ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން އިންވެސްޓު ކުރިޔަސް، އެ އެއާޕޯޓު ހިންގައި ބަލަހައްޓާނީ ދިވެހި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގަން ރާވާފައިވާ ޕްރޮޖެކްޓެކެވެ. އެ މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާ މެއި މަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ އިރު، އަންނަ މަހުގެ ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް އިއްޔެ ގެނައި އިސްލާހާއެކު، ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ސަރުކާރުން އުޅޭކަމުގެ އަޑުތައް އިތުރަށް ވަނީ ގަދަވެފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެގްޒިމް ބޭންކުގެ ލޯން ފެސިލިޓީގެ ދަށުން ހަނިމާދޫ އެއާޕޯޓް ހިންގި ނަމަވެސް އެ އެއާޕޯޓް ހިންގާ ބަލަހައްޓާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެފްޑީއައި އަށް ގެނައި އިސްލާހުގައި ދިވެހި އަދި ބޭރުގެ އިންވެސްޓަރަކަށްވެސް އެއާ ޓްރެފިކް އޮޕަރޭޝަން ހިންގުމުގެ ހުއްދައެއް ނުދޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ދިވެހި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.