ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭނުން ކޮށްގެން އެހެން ގައުމުތަކުގައި އުޅަނދު ފަހަރު ދުއްވޭ ގޮތަށް އޮންނަ، އެއްގަމު އުޅަނދުފަހަރާ ގުޅޭ ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދީފި އެވެ.

އެ ދެ މުއާހަދާ އަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" އެވެ.

އެ ދެމުއާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމާ ގުޅިގެން، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި ދެ މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުން، މި މުއާހަދާތަކުގައި ސޮއިކޮށްފައިވާ ގައުމުތަކުގައި، އިތުރު ލައިސެންސެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި، އެ ގައުމުތަކުގެ ކަމާގުޅޭ އިދާރާތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ރާއްޖޭގައިވެސް، އިތުރު ލައިސެންސެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ބޭނުން ކުރެވޭނެއެވެ.

މި ދެ މުއާހަދާގައި ބައިވެރިވުމަށް ވަޒީރުން ލަފާދެއްވާފައި ވީ ނަމަވެސް، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި، އެއް ގައުމުން އަނެއް ގައުމަށް އުޅަނދުފަހަރު ބަދަލުކުރާއިރު އުޅަނދު ރަޖިސްޓްރީ ކުރުމަކާ ނުލައި ދުއްވުމުގެ ހުއްދަ ދިނުމަށް ބަޔާންކޮށްފައިވާ ނުކުތާއަށް އިއުތިރާޒު ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ލަފާދެއްވައިފައެވެ.