ޔޫރޯ 2020 ގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި ނެދަލޭންޑްސްއިން ޔޫކްރެއިން ބަލިކޮށްފިއެވެ.

މިރޭ ނެދަލޭންޑްސްގެ ހޯމް، އެމްސްޓަޑާމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު ފޯރިގަދަ މެޗު ނެދަލޭންޑްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ނެދަލޭންޑްސްއިން މިރޭގެ މެޗަށް ނުކުތީ އެގައުމުގެ ފުޓުބޯޅައިގެ ކަޅު ދުވަސްތަކަށް ނިމުން ގެންނަން ތައްޔާރުވެގެންނެވެ. ފަހަކަށް އައިސް ނެދަލޭންޑްސްއަށް އައީ ފުޓުބޯޅައިގައި ވަރަށް ބޮޑަށް ނާކާމިޔާބު ދުވަސްތަކަކެވެ. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައި ވެވިފައެއް ނުވެއެވެ. އެ މާޔޫސްކަން ފިލަވޫލަމަށް ގްރޫޕްގައި މިރޭ ނުކުތީ ޔޫކްރެއިންއާ ދެކޮޅަށެވެ.

ޔޫކްރޭން މީގެ ކުރިން ކޮލިފައިވީ ދެ ފަހަރުއެވެ. އެއީ އެންމެފަހުން ކުޅުނު ދެ ޔޫރޯއަށެވެ. އެ ތަޖުރިބާގެ ބޭނުން ހިފައި މިރޭގެ މެޗަށް ނުކުތީ ގްރޫޕް ސްޓޭޖުން ދެމިގަތުމަށް މުހިއްމު މެޗަކަށް ބަލައިގެންނެވެ.

މެޗު ފެށިގެން ނެދަލޭންޑްސްއިން ފެނުނީ އެޓީމުގެ ސްޓައިލުގައި ކުޅުނު ތަނެވެ. ޕްރެސްކޮށް ޔޫކްރެއިންގެ ޑިފެންސް ހޫނު ފެނަށް ވައްޓާލައި ނެދަލޭންޑްސްއިން ހަމަލާތައް އުފައްދާފައިވެސް ވެއެވެ. ފުރަތަމަ ފަސްވަނަ މިނެޓުގައިވެސް ޑެންޒިލް ޑަމްފްރީސްއަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ޑަމްފްރީސް ފޮނުވާލި ހަމަލާ ކުރިއަށް ޖެހި މަތަކުރީ ޔޫކްރެއިންގެ ގޯލްކީޕަރު ބުޝްޗާންއެވެ. ފުރަތަމަ ހާފްގައި ޔުކްރެއިންގެ ހީރޯއަކީވެސް ބުޝްޗާންއެވެ.

ފުރަތަމަ ހާފްގައި ނެދަލޭންޑްސްގެ ވޭން އާންހޯލްޓްގެ އިތުރުން ވޯޓް ވެންގޯޓްގެ ހަމަލާވެސް ކީޕަރު ބުޝްޗާން މަތަކޮށް ބޭރުކޮށްލާފައިވާ އިރު، އަނެއްކޮޅުން ނުރައްކާކުރި ހަމައެކަނި ކުޅުންތެރިޔަކީ ރޯމަން ޔަރުމަލެންކޯއެވެ. ކުރިއަށް ޖެހި ބޯޅަ ހިފަހައްޓައިގެން ޔަރްމަލެންކޯ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައިވާ އިރު، ނެދަލޭންޑްސްގެ އުމުރުން 38 އަހަރުގެ މާޓެން ސްޓެކެލެންބާގަށް މާ ބޮޑު ޕްރެޝަރެއް ކުރެވިފައެއް ނުވެއެވެ. ނެދަލޭންޑްސް ގޯލްކީޕަރަކީ މިއަހަރު ޔޫރޯގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.

ދެވަނަ ހާފުވެސް ނެދަލޭންޑްސްއިން ފެށީ ފުރަތަމަ ހާފްގެ ޓެމްޕޯގައެވެ. ހަލުވި ޕްރެސިންނާއެކު ނެދަލޭންޑްސް ކުޅެމުން ގޮސް، ހާފުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. ގޯލް ޖެހީ ކެޕްޓަން ޖީޖީނިއޯ ވައިނާލްޑަމްއެވެ. ޑަމްފްރީގެ ހުރަސް ގޯލްކީޕަރު ބުޗާން އޭރިއާ ބޭރަށް ޕަންޗު ކޮށްލި ނަމަވެސް ލިބުނީ ވައިނާލްޑަމްއަށެވެ. އޭނާ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައި ހޯމް ސްޓޭޑިއަމްގެ އަޑު ގުގުމާލިއެވެ.

އެ ޖޯޝާ ރޫހުގައި ސަޕޯޓަރުން އަޑު ގަދަކޮށްލައި ނެދަލޭންޑްސްއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ. ނެދަލޭންޑްސްގެ ދެވަނަ ގޯލެއް 58 ވަނަ މިނެޓުގައި ޖެހީ ވެގޯސްޓެވެ. އަރިމަތިން ޑަމްފްރީ ވަދެގެން ގޮސް މަޑުމަޑުން ނަގައިދިން ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް ވަނީ ގޯލްކީޕަރު އަތުގައި ޖެހިފައެވެ.

އެ ގޯލަށް ފުރުސަތު ފަހިކުރުމުގައި ޑަމްފްރީ ފައުލް ކުރިތޯ ވީއޭއާރްގެ އެހީގައި ރެފްރީ ބެލި ނަމަވެސް ނިންމީ ފައުލް ނުވާ ކަމަށެވެ. އެ އުފަލުގައި ޔޯހަން ކްރައިފް އެރީނާ ގުގުމަމުން ދަނިކޮށް ސްޓޭޑިއަމް މައިތިރިކޮށްލީ 75 ވަނަ މިނެޓުގައި ޔަރްމަލެންކޯ ޔުކްރެއިންއަށް ޖަހައިދިން ހިތްގައިމު ގޯލުންނެވެ. އޭގެ ފަހުން ސްޓޭޑިއަމްއަށް މަޑުމޮޅިކަން ވެރިވީ 79 ވަނަ މިނެޓުގައި ޔަރެމްޗުކްގެ ގޯލުން ޔޫކްރެއިން ނަތީޖާ ހަމަހަމަކުރުމުންނެވެ. އޭނާ ގޯލު ޖެހީ ނެދަލެންޑްސް ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އެ ހިސާބުން މެޗުގެ ޑްރާމާ ނިމުނީއެއް ނޫނެވެ. ނެދަލޭންޑްސްއިން ސަޕޯޓަރުން އަލުން ހެއްވާލީ 85 ވަނަ މިނެޓުގައެވެ. ނޭތަން އަކޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔައީ ޑަމްފްރީސްއެވެ. ގޯލާއެކު ޔޯހަން ކްރައިފް އެރީނާ އުތުރި އެރި ކަހަލައެވެ.