ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީ އަށް އެމަނިކުފާނުގެ ބޮޑީގާޑުން ހާޒިރު ކުރަން ފަށައިފިއެވެ.

އެ އިންކުއަރީއަށް މީގެ ކުރިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްްމަދު ހަމީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދުވެސް ވަނީ ހާޒިރުކޮށްފައެވެ.

އެ ބޭފުޅުންނަށްފަހު، ވަކިވަކި ފުލުހުން ކޮމިޓީއަށް ހާޒިރުކުރުން މިހާރު ކުރިއަށް ގެންދާ އިރު އިއްޔެ އާއި މިއަދުވެސް ވަނީ އެސްޕީޖީގެ ސިފައިންގެ ތެރެއިން ބައެއް ސިފައިން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުން، އެ މައްސަލައިގައި މިހާތަނަށް ކޮމިޓީއަށް ހާޒިރު ކުރަން ބޭނުންވި ފަރާތްތަކުން ވަނީ އެއްބާރުލުން ދީފައެވެ. އަދި އެ ކޮމިޓީއަށް މައުލޫމާތު ނުދިނުމަކީ ކުށެއް ކަމަށްވެސް ވިދާޅުވިއެވެ.