ސައިކަލް އެކްސިޑެންޓް ވުމުން ވެސް މަޑުނުކޮށް 'ފިލި' އަހްމަދު އާތިފް އަބްދުﷲ، އެ ހާދިސާގައި މަރުވި އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީގެ އާއިލާ ކިބައިން މައާފަށް އެދިއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭގަ އެވެ. ސައިކަލުގެ ފަހަތުގައި އިން ޔަޒްދާން އަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އޭޑީކޭއިން ބުނީ އެކްސިޑެންޓު ވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
އެކްސިޑެންޓްވުމުން ވެސް ސައިކަލް ދުއްވަން އިން މީހާ މަޑު ނުކޮށް ގޮސްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ އޭގެ ހަފުތާއެއް ވާން އެއް ދުވަހަށް ވެފައި ވަނިކޮށް މި މަހުގެ އެއް ވަނަ ދުވަހު އެވެ.
ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ އިތުރު 15 ދުވަސް ޖަހައިދީފަ އެވެ.
މުއްދަތު މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރު ވިދާޅުވީ، އާތިފްގެ ފަރާތުން އެ އެކްސިޑެންޓްގައި މަރުވި ޔަޒްދާންގެ އާއިލާއާ ބައްދަލުކޮށް މައާފަށް އެދިފައިވާ ކަމަށެވެ. އަދި ޔަޒްދާން މަރުވުމުގައި އާތިފްގެ މާބޮޑު އިހުމާލެއް ނެތް ކަމަށް އާއިލާއިން ދެކޭ ކަމަށް ވަކީލު ވަނީ ބުނެފަ އެވެ.
ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ވެފައި އެކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ވުރެން ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެ ކަމަށް ގާޒީ ވަނީ ފާހަގަކުރައްވައިފަ އެވެ.
އެހެން ކަމުން މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ވަނީ އާތިފްގެ ބަންދަށް 15 ދުވަސް އިތުރުކޮށްދެއްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު