ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ އިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ބިލު ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު އެކަމަށް ތާއީދެއް ނުކުރެއްވިއެވެ.

ލާމަރުކަޒީ ގާނޫނަށާއި، ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެންނަން އެ ބިލު ޖަލްސާއަށް ހުށަހެޅުއްވީ، ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދެވެ. އެއީ އެމްޑީޕީ މެންބަރެކެވެ.

ސައީދު ބިލު ހުށަހެޅުއްވުމުން އިބްތިދާއީ ބަހުސްގައި އެބިލަށް ތިން މެންބަރަކު އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ.

އޭގެ ތެރެއިން ބިލަށް ވާހަކަ ދެއްކެވި ފުރަތަމަ މެންބަރު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު (މޯޑު) ވިދާޅުވީ، ސައީދު ހުށެހެޅުއްވި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނުއިރުވެސް އެ ބިލަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެފައިވާނެ ކަމަށް މޯޑު ވިދާޅުވިއެވެ.

މޯޑު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ތައާރަފުކުރީ ރައްޔިތުން އެދޭގޮތަށް ރަށްތައް ތަރައްގީކޮށް ރަށްރަށުގެ ކަންކަން ހިންގުމަށް ކަމަށެވެ. އެ ނިޒާމަކީ ރައްޔިތުން ގެނައި ނިޒާމެއް ކަމަށާއި، އެއީ ރައްޔިތުން ނިންމި ނިނުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ލާމަރުކަޒީ ގާނޫނު އިތުރަށް ހަރުދަނާ ކުރަމުން ދަނިކޮށް އެފަދަ އިސްލާހެއް ގާނޫނަށް ގެންނަން ހުށަހަޅަން ޖެހުނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯޑު ވިދާޅުވި ގޮތުގައި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ގެނައީ، ރަށްތައް ހިންގުން މައި ސަރުކާރުން ކޮންޓްރޯލްކޮށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެޓޯލްސް މިނިސްޓަރު ބޭނުންވާ ބަޔަކު ކަތީބުން ކަމަށް ހަމަޖައްސައި ބޭނުން ގޮތަކަށް އެތަންތަން ހިންގަމުން ދަނިކޮށެވެ.

އޭގެ ފަހުން ކައުންސިލްތަަކަށް ބަދަލުވުމުން ކައުންސިލަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އެތަންތަނުގެ އިދާރީ ހިންގުމުގައި ވަކި ގޮތަކަށް ބައްޓަން ވެފައި ތިބި ބަޔަކު ކައުންސިލްތަކަަށް އެއްބާރުލުން ނުދީ ކައުންސިލްތައް ބޭނުންވާ ގޮތަށް ކަންކަން ހާސިލްކުރަން އެއްބާރުލުން ނުދިނުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި ގިނަ އިސްލާހުތަކެއް ގެނައިއިރު، ކައުންސިލް މެންބަރުންގެ ދަށުން މުޅި ކައުންސިލުން ނިންމާ ކަންކަން ތަންފީޒު ކުރުމުގެ އެންމެ އިސް ރޯލެއް އަދާކުރާނީ ސެކްރެޓަރީ ޖެނެރަލް ކަމަށް ކަނޑައަޅައި އެއީ ސިވިލްސާވިސް މުވައްޒަފެއް ކަމަށާއި އެ މުވައްޒަފު ނަގަން ޖެހޭނި ސިވިލްސާވިސް ކޮމިޝަނުން ކަނޑަޅާފައިވާ އުސޫލާ އެއްގޮތަށް ކައުންސިލްގެ ލަފާގެ މަތިން ކަމަށް ގާނޫނުގައި ލިޔުނީ ކަމަށްވެސް މޯޑު ވިދާޅުވިއެވެ.

އެގޮތަށް ކައުންސިލްތައް ހިނގަން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް އެގޮތް ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ރަނގަޅުކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މި ބިލަށް ވާހަކަ ދެއްކެވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ، ގެނަމަފުށި ދާއިރާގެ މެންބަރު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލުގެ ލަފައާ އެއްގޮތަށް ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަން ގާނޫނުގައި ހިމެނީ ވަރަށް ގިނަ މަޝްވަަރާތަކަކަށްފަހު އެތައް ބައެއްގެ ލަފައާއެކުގައި ކަމަށެވެ.

މި ބިލަށް ވާހަކަ ދެއްކެވި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ވެސް ވިދާޅުވީ، މެންބަރު ސައީދު ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ، އެ ހުށަހެޅުމަށް މި ތަހުޒީބު ވަގުތުގައި ތާއީދު ނުކުރައްވާ ކަމަށެވެ.

މީގެ ކުރިން ސަރުކާރުންވެސް ވަނީ އެ އިސްލާހަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.

އެ އިސްލާހާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެފައި ވަނީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި ކައުންސިލުގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައި އެވަނީ މި ސަރުކާރުން ގެނައި މުހިންމު އިސްލާހާއެކު ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން ކަމަށްވެސް ވިދާޅުވިއެވެ.