އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން ޔޫރޯގެ ތަށި ދިފާއުކުރުގެ ދަތުރުގެ ފުރަތަމަ މެޗަށް ނުކުންނާނީ މިރޭ ހަންގޭރީއާ ދެކޮޅަށެވެ. ހަންގޭރީގެ ފްރޭންކް ޕުސްކާސް އެރީނާގައި ކުޅުމަށް ތައްޔާރުވެފައިވާ މެޗު ވެގެންދާނީ މިފަހަރުގެ ޔޫރޯގައި ފުލް ސްޓޭޑިއަމްއެއްގައި ކުޅޭ ފުރަތަމަ މެޗަށެވެ. ޕުސްކާސް އެރީނާއަށް 38,652 ސަޕޯޓަރުން ވައްދާނެ ކަމަށް އެގައުމުން ވަނީ ޔަގީންކަން ދީފައެވެ.
ހަންގޭރީން އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު، ތާރީހު އޮތީ ޕޯޗުގަލް އަތުގައެވެ. މިހާތަނަށް ޕޯޗުގަލްއާ ދެކޮޅަށް ހަންގޭރީން 13 މެޗެއްް ކުޅެފައި އެބައޮތެވެ. އޭގެ ތެރެއިން ނުވަ މެޗުން ޕޯޗުގަލް މޮޅުވެފައި އޮތްއިރު، އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ޕޯޗުގަލްއަކީ މުބާރާތުގެ ފެވަރިޓެކެވެ. ތަރިންގެ ޓީމެކެވެ. ހާއްސަކޮށް ޔޫރަޕްގެ އެންމެ ނުފޫޒު ގަދަ ލީގުތަކަށް ގެންދާ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިން ނިސްބަތްވަނީ ޕޯޗުގަލްއަށެވެ. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާޒްއާއި އެ ކްލަބަށް ކުޅޭ ބާނާޑޯ ސިލްވާ، ލިލްއާއެކު ފްރާންސް ލީގު ނެގި ރެނާޓޯ ސަންޗޭޒްގެ އިތުރުން ޓީމުގައި އަދިވެސް ވިދުން އެންމެ ގަދަ ތަރިއަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުނު 173 މެޗުން 104 ގޯލް ޖަހާފައެވެ. ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް އިރާނުގެ އަލީ ދާއީގެ ރެކޯޑު މުގުރާލަން ރޮނާލްޑޯއަށް ބޭނުން ވަނީ ފަސް ގޯލެވެ. މެޗުގެ ކުރިން އެ ރެކޯޑާ ގުޅިގެން ސުވާލު ކުރުމުން ރޮނާލްޑޯ ބުނެފައި ވަނީ ރެކޯޑުތައް މުގުރިގެންދާނެ ކަމަށް އަބަދުވެސް އުންމީދު ކުރާ ކަމަށެވެ. އެހެންނަމަވެސް އޭނާ އެންމެ މުހިއްމު ވާހަކައަކަށް ބުނެފައި ވަނީ ޖެހިޖެހިގެން ދެ ޔޫރޯ ކާމިޔާބު ކުރުމަށް ތައްޔާރުވަމުން އަންނަ ވާހަކައެވެ.
" އެންމެ މުހިއްމު ކަމަކީ ޖެހިޖެހިގެން ދެ ޔޫރޯ ކާމިޔާބުކުރުން. އެއީ ވަރަށް މުހިއްމު ކަމެއް. ޓީމު އެކުގައި ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއް. އެކަމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ފުރަތަމަަ މެޗު ރަނގަޅު ނަތީޖާއަކުން ކާމިޔާބުކުރުން. އެއީ ޔޫރޯ ފަދަ ބޮޑެތި މުބާރާތްތައް ހޯދުމަށް ކުރަން މުހިއްމު ކަމެއް. ފާހަގަކޮށްލަން ޖެހޭ 2016 ވަނަ އަހަރާ ބަލާއިރު މި ޓީމުގެ ތަފާތުތައް އެބަހުރި. މި ޓީމު އޭރުގެ ޓީމަށްވުރެ ޒުވާން ހުނަރުވެރި. ޓީމާ ދޭތެރޭ ޔަގީން ކުރެވެން އޮންނާނީ ނާތީޖާއަށް ބަލާފަ،" މެޗުގެ ކުރިން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވެއެވެ.
ރޮނާލްޑޯ މިރޭ ނުކުންނަނީ އޭނާގެ ފަސްވަނަ ޔޫރޯއަށެވެ. އެއީ ރެކޯޑެކެވެ. ޔޫރޯގައި މިހާތަނަށް ނުވަ ގޯލް ޖަހާފައިވާ ރޮނާލްޑޯއާ އެއް ހަމައިގައި އެ ރެކޯޑުގައި އޮތީ ފްރާންސްގެ މިޝޭލް ޕްލެޓީނީއެވެ. ރޮނާލްޑޯއަށް މިއީ ފަހު ޔޫރޯ ކަމަށްވުން ގާތެވެ. އެހެން ކަމަށްވުމާއެކު އެހެން ޔޫރޯތަކަށްވުރެ މިފަހަރުގެ މުބާރާތަށް ރޮނާލްޑޯގެ ފޯކަސް ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ޔޫރޯ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ޕޯޗުގަލްއިން މިރޭ ހަންގޭރީއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 21:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު