މި ސަރުކާރުން 7،000 ފްލެޓު އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށާއި އިތުރު 4،000 ފްލެޓަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ގެދޮރުވެރިޔާ ލޯން" ސްކީމް ތައާރަފްކޮށްދެއްވައި ރައީސް މިރޭ ވިދާޅުވީ މާލޭގެ ރައްޔިތުން ބޯހިޔާވަހި ކުރުމަށްޓަކައި މަޝްރޫއުތައް ކުރިއަށްދާ ކަަމަށެވެ. އެގޮތުން މިހާރު ސޮއިކޮށްފައިވާ 7000 ފްލެޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި 4000 ފްލެޓްގެ މަސައްކަތަށް ފައިސާ ހަމަޖެހި، ފްލެޓް އަޅާނެ ކުންފުނިތައް ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް، މި ދައުރު ނިމޭއިރުގައި ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަށް އެކަން ހާސިލްވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހި ކަމަކީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށާއި މިރޭ ތައާރަފު ކުރެވުނު ސްކީމަކީ އެކަމަށް ހައްލެއް ހޯދުމަށް އަތޮޅު ތެރޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ފެށި ސްކީމެއް ކަމަށެވެ.

"ގެދޮރުވެރިޔާ" ލޯން ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ތައާރަފު ކުރާ ލޯން ސްކީމެއް ކަމަށެވެ. މި ސްކީމްގައި ބައިވެރިވާން މޯގޭޖްގެ ގޮތުގައި ދައްކަން ޖެހޭނީ އެ މީހާއަށް ލިބިފައިވާ ގޯތި ނުވަތަ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް ކަމަށްވެސް ވިދާޅުވިއެެވެ.

ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 5,000 ރުފިޔާ ކަމަށާއި މި ލޯން ސްކީމްގެ ދަށުން ގިނަވެގެން ހަތް ލައްކަ ރުފިޔާ ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

  • ގެދޮރުވެރިޔާ ލޯން ސްކީމްގެ ތަފްސީލު
  • ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށް
  • ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް
  • މި ލޯން ސްކީމްގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓް
  • އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000 ރުފިޔާ
  • މި ލޯން ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގައި
  • އަލަށް އިމާރާތް ކުރަން ލޯނަށް އެދޭނަމަ، އެ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ހަރަދު ލާން ޖެހޭ

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ފަސޭހަ ގޮތުގައި ލިބެން ނެތުން ކަމަށެވެ. އަދި ބޭންކުތަކުން ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ވަރަށް ބޮޑު ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގެ ގެތަކަކީ މާލެއާ އަޅާ ބަލާއިރު، ކޮމާޝަލް ވެލިއު ކުޑަތަންތަން ކަމަށާއި އެހެންކަމުން އެ އިމާރާތް ކުރުމަށް ލިބޭ ލޯނަކީ ހަމަ އަގުގައި އަތްފޯރާ ފަށުގައި ލިބޭ ލޯނަކަށް ހަދަންޖެހޭ ކަމަށެވެ.