ޔޫރޯ 2020 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ވޭލްސްއާއި ސްވިޒަލޭންޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ދެ ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ.
ވޭލްސްގެ ތާރީހުގައިވެސް އެ ޓީމުން ކުޅުނު އެންމެ ފުރަތަމަ ޔޫރޯއަކީ 2016 ވަނަ އަހަރު ފްރާންސްގައި އޮތް ޔޫރޯއެވެ. އެ މުބާރާތުގެ ސެމީއަށް ވޭލްސް ދަތުރުކުރުން ވެގެންދަނީ "ސަޕްރައިޒް"އަކަށެވެ. ވޭލްސްގެ ހިތްވަރަކީ އެއީއެވެ. އެ ކާމިޔާބީ ތަކުރާރުކުރުމަކީ މިފަހަރުގެ ޓީމަށް އޮތް ޗެލެންޖެވެ. ޗެލެންޖް ފެށީ މިއަދު ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މިއީ ސްވިޒަލޭންޑްގެ ފަސްވަނަ ޔޫރޯއެވެ. އެންމެ ކާމިޔާބު ޔޫރޯއަކީ 2016 ގެ ޔޫރޯއެވެ. އެޓީމަށް އެންމެ ދުރަށް ދެވުނީ ގަދަ 16 އާ ހަމައަށެވެ.
ބަކޫގެ ހޫނުގައި ކުޅުނު މެޗު ދެޓީމުންވެސް ފެށީ ދާދި އެއް ސްޓައިލެއްގެ ކުޅުމަކުންނެވެ. ފަހަތުގައި މަޑުކޮށްލައި، ކައުންޓާއަށް ވިސްނައިގެންނެވެ. ފުރަތަމަ މެޗުގެ ޕްރެޝަރާވެސް އެކުގައެވެ. މެޗުގެ 15 ވަރަކަށް މިނެޓުގައި ހަމަލާއެއް ނުފެނި ދިޔަ ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ވޭލްސްއިން ނުރައްކާ ކުރިއެވެ. ކީފާ މޫރު އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާ ބޭރުކޮށްލީ ސްވިޒަލޭންޑްގެ އިތުބާރު ގޯލްކީޕަރު ޔޭން ސޮމާއެވެ. ސޮމާގެ ތަޖުރިބާ މުބާރާތުގައިވެސް ސްވިޒަލޭންޑަށް މުހިއްމުވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 62 ވަނަ މެޗެވެ.
ސްވިޒަލޭންޑުން އެ ހަމަލާއަށް ރައްދުވެސް ދިނެވެ. ފަސް ވަރަކަށް މިނެޓް ފަހުން ލިބުނު ކޯނަރަކަށް އަރައި ސްވިޒަލޭންޑްގެ ޑިފެންޑަރު ފަބިއަން ޝާ ހިތްގައިމު ގޮތަކަށް ފައިން ޖައްސައި "ފްލިކް" ކޮށްލި ބޯޅަ ފައިން މަތަކޮށް ބޭރުކޮށްލީ ވޭލްސްގެ ގޯލްކީޕަރު ޑެނީ ވާޑެވެ. މެޗުގެ ހޫނު މަޑުމަޑުން ގަދަވަމުންދިޔައެވެ. ބަކޫގެ ހޫނުގަދަ މާހައުލަށް ކުޅުންތެރިން ހޭނި، ޕާސްތައް އެކުވާން ފެށީ ހާފުގެ ފަހުކޮޅުގައެވެ. ހާއްސަކޮށް ސްވިޒަލޭންޑްގެ ކުޅުމުން ދިރުން ފެންނަން ފެށިއެވެ.
ހެރިސް ސެފަރޮވިޗްގެ ނުރައްކާތެރި ބާރު ދެ ހަމާލައެއް ގޯލަށް އަމާޒުނުވެ ދިޔަ އިރު، ހާފު ނިމިގެންދިޔައީ ގޯލެއް ނުޖެހިއެވެ. ސްވިޒަލޭންޑުން ދެވަނަ ހާފު ފެށީ ފުރަތަމަ ހާފު ނިންމާލި ޓެމްޕޯގައެވެ. އެ ހިތްވަރުގައެވެ. ލީޑު ނަގަން ގިނައިރުތަކެއްވެސް ނުނެގިއެވެ. 49 ވަނަ މިނެޓުގައި ޒެރްދާން ޝަގީރީ ކޯނަރަކުން ހުރަސްކޮލި ބޯޅަ ގޯލަށް ވައްދާލީ ބްރީލް އެމްބޯލޯއެވެ.
ގޯލަށް ފަހު ސްވިޒަލޭންޑް ހަމަޖެހިލިއެވެ. ވޭލްސްއަށް ޖާގަ ދީ ފަހަތަށް ޖެހިލުމުގެ ފައިދާ ވޭލްސްއިން ނެގިވެސްމެއެވެ. މެޗުގެ 74 ވަނަ މިނެޓުގައި ނެގި ކޯނަރަކުން މޫރު ބޮލުން ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައި ވޭލްސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މިފަހަރު ގޯލްކީޕަރު ސޮމާއަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ކުރި ހޯދީ މޫރެވެ. ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވިއެވެ. ވޭލްސްއަށް އުންމީދު އާވެ ކުޅުމުގެ ފެންވަރު ބޮޑުތަނުން ރަނގަޅު ކޮށްލިއެވެ. ފަހު 10 މިނެޓުގައި ފެނިގެންދިޔައީ ދެޓީމުންވެސް މޮޅަކަށް ވަރުގަދައަށް މަސައްކަތް ކުރިތަނެވެ. ބޭލްއާއި ރެމްސީގެ ނުރައްކާ ފާހަގަކޮށްލެވުނު ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ކުޅުމަށް ނުކުމެ، މާރިއޯ ގަވްރޯނޮވިޗް ފޮނުވާލި ހަމަލާގައި ބޯޅަ ގޯލް ތެރެއަށް ވައްދާލި ނަމަވެސް، ވީއޭއާރްގެ އެޙީގައި ރެފްރީ ނިންމީ ގަވްރޯނޮވިޗް ބޯޅައަށް ދިޔައީ އޮފްސައިޑް މަގާމެއްގައި ހުރެފައި ކަމަށެވެ. ފަހު ފަސްވަރަކަށް މިނެޓް ފެނުނީ ޕްރެޝަރުކޮށެވެ. ދެޓީމުންވެސް ސީދާ ތިން ޕޮއިންޓަށް ހިފާ ހަމަލާތައް ގިނަވެސް ކުރިއެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ.
- މިރޭ ބާކީ ހުރި މެޗުތައް:
21:00 ފިންލޭންޑް - ޑެންމާކް
00:00 ބެލްޖިއަމް - ރަޝިއާ
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020