ފްރާންސްގެ ސަޕޯޓަރުންނަށް މިހާރު ޔޫރޯ 2020 ވެސް އެގައުމަށް ކާމިޔާބު ކުރެއްވިއްޖެހެން ހީވާ ކަމަށް ކޯޗު ޑީޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވަނީ ފްރާންސުންނެވެ. ޔޫރޯއަށް އެގައުމު ނުކުންނަނީ ދުނިޔޭގެ ޗެމްޕިއަނުން ގޮތުގައެވެ. އަދި އެންމެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ފައިނަލަށްވެސް ފްރާންސް ވަނީ ދަތުރުކޮށްފައެވެ. ކާމިޔާބީގެ އަހަރުތަކާއެކު ފްރާންސުން މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރާނެ ކަމަށް މީޑިއާގައި އަޑުތައް ވަނީ ގަދަވެފައެވެ. އެ ޕްރެޝަރު ފްރާންސަށް ބޮޑެވެ.

ޕްރެޝަރާއެކު ޑިޝޭމްޕްސް ވަނީ ފްރާންސަަށް މުބާރާތް ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެ، ސަޕޯޓަރުންގެ އުންމީދު ކޮންމެވެސް ވަރަކަށް ދަށް ކޮށްލައިފައެވެ.

"އަހަރެން ބުނިން ފެއިލިއާއަކަށޭ ވާނީ ޔޫރޯ ނުނެގިއްޖެ ނަމަ. އެކަމަކު އަދި ޔޫރޯއެއް ނުނެގޭ. ސަޕޯޓަރުންނަށް ބައެއް ފަހަރު ހީވޭ ފްރާންސަށް ޔޫރޯ ނެގިއްޖެހެން. އެއީ ގެންގުޅެން ބޭނުންވާ އެޓިޓިއުޑެއް ނޫން. ދަނޑަށް ނާރާ މުބާރާތް ނެގިއްޖެ ކަމަށް ނުވިސްނޭނެ. ފަސޭހަ ކޮށްލައިގެން ތިބެވޭކަށް ނެތް. އެ ވިސްނުމަކީ އެންމެ މަތީ ފަންތީގެ އެތުލީޓުންނަށް ބޮޑު ނުރައްކަލެއް،" ޑިޝޭމްޕްސް ބުނެފައިވެއެވެ.

ޑިޝޭމްޕްސް ވަނީ ފްރާންސްގައި ކޮލިޓީ ކުޅުންތެރިންނާއި ވަރުގަދަ ޓީމެއް އޮތް ކަމަށް ގަބޫލުކޮށްފައެވެ. ނަމަވެސް ޔޫރޯ ފަދަ މުބާރާތެއް ނެގުމަށް ކޮލިޓީ ކުޅުންތެރިންގެ އިތުރުން ބައެއް އެހެން ކަންކަން ބޭނުންވާ ކަމަށް ބުންޏެވެ. ޑިޝޭމްޕްސް ފާހަގަކޮށްފައި ވަނީ މުބާރާތެއް ނެގުމަށް ކުޅުންތެރިންގެ ހިތްވަރާއި ރޫހު މުހިންމުވާނެ ކަމަށެވެ.

ފްރާންސުން މީގެ ކުރިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ނަގައި ދެން ޖެހިގެން އައި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރިއެވެ. އޭރު އެ ޓީމުގެ ކެޕްޓަނަކީ ޑިޝޭމްޕްސްއެވެ. އޭނާ ބުނެފައި ވަނީ މިހާރު އޮތް ޓީމާ އޭރުގެ ޓީމާ އަޅާކިޔަން ބޭނުން ނުވާ ކަމަށެވެ. ހާއްސަކޮށް ކޮންމެ ޓީމެއްގައިވެސް ތަފާތުތަކެއް ހުންނާނެ ކަމަށް ޑިޝޭމްޕްސް ފާހަގަކުރިއެވެ.

ފްރާންސުން ޔޫރޯގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޖޫން 16 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށެވެ.