ޔޫރޯ 2020ގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި މިރޭ ނެދަލޭންޑްސް ނުކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ. ނެދަލޭންޑްގެ އަމިއްލަ ދަނޑު، ޔޯހަން ކްރައިފް އެރީނާގައި މެޗު ކުޅުން ވެގެންދާނީ ނެދަލޭންޑްސްއަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ހާއްސަކޮށް އެގައުމުން ފުޓުބޯޅަ އަލުން ނަގައި ކޮޅަށް ޖެހުމަށް މިރޭ ކުޅޭ ފުރަތަމަ މެޗު ވަރަށް ބޮޑަށް މުހިއްމު ވާނެއެވެ.
ޔޫރޯގައި ނެދަލެންޑްސް ފާހަގަކޮށްލެވެނީ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. އެޓީމު ވަނީ ޔޫރޯގައި ނުވަ ފަހަރު ވާދަ ކޮށްފައެވެ. އޭގެ ތެރެއިން ވެސް ނެދަލެންޑްސް އަށް ކާމިޔާބު ކުރެވުނީ އެންމެ މުބާރާތެކެވެ. އެއީ 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯއެވެ. އެއިރު އެޓީމުން ރޮނަލްޑް ކޫމަން، ރޫޑް ގުލިޓް އަދި މާކޯ ވެން ބަސްޓެން ފެނިގެންދިޔައެވެ. އޭގެ ފަހުން ވެސް ޔޫރޯގައި ނެދަލެންޑް ވިދާލިއެވެ. އެގޮތުން ޔޫރޯ 1992، ޔޫރޯ 2000، ޔޫރޯ 2004ގެ ތިންވަނަ މަގާމު ހޯދިއެވެ. އަދި ޔޫރޯ 1996 އާއި ޔޫރޯ 2008ގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަ ކުރިއެވެ.
ފަހުގެ ތާރީހެއްގައި ނެދަލެންޑްސްގެ އެންމެ މާޔޫސީ ދުވަސްތަކަކީ 2014 ގެ ފަހެވެ. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައި ވެވިފައެއް ނުވެއެވެ.
އަނެއްކޮޅުން ޔޫރޯއަށް ޔޫކްރޭން ކޮލިފައި ވީ ދެ ފަހަރުއެވެ. އެއީ އެންމެފަހުން ކުޅުނު ދެ ޔޫރޯއަށެވެ. ޔޫރޯ 2012، ޔޫރޯ 2016ގައި ވެސް ޔޫކްރޭން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕު ސްޓޭޖުންނެވެ. މިހާތަނަށް ޔޫކްރެއިންއާ ނެދަލޭންޑްސް ވާދަކޮށްފައި ވަނީ އެންމެ ދެމެޗުގައެވެ. އޭގެތެރެއިން 2008 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ނެދަލޭންޑްސްއިން ކާމިޔާބު ކުރި ނަމަވެސް 2010 ގެ އެކުވެރިކަމުގެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
- ނެދަލޭންޑްސް ކޯޗު - ފްރޭންކް ޑި ބޯ
މިރޭގެ މެޗު ތަފާތުވާނެ އެއް ސަބަބަކީ ގައުމީ ޓީމުގެ ދެ ލެޖެންޑުން ދެކޮޅުގެ ބެންޗުގައިވެސް އިރުޝާދު ދޭން ތިބުމެވެ. ފްރޭންކް ޑި ބޯއަކީ އެގައުމުގެ ގޯލްޑަން ޖެނެރާޝަންގެ ކެޕްޓަނެވެ. އަނެއްކޮޅުން އެންދްރޭސް ސެވްޗެންކޯއަކީ ޔޫކްރެއިންގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. ޕްރި މެޗު ޕްރެސްގައި ފްރޭންކް ޑި ބޯ ވަނީ ސެވްޗެންކޯގެ މަސައްކަތަށް ތައުރީފު ކޮށްފައެވެ. ފްރޭންކް ޑި ބޯ ދެން ފާހަގަކުރީ އެޓީމުގެ އަމާޒަކީ މުބާރާތް ކަމަށެވެ.
"އެއްވެސް ޓީމެއް ދެކެ ޖެހިލުން ނުވާނެ ޓީމެއް އަހަރެމެން އަތުގައި އެބަ އޮތް. ރަނގަޅަށް ކުޅެ ނެދަލޭންޑްސްއަށް ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ. އެކަމަކު ދެން ތަށްޓައް ވާދަކުރާ ހަތް ގައުމުވެސް ބަލިކޮށްގެން ނެދަލޭންޑްސްއަށް ތަށްޓާ ހަމައަށް ދެވޭނީ. ދޭއް ނޫނީ ތިން ފެވަރިޓުން މުބާރާތުގައި އެބައޮތް. ބެލްޖިއަމް ފްރާންސް އަދި ސްޕެއިންއަކީ ފެވަރިޓުން. ނެދަލެންޑްސް ނުގުނާނަން އެ ލިސްޓްގެ ފެވަރިޓެއްގެ ގޮތުގައެއް. ދެން އޮތީ ޖަރުމަނާއި، އިޓަލީ، އިންގްލެންޑް އަދި ޕޯޗުގަލް، މި ޓީމުތަކަށްވެސް ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ،" ޑި ބޯ ބުނެފައިވެއެވެ.
އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކަށް މުބާރާތް ގެއްލުން އެއީ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ޑި ބޯ ފާހަގަކުރިއެވެ.
- ޔޫކްރެއިންގެ ކޯޗު އަންދްރޭ ސެވްޗެންކޯ
"އަހަރެމެންނަށް އެނގޭ އަހަރެމެން ކުޅެން މި ޖެހެނީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކަން. ނެދަލޭންޑްސްއަކީ ގްރޫޕްގެ ފެވަރިޓުން. ޔޫކްރެއިންގެ ގަދަ ފަޔަކަށްވާނީ ބަދަލު ނުކުރާ ސިސްޓަމެއް އޮތުން. އެ ބަދަލެއް ނުކުރާނަން. ފޯމޭޝަނަށް ބަދަލެއް އައި ނަމަވެސް ކޮންމެ މެޗަކަށްވެސް ހިފަހައްޓާނެ ވަކި އުސޫލެއް އޮންނާނެ. ކުޅުންތެރިން ތިބޭނީ އެ އުސޫލަށް ހޭނިފަ،" ސެވްޗެންކޯ މެޗުގެ ކުރިން ބުނެފައިވެއެވެ.
ސެވްޗެންކޯއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވުނު މޮޅު ފޯވަޑެކެވެ. ޔޫކްރޭނުން ވާދަކުރި ހަމައެކަނި ވޯލްޑް ކަޕުގައި ކުއާޓާއާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޝެވްޗެންކޯއެވެ. ވޯލްޑް ކަޕް 2006ގައި ޔޫކްރޭނުގެ ކެޕްޓަން ޝެވްޗެންކޯ ވަނީ ދެ ގޯލު ޖަހައިފައެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ބެލެންޑިއޯ އެވޯޑު ވެސް ހޯދައިފައެވެ. އިޓަލީގެ އޭސީ މިލާނާއި އިނގިރޭސިވިލާތުގެ ޗެލްސީން ފެނުނު ޝެވްޗެންކޯ ކުޅުން ހުއްޓާލީ 19 އަހަރަށްފަހު 2012 ވަނަ އަހަރުއެވެ.
ޔޫކްރެއިންއާއި ނެދަލޭންޑްސް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް