއާ ގްރޫޕް ސްޓޭޖުން ވަކިވި ހިސާބުން އޭއެފްސީން ނިންމީ ހުރިހާ ގްރޫޕެއްގެ ޓީމުތަކުންވެސް އެންމެ ފަހަތުގައި އޮތް ޓީމުތަކާ ދެކޮޅަށް ކުޅެފައިވާ މެޗުގެ ޕޮއިންޓްތައް ނުގުނާ ގޮތަށެވެ. އެހެންކަމުން ގަދަ ހަތަރު ޓީމުތައް ރޭންކް ކުރާއިރު އެ ޕޮއިންޓްތައް ނުގުނާނެއެވެ.
އަށް ގްރޫޕްގެ ގަދަ ހަތަރެއްގެ ރޭންކަށް ބަލާއިރު، ރާއްޖެ އޮތީ ހަވަނައިގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު