ޔޫރޯ 2020 ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި އޮތް ޓީމަކަށްވާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސެވެ. އެޓީމަށް މުބާރާތަށް ކުރެވޭ އުންމީދު ބޮޑުކަމުން ސަޕޯޓަރުންގެ ޔަގީންކަންވެސް ވަނީ ވަރަށް ބޮޑުވެފައެވެ. ކޯޗު ޑިޑިއާ ޑިޝޭމްޕްސް ވަނީ ސަޕޯޓަރުންގެ އުންމީދަށް ކޮންމެވެސް ވަރަކަށް ފާޑު ކިޔާފައެވެ. ސަޕޯޓަރުން ގާތު ޑިޝޭމްޕްސް ބުނެފައި ވަނީ "ފްރާންސަށް އަދި ޔޫރޯ ނުނެގޭ ކަމަށެވެ." އަދި ޔޫރޯ ނެގުމަށް ހުނަރުވެރި ޓީމަކަށްވުރެ ބޮޑަށް ޓީމުގެ ރޫހު، ގުޅުން މުހިއްމު ކަމަށެވެ.

އެ ރޫހަށް އަސަރު ކޮށްފާނެ ބައެއް ވާހަކަތައް ދެ ކުޅުންތެރިޔަކު ވަނީ މީޑިއާގައި ދައްކާފައެވެ. މައްސަލައިގެ ފެށުމަކީ ޔޫރޯގެ ކުރިން ހަންގޭރީއާ ދެކޮޅަށް ފްރާންސުން ކުޅުނު އެކުވެރިކަމުގެ މެޗެވެ. އެ މެޗުގައި ކަރިމް ބެންޒެމާއަށް އަނިޔާ ވެ މެޗަށް ނުކުތީ އޮލިވިއާ ޖިރޫއެވެ. ޖިރޫ މެޗުގައި ދެ ގޯލް ޖެހި ނަމަވެސް ފައިބައިގެން ދިޔައީ މާޔޫސްކަމުގައި ކަމަށް މެޗު ނިންމައި ޕްރެސްގައި ވަނީ ބުނެފައެވެ.

ޖިރޫ ބުނެފައި ވަނީ އޭނާ ކުރިއަށް ދުވާ ދުވުންތަކަކީ އެންމެ ފުރިހަމަ ދުވުންތައް ނޫން ނަމަވެސް ކިލިއަން އެމްބާޕޭ ދޭން ޖެހޭ ބޯޅަތައް ނުދޭ ކަމަށެވެ. ހާއްސަކޮށް އަރިމަތިން އެމްބާޕޭ ހުރަސްތައް ނުނަގާ ކަމަށް ޖިރޫ ވަނީ ހިތްހަމަ ނުޖެހުމާއެކު ފާހަގަކޮށްފައެވެ. މުބާރާތެއްގެ ކުރިން އެފަދަ ވާހަކަތަކެއް މީޑިއާގައި ތިލަވުމާއެކު އެކުގައި ތަމްރީނު ކުރާ ކުޅުންތެރިން ވަނީ އެ ވާހަކަތަކަކީ ދޮގު ކަމަށް ބުނެ، ބޮލުން ފޮޅާލައިފައެވެ.

އަނެއްކާވެސް އެވާހަކަތައް ދައްކަން ފަށާފައި ވަނީ އެކަމަށް އެމްބާޕޭ ވާހަކަ ދެއްކުމުންނެވެ. އެމްބާޕޭ ބުނެފައި ވަނީ ޕާސް ނުދޭ ވާހަކަ ޖިރޫގެ ފަރާތުން ސީދާ މީޑިއާއަށް ދިޔުމުން އެކަމާ "އަސަރު" ކުރި ކަމަށެވެ.

"އަހަރެން ޖިރޫއާ ވާހަކަ ދެއްކިން. އެންމެނަށް ވެސް އެނގޭނެ ވީ ގޮތް. ރަނގަޅު ވާހަކައެއް އެއީ. އަހަންނަށް އަސަރު ކުރި ޖިރޫ އެގޮތަށް ކަންތައް ކުރީމަ. އެކަމަކު އެއީ ބޮޑު ކަމަކަށް ނަހަދާނަން. އެއީ އަހަރެމެން ފްރާންސް ތަމްސީލު ކުރަން އައިސް ތިބީމަ. ޖިރޫ ބުނި އެއްޗަކާ މެދު ފަހުން މާ ބޮޑަކަށް ނުވިސްނަން. އެއީ އަހަރެން ފޯވަޑަކަށް ކުޅޭނަމަ އަހަންނަށް އެކަހަލަ ކޮމެންޓް ކޮންމެ ދުވަހަކުވެސް އަންނާނެތީ. މެޗު ނިންމާފަ ދިޔަ ގޮތަށް ގޮސް ޖިރޫ އަށް އަހަރެން މަރުހަބާ ކީން. އެގަޑީގަ އެއްވެސް ގޯސް ވާހަކައެއް ނުބުނޭ. އަހަރެން ހީއެއް ނުކުރަން އޭނާ ޕަބްލިކަލީ އެވާހަކަ ދައްކާނެ ކަމަކަށް. އެކަމަކުވެސް އެއީ ބޮޑު ކަމެއް ނޫން. އެއީ ކުޑަކުޑަ ކަމެއް،" އެމްބާޕޭ ޕްރެސްގައި ބުނެފައިވެއެވެ.

އެމްބާޕޭއާއި ޖިރޫގެ އެވާހަކަތަކަށް ކޯޗު ޑިޝޭމްޕްސްވެސް ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ވަނީ ކޭމްޕްގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ.

"އެހެން ހުރިހާ ފޯވަޑުންވެސް ބުނާހެން ޖިރޫވެސް ބުނެފާނެ ބޯޅަ ނުލިބޭ ކަމަށް. އެއީ މައްސަލައެއް ނޫން. އަހަރެން އެކަމަށް ކުޅުންތެރިންނާ ދިމާއަށް ވަކި އެއްޗެއް ނުބުނަން. އަހަރެން ބުނި އެއްޗަކީ ބުނާ ކޮންމެ އެއްޗެއްގެ ސަބަބުންވެސް ބައިބައިވުން އުފެދި، ޓީމާ ދޭތެރޭ މީހުން ބުނާ ބުނުން ބަދަލުވެދާނެ ކަމުގެ ވާހަކަ. ބޭރުން ގެންނަން އުޅޭ މައްސަލައެއް އެއީ. ޓީމް ތެރޭގައި އެފަދަ ނެތް މައްސަލައެއް،" ޑިޝޭމްޕްސް ބުނެފައިވެއެވެ.