ޓެރެރިޒަމްއާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން ދޫކޮށްލި ފަސް މީހުން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އެމީހުން ހައްޔަރު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ފެށި އޮޕަރޭޝަންގެ ތެރޭގައެވެ.

ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުސްވި މެއި މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ މީހުން ބަންދުގައި ބައިތިއްބާނެ ތަނެއް ނެތް ކަމަށް ބުނެ ވަނީ ދޫކޮށްލައިފައެވެ.

އެމީހުން ހައްޔަރުކޮށް، ބަންދުކުރަން ހައިކޯޓުން މިއަދު އަމުރުކުރީ ފަސް މީހުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މީޑިއާތަކަށް މިއަދު ވިދާޅުވީ، އެ މައްސަލަ ހައިކޯޓުން މިއަދު ނިންމެވީ އެ ފަސް މީހުން ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރުތައް ބާތިލު ކަމަށް ކަމަށެވެ. އަދި އެ ފަސް މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.