މިރޭ ޖަރުމަނާއި ފްރާންސް ވާދަކުރާ މެޗަކީ މިހާތަނަށް ޔޫރޯގައި ފެންނާނެ އެންމެ ވަރުގަދަ ކުރިމަތިލުމެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗެވެ. ގްރޫޕް އެފްގެ ދެވަނަ މެޗެވެ. މެޗަށް ނުކުންނައިރު ޖަރުމަނަށް އޮތް އެންމެ ބޮޑު ފައިދާއަކީ އަމިއްލަ ގައުމުގެ އެންމެ ތާރީހީ އެއް ސްޓޭޑިއަމް އެލިއާންޒް އެރީނާގައި މެޗަށް ނުކުތުމެވެ. ފްރާންސަށް އޮތް ހިތްވަރަކީ އެޓީމަކީ ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމެވެ. އެއީ އެޓީމުގެ ފަހުރެވެ. ޖަރުމަނުން ނުކުންނަނީ އަލުން އަނބުރާ ކާމިޔާބަށް ވާސިލުވުމުގެ ދަތުރަކަށެވެ.

ފްރާންސާއި ޖަރުމަނަކީ ދުނިޔޭ ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ އިތުރުން ޔޫރޯގައިވެސް އެންމެ ވަރުގަދަ ދެޓީމެވެ. ހާއްސަކޮށް ޖަރުމަނަކީ އެންމެ ގިނައިން ޔޫރޯ ކާމިޔާބު ކުރި އެއްޓީމެވެ. އެގައުމުން ވަނީ ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައެވެ. ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެންނެވެ. ފްރާންޒް ބެކައުންބާއޫގެ ކެޕްޓަން ކަމުގެ ދަށުގައި ޖަރުމަނުން އެ މުބާރާތް ކާމިޔާބުކުރިއިރު، އޭނާއަކީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

ދުނިޔޭ ފުޓުބޯޅައިގެ ގަދަ ބާރު ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލްވެސް ކުޅުނެވެ. އަދި 1980 ވަނަ އަހަރު އަނެއްކާވެސް ޔޫރޯގެ ތަށި ހޯދިއެވެ. އަބަދުވެސް އެއް ފަންތިއެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނު ފުޓުބޯޅަ ދަމަހައްޓާފައިވާކަން ފާހަގަވަނީ އެފަދަ ރެކޯޑުތަކުންނެވެ. އެގައުމުގެ ފުޓުބޯޅަ ސިސްޓަމަކީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ކާމިޔާބު ފުޓުބޯޅަ ސިސްޓަމެވެ. 1988 ވަނަ އަހަރު ޔޫރޯގެ ސެމީން ޖަރުމަނު ކަޓާފައިވީ ނަމަވެސް، 1996ވަނަ އަހަރު އަނެއްކާވެސް އެޓީމުން ޔޫރޯ ކާމިޔާބު ކުރިއެވެ.

ކޯޗު ލޯއާއެކު 2012 ވަނަ އަހަރާއި 2016 ވަނަ އަހަރު ޔޫރޯ ސެމީ ފައިނަލް ޖަރުމަނުން ކުޅުނު ނަމަވެސް އެޓީމުން އަލުން ތަށި ހޯދުމާއި އެންމެ ގާތަށް ޖެހިލީ 2008 ވަނަ އަހަރުއެވެ. ވަރުގަދަ ސްޕެއިނާ ދެކޮޅަށް ކުޅުނު ވާދަވެރި ފައިނަލް މެޗުން ހިތްދަތި ގޮތަކަށް ބަލިވީ 1-0 އިންނެވެ.

ޖަރުމަނާ ދެކޮޅަށް މިރޭ ނުކުންނަ ފްރާންސަކީ މިހާތަނަށް ދެ ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އެންމެ ފުރަތަމަ ތަށްތަކީ 1984 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ތަށްޓެވެ. 1984 ވަނަ އަހަރު ފްރާންސުން ހޯދި ޔޫރޯ މުބާރާތަކީ އެގައުމުގެ ތާރީހުގައި ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެއްގެ ތަށްޓެވެ. އެ ކާމިޔާބީއާއެކު ފްރާންސުން ރަނގަޅު ބިންގަލެއްގެ މަސައްކަތް ފެށިއެވެ. ކްލެއާފޮންޓޭންގެ ނަމުގައި ހުޅުވި ފުޓުބޯޅަ ސްކޫލް، ނުވަތަ ފުޓުބޯޅަ ޓްރެއިނިން ސެންޓަރާއެކު އެގައުމުން ޒައިނުއްދީން ޒިދާން، ތިއަރީ އޮންރީގެ އިތުރުން ޑޭވިޑް ޓްރެޒެގޭ އަދިލިލިއަމް ތުރާމް ފަދަ ކުޅުންތެރިން ފުޓުބޯޅައަށް ނެރުނެވެ. އެގައުމުން ކާމިޔާބުކުރި ދެވަނަ ޔޫރޯއަކީ 2000 ވަނަ އަހަރުގެ ޔޫރޯއެވެ. އެ ޔޫރޯ ފްރާންސުން ކާމިޔާބުކުރީ 1988 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުން ގޮތުގައި ނުކުމެއެވެ. އެޓީމު ވެފައިވަނީ 1974 ވަނަ އަހަރު ވެސްޓް ޖާމަނީއަށްފަހު ޔޫރޯއާއި ދުނިޔޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. އެ ކާމިޔާބީ ތަކުރާރު ކުރަން ފްރާންސް އޮތީ ފެންބޮވައިގެންފައެވެ.

އެންމެފަހުން 2016 ވަނަ އަހަރު ފްރާންސުގައި ބޭއްވި ޔޫރޯއިން އެޓީމަށް ލިބުނީ މާޔޫސްކަމެކެވެ. ޒުވާން ހުނަވެރި ތަރީންތަކެއް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކު ނުކުމެ ފައިނަލް ބަލިވޯ ޕޯޗުގަލް އަތުންނެވެ. އަމިއްލަ ގައުމުގައި ކުޅުނު ފައިނަލުން ބަލިވުމުގެ މާޔޫސްކަން ފިލުވައިލުމަށް މިފަހަރު ފްރާންސް ނުކުންނާނީ ވަރުގަދަ ކޮށެވެ.

  • ޖަރުމަނުގެ ކޯޗު ޔޮކިމް ލޯ

"ޓީމުގައި ރަނގަޅު، ކޮލިޓީ ކުޅުންތެރިން އެބަތިބި. ޑިފެންސާއި އެޓޭކްގެ މިކްސްވެސް ވަރަށް ރަނގަޅު. އެޓޭކްގެ ކޮލިޓީގެ އަންދާޒާ ދަށް ނުކުރެވޭނެ. އެޓޭކުގައި ތިބި ކުޅުންތެރިންނަށް އަމިއްލައަށް މެޗެއްގެ ނަތީޖާ ބަދަލު ކޮށްލެވޭނެ. އެކަމަކު އިދިކޮޅަށް ނުކުންނަ ޓީމުގެ އެޓޭކް ދަށެއް ނުކުރާނަން. ޓީމު އޮތީ ޕޮޒިޓިވް ފީލިން އެއްގައި. އަހަރެން މިތަނަށް އަންނަން ބަހަށް އެރި ހިސާބުންވެސް ހަމަޖެހިލެވުނުކަން އިހުސާސް ކުރެވުން. މިދިޔަ 14 ދުވަހު އަހަރެމެންނަށް ތަފާތު އިހުސާސެއް ކުރެވުނު. މިއީ މުހިއްމު މެޗެއް. މުހިއްމު ވަގުތެއް. މުހިއްމު މެޗެއް. ޓީމުން ކުރި ބުރަ މަސައްކަތް ދައްކަން ލިބޭނެ ވަގުތު،"

  • ފްރާންސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް

"މިއީ ބޮޑު މެޗެއް. ދެޓީމަށްވެސް ބޮޑު މެޗެއް. މުހިއްމު މެޗެއް. ދެޓީމަކީވެސް ޔޫރަޕްގެ ގަދަ ދެ ބާރު. އެންމެ މުހިއްމު ކަމަކީ ޕެނެލްޓީ އޭރިއާ ތެރޭގައި ގަދަވުން. މެޗުގެ ނަތީޖާ ނެރެވޭނެ ހިސާބަކީ އެއީ. ޖަރުމަނު ޓީމަކީ ހުނަރުން ފުރިގެންވާ ޓީމެއް. އެކިއެކި މަގާމުތަކަށް ކުޅޭ ކުޅުންތެރިން ގިނަ. އެއީ އުނދަގޫވާނެ ކަމެއް. އެކަމަކު އަހަރެމެންނަކީ ދުނިޔޭގެ ޗެމްޕިއަނުން. ކާމިޔާބު ތަކުރާރު ކުރުމަށް ކޮންފިޑެންސް މުހިއްމު،"

ފްރާންސާ ޖަރުމަނުގެ ކުރިމަތިލުން އޮންނާނީ މިރޭ 00:00 ގައެވެ.