އަލިފުށީ ދާއިރާގެ މެންބަރު އަދި ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެމްޑީޕީން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓެއް ކަމަށް ބުނާ އެލްކްސް އަހުމަދު އެކައުންޓަކުން ބުނެފިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ހުރަސް އަޅަމުންދާ ކަމަށްބުނެ، އެމަނިކުފާނުގެ އެންމެ އަރިސް ބައެއް ބޭފުޅުން ވަނީ ބިގޭއަށް ހޫނު ރައްދުތަކެއް ދެއްވައި، ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ބަދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ބިގޭ ކަމަށެވެ.

އެލެކްސް އަހުމަދު މިރޭ ކުރި ޓުވީޓެއްގައި ބުނީ އެމްޑީޕީ ބައިބައިވާނެ ސަބަބެއް ނުވިސްނޭ ކަމަށާއި ފިޔަވަޅު އަޅާ ކޮމިޓީ މެންބަރުންގެ ބޭނުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެފަދަ މީހުން ވަކިކުރުން ކަމަށެވެ. އަދި އެމްޑީޕީއަކީ މެންބަރުންގެ ޕާޓީއެއް ކަމަށާއި ކަންކަން ނިންމާނީ މެންބަރުންގެ ވޯޓުން ކަމަށްވެސް ބުންޏެވެ.

އެލެކްސް އަހުމަދަކީ ރައީސް ނަޝީދު ކަމަށް ވަރަށް ގިނަ ބަޔަކު މީގެ ކުރިންވެސް ވަނީ ބުނެފައެވެ. އަދި އެލެކްސް އަހުމަދުވެސް ވަނީ އޭނާ އަކީ ރައީސް ނަޝީދު ކަމަށް ބުނެ ޓުވީޓުތައް ކޮށްފައެވެ.

އެލެކްސް ބުނީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހުށަހެޅުމަށް އެމްޑީޕީ މެންބަރުން ވޯޓު ދިނީ ބިގޭ ލޮބީ ކުރެއްވުމުން ކަމަށާއި އެއީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ.

އެލެކްސް އެ ބުނާ މައްސަލައަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ބެއްލެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން ބޭރުކޮށްލި މައްސަލައެވެ. ކޮމިޓީން އެ މައްސަލަ ބޭރުކޮށްލުމުގައިވެސް އިސް ދައުރެއް އަދާކޮށްފައިވަނީ ބިގޭ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

ރާއްޖެ ޓީވީގައި ބިގޭ މިއަދު ވިދާޅުވީ އޭނާއަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް ކަމަށާއި ސަރުކާރާއި މަޖިލީހުން އަދި އެހެން ދިމާތަކުން ވެސް މުއާމަލާތު ކުރާނީ އޭނާއާ ކަމަށެވެ. ނަމަވެސް ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލާ ގުޅޭގޮތުން ބޭއްވި އިމްތިޔާޒު ކޮމިޓީގެ މަސައްކަތް އޮތް ދުވަހު ރައީސް ސޯލިހު އޭނާއަށް ނުގުޅުއްވާ ކަމަށާއި އެ ވަގުތު ރައީސް ގުޅުއްވި ނަމަ އެންމެ އިންސާފުވެރި ގޮތެއް ވިސްނަވައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ހިނގައިދިޔަ ކަމެއްގައި ޕާޓީން އައި ފާޑު ކިޔުންތައް ބަލައިނުގަނެވޭނެ ކަމަށާއި އޭނާ ވެސް ބޭނުން ވަނީ ނަޝީދަށް ދިން ހަމަލާއަށް އިންސާފު ލިބުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަގަކޮށް ބިގޭ ވިދާޅުވީ، އިންސާފާ ހަމައަށް ވާސިލުވުމަށް ފުރޮޅަން ޖެހުނު ކޮންމެ ގާކޮޅެއް ވެސް ފުރޮޅާނެ ކަމަށެވެ.